ފަރަންސޭސިވިލާތުގެ ދެކުނުގައިވާ ބަނދަރުމަތީ ރަށެއް ކަމުގައިވާ މަޚްސޭގައި މީހުން ދިރިއުޅޭ އެޕާޓްމަންޓް ހުންނަ ޢިމާރާތެއް ވެއްޓި ފަސް މީހަކަށް އަނިޔާވެއްޖެއެވެ. ހަތަރު ބުރިއަށް ނަގާފައިވާ އެ ޢިމާރާތް ވެއްޓުމުގެ ސަބަބުން އެ ތަނުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދައި ސަލާމަތް ކުރުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް، ޢިމާރާތް ވެއްޓުމާ އެކު އެ ތަނުގައި އަލިފާން ރޯވުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ. އެ ޢިމާރާތް ވެއްޓުނު ހާދިސާގައި، އެ ޢިމާރާތާ އިންވެގެން ހުރި އެހެން ޢިމާރާތަށް ގެއްލުންވެ، އެ ޢިމާރާތް ވެސް ވެއްޓިފައިވާ ކަމުގައި މަޚްސޭގެ މޭޔަރު ބެނޮއީ ޕަޔަން ވިދާޅުވިއެވެ.
ޢިމާރާތުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރެވޭނީ އެ ތަނުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވައިލެވިގެން ކަމުގައި ޕަޔަން ވިދާޅުވިއެވެ. އަދި، މިހާރު އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ އެ މީހުން ސަލާމަތް ކުރުމަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޢިމާރާތުގެ ދަށުވެފައިވާ މީހުން ހޯދުމަށް ކުއްތާތައް ވެސް ދަނީ ބޭނުން ކުރަމުންނެވެ. ވެއްޓިފައިވާ ޢިމާރާތުގެ ދަށުގައި ތާށިވެފައިވާ މީހުންގެ ޢަދަދު ސާފެއް ނޫނެވެ.
މި ހާދިސާގައި އެ ސަރަޙައްދުގައިވާ އެހެން ޢިމާރާތްތަކަށް ވެސް ގެއްލުން ލިބިފައިވާއިރު، އެ ޢިމާރާތްތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ވެސް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ 30 މީހަކަށް މި ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ.
ޢިމާރާތް ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުޤީޤު ފަށާފައިވާއިރު، މިއީ ގޭސް ލީކުވުމުގެ ސަބަބުން ގޮވި ގޮވުމަކާ ގުޅިގެން ހިނގި ހާދިސާއެއް ކަމަށް ބެލެވޭ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. 2018 ވަނަ އަހަރު ވެސް މަޚްސޭގައި މި ފަދަ ހާދިސާއެއް ހިނގައި، ދެ ޢިމާރާތެއް ވެއްޓުނެވެ. އެ ހާދިސާގައި ޢިމާރާތްތަކުގެ ދަށުގެ އަށް މީހުން މަރުވިއެވެ.