ކުޅިވަރު

ސްޕާސް މެޗުގައި ބްރައިޓަންއަށް ޕެނަލްޓީއެއް ލިބެންޖެހޭ: ޕީޖީއެމްއޯއެލް


އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ޓޮޓްނަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރައިޓަންއަށް ޕެނަލްޓީއެއް ލިބެންޖެހޭ ކަމަށް ލީގުގެ ރެފުރީންގެ ކަންތައްތައް އިންތިޒާމުކުރާ ޕީޖީއެމްއޯއެލްއިން ބުނެފިއެވެ.

ސްޕަރސް އާއި ބްރައިޓަން ބައްދަލުކުރިމެޗްގެ ދެވަނަ ހާފްގައި މެޗްގެ ނަތީޖާ އެއްލަނޑު އެއްލަނޑުން އެއްވަރު ވެފައިވަނިކޮށް ސްޕަރސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބްރައިޓަންގެ ކައޯރޫ މިޓޯމާގެ ފަޔަށް ޕިއޭ އެމީލް ހޮއިބަރގްއަށް އެރުނު ހާދިސާ އާއި ގުޅިގެން ޕެނަލްޓީއެއް ލިބެންޖެހޭ ކަމަށް ބްރައިޓަންއިން ދެކުނު ނަމަވެސް މެޗްގެ ރެފްރީގެ ލޮލުގައި މިހާދިސާ އަޅައިގެންފާ ނުވާއިރު ވީއޭއާރުން ބެލުމަށްފަހުވެސް އަޅާލާފައެއްނުވެއެވެ. މިއީ މިމެޗްގައި ބްރައިޓަން އާއި ދެކޮޅަށް ރެފްރީ ނިންމި ގިނަ ނިންމުންތަކުގެ ތެރެއިން އެއް ނިންމުންކަމުގައި އެކްލަބުން ދެކެއެވެ. މިމެޗް 2 ލަނޑު އެއްލަނޑުން ކާމިޔާބުކޮށްފައިވަނީ ސްޕަރސްއެވެ.

އިނގިރޭސި މީޑިއާތަކުން ހާމަކުރާގޮތުގައި ޕީޖީއެމްއޯއެލްގެ ޗީފް ހޮވަޑް ވެބް އާއި ބްރައިޓަންގެ އިސް އޮފިޝަލުންގެ މެދުގައި މިހާރުވަނީ މިކަންތައްތަކާއި ގުޅޭގޮތުން ވާހަކަ ދެކެވިފައެވެ. އަދި މިމެޗްގައި ޕެނަލްޓީގެ ހާދިސާގައި ރެފްރީ އާއި ވީއޭއާރު އޮފިޝަލުންނަށް ގޯސް ހެދިފައިވާކަމަށް އެއްބަސްވެފައިވާކަމަށް މަޢުލޫމާތުލިބެއެވެ. ބްރައިޓަންއިން މިމެޗް ކާމިޔާބުކުރިނަމަ އެޓީމް މިހާރު އުޅޭނީ ސްޕަރސްއަށްވުރެ އެއްޕޮއިންޓް ފަހަތުން ހަވަނައިގައެވެ. އަދި އޭރުން ނުކުޅެ އޮތް ދެމެޗް ކާމިޔާބު ކުރެވިއްޖެނަމަ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ބްރައިޓަންއަށް ވަރަށް ބޮޑަށް ތަނަވަސްވެގެންދިޔުމުގެ ފުރުސަތު އޮތެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ބްރައިޓަންގެ ކެޕްޓަން ލުވިސް ޑަންކްވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައެވެ. އަދި ވީއޭއާރު ބޭނުން ކުރަނި ކީއްކުރަންތޯ ސުވާލުވެސް އުފައްދާފައެވެ.

މިއީ މިސީޒަންގައި ޕީޖީއެމްއޯއެލްއިން ބްރައިޓަންގެ ކިބައިން މައާފަށް އެދުނު ތިންވަނަ ފަހަރެވެ. މީގެ ކުރިން ފެބްރުއަރީ މަހު ކްރިސްޓަލް ޕެލަސް އާއި ބައްދަލުކުރިމެޗްގެ ތެރެއިން ނާއި ވާރލްޑް ކަޕްގެ ކުރިން އެސްޓަން ވިލާ އާއި ބައްދަލުކުރި މެޗްގައި ރެފްރީގެ ނިންމުން ގޯސްކޮށް ނިންމިފައިވާތީ ޕީޖީއެމްއޯއެލްއިން ވަނީ ބްރައިޓަންގެ ކިބައިން މައާފަށް އެދިފައެވެ. ސްޕަރސް މެޗާއި ގުޅިގެން ފަސް ކަމެއް ސާފުކޮށްދިނުމަށް ބްރައިޓަންއިންވަނީ ޕީޖީއެމްއޯއެލްގެ ފަރާތުން އެދިފައެވެ. މިގޮތުން ޑަންކްގެ ޖަރޒީއަށް ދެމި ހާދިސާއެއްގައި އިތުރު ޕެނަލްޓީއެއް ލިބެންޖެހޭކަމަށް ދެކޭ ހާދިސާ އާއި އަތުގައި ޖެހުނު ކަމަށް ނިންމާ ގަބޫލް ނުކުރި ދެލަނޑާއި އެޓީމްގެ ކޯޗް ރޮބާޓޯ ޑި ޒަރބީ އަށް ރަތް ކާޑު ދެއްކި ސަބަބު ސާފުކުރުމަށްވަނީ އެދިފައެވެ.