ޚަބަރު

ކެންދޫ ކައުންސިލުން ރާއްޖޭގައި މުޅިންއަލަށް ޤުރުއާން ތަރުޖަމާ މުބާރާތެއް


ކީރިތި ޤުރުއާނާއި އުފާވެރި ދިރިއުޅުން ޕްރޮގްރާމްގެ ދަށުން ބ.އަތޮޅު ކެންދޫގައި ޤުރުއާން ތަރުޖަމާ މުބާރާތެއް ބާއްވައިފިއެވެ. މިއީ ރާއްޖޭގައި މިގޮތަށް ޤުރުއާން ތަރުޖަމާ މުބާރާތެއް ބޭއްވި ފުރަތަމަފަހަރެވެ. ކެންދޫ ކައުންސިލްގެ ރައީސް އިބްރާޙިމް އަބްދުއްރަޙުމާން ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ މުޅި ރާއްޖޭގައި މިފަދަ މުބާރާތްތައް ބޭއްވުން އިތުރުކޮށް ޤުރުއާންގެ އިލްމު ހިތުދަސްކުރާހެން އޭގެ މާނަ ނުވަތަ ދިވެހި ތަރުޖަމާ ދަސްކުރުމަށް ބާރުއެޅުމެވެ.

ކެންދޫ ކައުންސިލާ އެރަށުގައި ހުންނަ ޤުރުއާން ކްލާސްތައް ގުޅިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ މަގުސަދަކީ ރައްޔިތުންގެ މެދުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ދީނީ ހޭލުންތެރިކަމާ ޤުރުއާންގެ އިލްމު އުގެނުމާ އުގަންނައި ދިނުމަށް ބާރުއަޅާ ތަރުޖަމާ އެނގޭ ޖީލެއްބިނާކުރުމެވެ.

ތިން ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ޤުރުއާން ތަރުޖަމާ މުބާރާތް ބާއްވާފައިވަނީ އަންމާފޮތުގެ ސޫރަތްތަކުންނެވެ. މިމުބާރާތުގައި ބައިވެރިވީ 4 ޓީމް ހިމެނޭހެން 5 ބައިވެރިންނެވެ. އަންނަ އަހަރު މިއަށްވުރެ ގިނަ ބައިވެރިންނާއެކު މި މުބާރާތް ބާއްވާނެކަމަށް ކެންދޫ ކައުންސިލުން މައުލޫމާތުދެއެވެ.