އައްޑޫ ސިޓީ ހިތަދޫ ކުނިގޮނޑުގައި ރޯވި އަލިފާން އަދިވެސް ނިއްވާނުލެވޭނެކަމަށާއި، ނަމަވެސް އިތުރު ސަރަހައްދަކަށް އަލިފާން ފެތުރުނަނުދިނުމަށް ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެފިއެވެ.
އައްޑޫ ސިޓީ ހިތަދޫ ކުނިގޮނޑުގައި މިއަދު ހަވީރު 4.30 ހާއިރު ރޯވި އަލިފާން އިރުއޮއްސުނު ވަގުތު ކޮންމެވެސްވަރަކަށް ކޮންޓްރޯލް ކުރެވުނަސް، އޭގެފަހުން އަނެއްކާވެސް ވަނީ އަލިފާންގަނޑު ފެތުރިފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ސިޓީ ހިތަދޫ ކުނިކޮށީގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލް، ވެމްކޯ، އެފްކޮންސް އަދި އެމް.އެން.ޑީ.އެފް ގުޅިގެން ކުރަމުންދާކަމަށެވެ. ނަމަވެސް މިހާތަނަށް އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިނުވާކަމަށް ކައުންސިލުން ބުނެއެވެ.
އައްޑޫ ސިޓީގައި ކުނި އުކާލުމުގެ ޚިދުމަތާއެކު ކުނި ގޮނޑު ބަލަހައްޓަނީ ވެމްކޯއިންނެވެ.
ވެމްކޯ ސައުތު ރީޖަންގެ މެނޭޖަރ ޝާފިއު ޖަމީލް ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެެއްވަމުން ވިދާޅުވީ، ކުނިގޮނޑުގައި ރޯވެފައިވާ ސަރަހައްދާއި ރޯނުވާ ސަރަޙައްދުގެ މެދުން މަގެއް ހަދާ، އިތުރަށް އަލިފާން ނުފެތުރޭނެ ގޮތަށް ކޮންޓްރޯލް ކޮށްފައިވާކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަދި ކުނި މެނޭޖްކުރުމުގެ ވަސީލަތަކަށްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް ވެމްކޯއިން ބުނެއެވެ.
އައްޑޫސިޓީ ހިތަދޫ ކުނިކޮށީގައި ރޯވެފައިވާ އަލިފާންގަޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކައުންސިލް، ވެމްކޯ، އެފްކޮންސް އަދި އެމް.އެން.ޑީ.އެފް ގުޅިގެން ދަނީ ކުރެވެމުން. ނަމަވެސް އަދި އަލިފާންގަޑު ކޮންޓްރޯލް ކުރެވިފައެއް ނުވޭ.
— Addu City Council (@AdduCityCouncil) April 10, 2023
މުހިއްމު ބޭނުމެއްގައި ނޫންގޮތަކަށް އައްޑޫ ލިންކްރޯޑް
1/3 pic.twitter.com/JmLwuflbSk
ހިތަދޫ ކުނިގޮނޑު އޮންނަނީ އައްޑޫ ސިޓީގެ ގިނަ ބަޔަކު ދަތުރުކުރުމަށް ބޭނުންކުރާ ލިންކް ރޯޑާއި ކައިރި ސަރަޙައްދެއްގައެވެ.
ސިޓީ ކައުންސިލުން ވަނީ މުހިއްމު ބޭނުމެއްގައި ނޫންގޮތަކަށް އައްޑޫ ލިންކްރޯޑުން ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ކުނިގޮނޑުގައި ރޯވި އަލިފާނުން އަރާ ދުމުން ރައްކާތެރިވުމަށް ސައިކަލުގައި ދަތުރުކުރާ ފަރާތްތަކުން މާސްކް އެޅުމަށާއި، ކުޑަކުދިން ގޮވައިގެން އެއްގޮތަކަށްވެސް އެސަރަޙައްދުން ދަތުރު ނުކުރުމަށްވެސް ސިޓީ ކައުންސިލުން އިލްތިމާސްކުރެއެވެ.
ކުނި ގޮނޑުގައި ރޯވި އަލިފާން ނިއްވާލުމަށް މޫދަށް ޕަމްޕް ގުޅައިގެން ފެން ޖެހުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.