ޚަބަރު

ޕީއެސްއެމްގެ ނަމުގައި ސްކޭމް ކޯލްތަކެއް، ސަމާލުވޭ


ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ސްކޭމް ކޯލްތަކެއް ކުރަމުންދާތީ، އާންމުން އެކަމަށް ސަމާލުކަން ދިނުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން އިލްތިމާސްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މި ދުވަސްވަރު ޕީއެސްއެމްގެ ނަމުގައި ފޯނުކޮށް އަދި އެއަށްފަހު ލިންކުލާފައި ހުންނަ އެސްއެމްއެސް މެދުވެރިކޮށް މަކަރާއި ހީލަތުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ކަސްޓަމަރުންގެ އިންޓަރނެޓް ބޭންކިންގ މައުލޫމާތު ހޯދުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި މިފަދަ ބައެއް ކޯލްތަކުގައި އެދޭ މައުލޫމާތު ދީގެންނާއި އޯޓީޕީވެސް ދީގެން ބައެއް ކަސްޓަމަރުން އަތުން ފައިސާ ގެއްލިގެން އެކަމުގެ ޝަކުވާ ބޭންކަށް ވަނީ ހުށަހެޅިފައިކަމަށް ބީއެމްއެލްއިން ބުނެއެވެ. މި ގޮތުން މިދިޔަ 5 ދުވަސްތެރޭ ދެ ކަސްޓަމަރެއްގެ އަތުން މި ގޮތަށް 50،000 ރުފިޔާ އާއި 75،000 ރުފިޔާ ގެއްލިފައިވާކަމުގެ ޝަކުވާ ހުށަހެޅިފައިވާކަމަށް ބެންުކުން ބުނެއެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި މައްސަލަތަކަށް ބަލާއިރު ކަސްޓަމަރުންނަށް އޮޅުވާލައިގެން ފޯނުކޮށްގެން ވަރަށް ގަބޫލުކުރެވޭ ވާހަކަދައްކާކަމަށެވެ. އަދި އެއަށްފަހު އެސްއެމްއެސް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަނެޓް ބޭންކިންގެ ޔޫސާ ނޭމް އާއި ޕާސްވޯޑް ހޯދާކަމަށާއި އަދި ކަސްޓަމަރުންގެ އީމެއިލް އެޑްރެހާއި ފޯނަށް އަންނަ އޯޓީޕީވެސް ކަސްޓަމަރާއި ވާހަކަދައްކައިގެން ހޯދާފައި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.\

އެހެންކަމުން ބޮޑު އިނާމެއް ނުވަތަ ހަދިޔާއެއް ލިބުނުކަމަށް ބުނެ މިހެންކުރާ ކޯލްތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށާއި ބޭންކަށްވެސް އަދި އެހެން އިދާރާއަކަށްވެސް، އެއްވެސް ހާލަތެއްގައި އޯޓީޕީ ދޭން ނުޖެހޭނެކަން ހަދުމަފުޅު ބެހެއްޓެވުމަށްވެސް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން އޮންލައިން ޕޭޖްތަކުން ވިޔަފާރިކޮށްގެން ފައިސާދެއްކުމަށްފަހު މުދާ އަދި އަނބުރާ ފައިސާވެސް ނުލިބޭކަމުގެ ޝަކުވާ އާއި ކާކުކަން ނޭނގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތްކޮށްގެން ފައިސާ ނުލިބިގެން އެކަމުގެ ޝަކުވާވެސް ބޭންކަށް ހުށަހެޅިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.