ޚަބަރު

20 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފި


ހޮސްޕިޓަލްތަކަށް ބޭނުންވާ 20 އެމްބިއުލާންސް ގެނައުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އެސްޓީއޯއާ ހަވާލުކޮށްފިއެވެ.

އެމްބިއުލާންސްތައް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަޙްމަދު ޢާދިލް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަޢީދުއެވެ.

މި އެއްބަސްވުމުގެ ދަށުން 20 އެމްބިއުލާންސް 90 ދުވަހުގެ ތެރޭގައި ގެނެސް ހެލްތު މިނިސްޓްރީއާ ހަވާލުކުރަން ޖެހެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަޞީމް ވިދާޅުވީ އެސްޓީއޯއަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކުންފުންޏެއްކަމަށެވެ. ޚާއްސަގޮތެއްގައި އެކި ކަހަލަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެސްޓީއޯގެ އެހީތެރިކަން ލިބެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސިއްޙީ ދާއިރާގެ އެހެނިހެން ޕްރޮގްރާމްތަކަށްވެސް ހެލްތު މިނިސްޓްރީން އެއްބާރުލުން ލިބޭނެ. މިތަނުން ސިއްޙަތާ ބެހޭ އެތައް ކަމެއް އެބަކުރިއަށްގެންދޭ." ހެލްތް މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަޢީދު ވިދާޅުވީ މިފަހަރު ގެންނަ 20 އެމްބިއުލާންސަކީ ޖަޕާނުން ގެންނަ އެމްބިއުލާންސްތަކެއްކަމަށެވެ.

" މިދިޔަ ކޮންޓްރެކްޓްގައި 96 އެމްބިއުލާންސް ގެނެސްދީފައިވާނީ. އެފަހަރު 10 މަސް ނެގިނަމަވެސް މިފަހަރުގެ ޓާގެޓަކީ 90 ދުވަސް." އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަޢީދު ވިދާޅުވިއެވެ.

މީގެ ކުރިން 2022، އާ ހަމައަށް އެސްޓީއޯއިން ވަނީ 96 އެމްބިއުލާންސް ރާއްޖެ ގެނެސް ސަރުކާރާ ހަވާލުކޮށްފައެވެ. އަދި އެ އެމްބިއުލާންސްތައް ވަނީ އަތޮޅުތަކުގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑަށް އެމްބިއުލާންސް ބޭނުންވާ ރަށްތަކަށް ފޮނުވާފައެވެ.

ކުއްލި ޙާލަތްތަކުގައި ސިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ވަޞީލަތަކީ އެމްބިއުލާންސްގެ ޚިދުމަތެވެ. އެމްބިއުލާންސް ނެތް ރަށުގެ ރައްޔިތުން ބަލި މީހުން އުފުލުމުގައި ބޮޑު ތަކުލީފެއް އުފުލަންޖެހެއެވެ.