ފަރީދީ ގޯޅިއަކީދުއްވާ އެއްޗެހި ވަނުން މަނާ ގޯޅިއެއްކަމުގައި ސަރުކާރުން ހަމަޖައްސަވައިފިއެވެ.
ފަރީދީ ގޯޅިއަކީ، ހިލާލީގެއާއި ޖަސްޓިސް ބިލްޑިންގއާ ދެމެދުގައި އޯކިޑް މަގުން ދެކުނަށް ދުއްވާ އުޅަނދުތައް އޯކިޑްމަގު ހުރަސްކޮށް ފަރީދީ މަގަށް ދަތުރުކުރަން އޮންނަ ގޯޅިއެކެވެ. މި ގޯޅިން ފަރީދީ މަގަށް ނިކުމެވޭނީ މާފަންނު ހުޅަނގުގެ ހިމެނޭ ހިސާބަށެވެ.
ފަރީދީ ގޯޅިއަކީ ވަރަށް ހަނި ގޯޅިއެކެވެ. މި ގޯޅިއަކީ، ހިނގާފައި އުޅޭ ގޯޅިއެއްގެ ގޮތުގައި ހަމަޖެއްސެވިކަމަށް ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ހާމަކުރައްވާފައެވެ. އަދި މި ނިންމެވުމަށް މިއަދުން ފެށިގެން ޢަމަލުކުރައްވަމުން ގެންދެވުމަށް ވަނީ ކަނޑައަޅުއްވާފައެވެ. މި ގޯޅީގެ އިތުރުން މާލޭގެ އިތުރު 4 ގޯޅިއެއް ކުރިން ވަނީ ހިނގާފައި އުޅޭ މަގެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވާފައެވެ.
މާލެއަކީ އާބާދީގެ ގޮތުން ރާއްޖޭގެ އެންމެ ގިނަމީހުން ދިރިއުޅޭ ސަރަޙައްދެވެ. މީހުން ގިނަވެ ތޮއްޖެހިފައިވާ މި ސިޓީގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ ހިތްގައިމު ތަނަކަށް މާލެ ހެއްދެވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަމަސައްކަތްތަކެއް ކުރައްވަމުންނެވެ. ދުއްވާ އެއްޗެހި ގިނަވެ، ޕާރކްކުރާނެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ މި މާލޭގައި ހަނި ގޯޅިތަކުގައި ވެހިކަލް ދުއްވުމާއި ޕާރކު ކުރުމަކީ އާންމު ކަމެކެވެ. އަދި މީގެ ސަބަބުން އެ ގޯޅިތަކުގައި ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި، އެފަދަ ގޯޅި ތަކުގައި ދިރިއުޅޭ މީހުންނަށް، ގޭގެއަށް ވަދެ ނިކުމެ އުޅުމުގައިވެސް ދަނީ ބޮޑެތި ދަތިތަކަކާއި ކުރިމަތިވަމުންނެވެ.
ސަރުކާރުން، މާލޭގެ ބައެއް ހަނި ގޯޅިތަކަށް ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ހެދުމުގެ މައިގަނޑު ސަބަބަކީ، މިފަދަ ގޯޅިތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ނުކުމެ ވާހަކަދައްކާލަން ތިބެވޭ އަމާންތަނަކަށް ހެއްދެވުމެވެ. ސަރުކާރުން މާލޭގެ ބައެއް ކުދި ގޯޅިތައް ހިނގާފައި އުޅޭ ސަރަހައްދަށް ބަދަލުކުރެއްވުމަކީ އެފަދަ ގޯޅިތަކުގައި ދިރިއުޅޭ މީހުންނަށް ލިބިގެންދާނެ ހިތްހަމަޖެހުމެކެވެ. ހައުސިން މިނިސްޓްރީން ވަނީ 5 ގޯޅިއެއް ދުއްވާ އެއްޗެހި ނުވަދެވޭގޮތަށް، ހަމައެކަނި ހިގާފައި އުޅޭ ސަރަޙައްދުތަކަކަށް ބަދަލުކުރައްވާފައެވެ. ފައިމަގުގައި އުޅޭ ގޮތަށްސަރުކާރުން ބަދަލުކުރައްވާފައިވާ ގޯޅިތަކަކީ މައްޗަންގޮޅީ ސަހަރާ ކައިރީގައި އޮންނަ ގުލްލަލާ ގޯޅި އާއި އެނބޫ ގޯޅީއާއި ޖަމާލުއްދީން ސްކޫލް ކުރިމަތިން އޮންނަ ހަލަވެލި ގޯޅީއާއި ޝަހީދު ޢަލީ ގޯޅީގެ އިތުރުން ފަރީދީ ގޯޅިއެވެ.
މިއީ ދިވެހިރައްޔިތުންގެ ދިރިއުޅުމުގެ އިޖްތިމާޢީ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްލޭނެއްކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި ޕްލޭންގެ ދަށުން ޚާއްޞަކޮށް މިނިވަންކަމާއެކު ކުޑަކުދިންނަށް ކުޅެވޭނެގޮތާއި، ފޮތް ކިޔަން އިށީންދެގެން ތިބެވޭނެގޮތުގެ އިންތިޒާމް މިފަދަ ގޯޅިތަކުގައި ހަމަޖެއްސެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.