ޚަބަރު

ސަޢޫދީ ޢަރަބިއްޔާއާއި ހޫޘީންނާ ދެމެދު ޞުލްޙައިގެ ވާހަކަތައް ފަށައިފި


ޔަމަނުގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސް ސަޢޫދީ ޢަރަބިއްޔާގެ ގުޅިފައިވާ ފައުޖާއި ޔަމަނުގެ ހޫޘީންނާ ދެމެދު ސުލްޙަ ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރަން ފަށާއިފިއެވެ. އޮމާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދާ މި މަޝްވަރާތަކުގައި ބައިވެރިވާ ސަޢޫދީ ޢަރަބިއްޔާއާއި އޮމާނުގެ ވަފްދެއް މިހާރު ވަނީ ޔަމަނަށް ގޮސްފައެވެ.

މި މަޝްވަރާތަކުގައި ހޫޘީން ތަމްސީލުކުރާނީ އެ ޖަމާޢަތުގެ ރިޔާސީ ކައުންސިލުގެ އިސްވެރިޔާ މަޙުދީ އަލް-މަޝާތު ކަމުގައި އެ ޖަމާޢަތުން ބުނެއެވެ. މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ، ޔަމަނުގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް ގެނައުމަށް ޓަކައި ދެ ފަރާތުން އެއްބަސްވެވޭ ކަންތައްތަކެއް ހޯދުމެވެ. އ.ދ.އިން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ހާންސް ގްރަންޑްބަރގް ވެސް މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ބައްދަލުވުންތަކުގައި މަޝްވަރާކުރާނެ ކަންތައްތަކުގެ ތެރޭގައި ހޫޘީންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމާއި، ހަމަލާ ބަދަލުކުރުން ހުއްޓައިލުމާއި، ޔަމަނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކޮށްދިނުމުގެ އިތުރުން، ތެލާއި ގޭހުގެ ވިޔަފާރިން ލިބޭ އާމްދަނީން ޔަމަނުގެ ދައުލަތުގެ އެކި ވަޒީފާތައް އަދާކުރާ މީހުންނަށް މުސާރަ ދިނުން ހިމެނޭ ކަމުގައި ހޫޘީން ހިންގާ ނޫސް އޭޖެންސީ ސަބާއިން ބުނެއެވެ.

ހަމަލާ ބަދަލުކުރުން ހަ މަސް ދުވަހުގެ މުއްދަތަކަށް ހުއްޓައިލުމާ މެދު ސަޢޫދީ ޢަރަބިއްޔާއާއި ހޫޘީންނާ ދެމެދު މިހާރު ވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމުގައި ޔަމަނުގެ ސަރުކާރުން ބުނެއެވެ. އަދި، ތިން މަސް ދުވަހުގެ މުއްދަތަކަށް މަޝްވަރާތައް ކުރިއަށްދާނެ ކަމަށާއި، އެއަށް ފަހު ދެ އަހަރު ދުވަހުގެ މުއްދަތަކަށް އިންތިގާލީ ސަރުކާރެއް އެކުލަވައިލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް ޔަމަނުން ބުނެއެވެ.

ސަޢޫދީ ޢަރަބިއްޔާއާއި ހޫޘީންނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ހުސްވި 2022 ވަނަ އަހަރުގެ ތެރޭގައި ވަނީ އެއްބަސްވެފައެވެ. އެއީ، ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި، އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު އެ މުއްދަތު ހަމަވުމުން، އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައެއް ނުވެއެވެ. ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އަލުން ހަމަލާ ބަދަލުކުރަން ފަށާފައެއް ނުވެއެވެ.

ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު ސިޔާސީ ގުޅުން އަލުން ގާއިމުކުރުމާ އެކު ޔަމަނުގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބުނެވެ. ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު މެދުއިރުމަތީގެ ދެ ބާރު ކަމުގައިވާ ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު ސިޔާސީ ގުޅުން އަލުން ގާއިމުކޮށްފައި ވަނީ މާރިޗު މަހުގެ 10 ވަނަ ދުވަހުއެވެ. އެ ކަން ކާމިޔާބުވީ ޗައިނާއިން މެދުވެރިއެއްގެ ގޮތުގައި ކުރި މަސައްކަތުންނެވެ.

ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމު ކުރި ފަހުން ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ބައްދަލުކުރައްވައި، ގުޅުންތައް އަލުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. ސަޢޫދީ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާނާއި އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢަބްދުاللهހިއަންގެ ބައްދަލުވުން ބާއްވާފައި ވަނީ އޭޕްރިލް މަހުގެ 5 ވަނަ ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންގްގައެވެ.

އީރާނުން ދެކޭ ގޮތުގައި އެ ޤައުމުގެ އެންމެ ބޮޑު ދުޝްމަނަކީ އެމެރިކާއެވެ. ނަމަވެސް، ޔަމަނުގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް ގެނެސް ސިޔާސީ މަޝްވަރާތައް ފެށުމަށް އެމެރިކާއިން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ގޮވައިލެއްވުމުން އީރާނުން ވަނީ އެ ގޮވައިލުމަށް މަރުޙަބާ ކިޔާފައެވެ.

މަޝްވަރާތައް ފެށުމުގެ ކުރިން ސަޢޫދީ ޢަރަބިއްޔާއާއި ހޫޘީންނާ ދެމެދު އަސީރުންތަކެއް ވެސް ވަނީ ބަދަލުކޮށްފައެވެ. ސަޢޫދީ ޢަރަބިއްޔާއިން ހައްޔަރުކޮށްފައިވާ 13 ހޫޘީން މިނިވަންކޮށްފައިވާއިރު، ހޫޘީން ވަނީ އެ މީހުން ހައްޔަރުގައި ހުރި ސަޢޫދީ ރައްޔިތެއް މިނިވަންކޮށްފައެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައަށް ދިހަ އަހަރު ފުރިފައިވާއިރު، އެތަކެއް ސަތޭކަ ހާސް ބަޔަކު ވަނީ މަރުވެފައެވެ. އަދި، އެ ޤައުމަށް އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ ކަމުގައި އ.ދ.އިން ބުނެއެވެ. ޔަމަނުގެ ދާޚިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު ވެރިރަށް ސަންޢާއަށް އަރައި، ހޫޘީން އެ ރަށް ހިފުމާ ގުޅިގެންނެވެ. އަދި، ޔަމަނުގެ އިންތިޚާބީ ސަރުކާރުގެ ހިމާޔަތުގައި ސަޢޫދީ ޢަރަބިއްޔާއިން ވަނީ ގުޅިފައިވާ ލަޝްކަރެއް އެކުލަވައިލާ، ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ފަށާފައެވެ.