ޚަބަރު

އިސްރާޢީލުގެ އަނިޔާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި އޯ.އައި.ސީ.ގެ ބައްދަލުވުމުގައި ރާއްޖެ


މާތްވެގެންވާ ރަމަޟާން މަހު އަލް-އަޤްސާ މިސްކިތުގައި އަޅުކަންކުރަމުންދާ ފަރާތްތަކަށް އިސްރާއީލުން މެދުކެނޑުމެއްނެތި ކުރަމުންދާ އަނިޔާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ބޭއްވި އޯ.އައި.ސީ.ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން- އެންޑެޑް ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ އިސްރާއީލުގެ ސިފައިން އަލްއަގްސާ މިސްކިތަށް ވަދެ، އެތަނުގައި އަޅުކަންކުރަމުން ދިޔަ ފަލަސްތީނުގެ ރައްޔިތުންނަށް ދިން ހަމަލާއާއި، މި މާތްވެގެންވާ ރަމަޟާން މަހު އަޅުކަންކުރާ ފަރާތްތަކަށް އަނިޔާވެ، އަލް-އަޤްސާ މިސްކިތަށް ގެއްލުންދިނުމާއި، އަދި އަލް-އަޤްސާ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ އުދުވާނީ އަމަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އޯ.އައި.ސީ.ގެ މައި މަރުކަޒުގައި ބޭއްވި އެ ޖަމުއިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އޯ.އައި.ސީ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ދިވެހިރާއްޖޭގެ ފަރާތުން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް ބައިވެރިވެ ވަޑައިގަތެވެ.

އަދި މިބައްދަލުވުމުގައި އޯ.އައި.ސީ.ގެ މެންބަރު ޤައުމުތަކުން ވަނީ އެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށްދިނުމަށް އެދި، މި މައްސަލައާ ގުޅޭ ޤަރާރެއް ފާސްކޮށްފައެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ގޮވާލަމުންދަނީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅާ، ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމަށެވެ.