ޚަބަރު

ޓީބީ، ލެޕްރަސީ އަދި ރުބެއްލާ ނައްތާލަން ރާއްޖެއިން އަމާޒުތަކެއް


ނުރައްކާތެރި ބަލިތަކެއްކަމަށްވާ ޓީބީ، ލެޕްރަސީ އަދި ރުބެއްލާ ރާއްޖެއިން ނައްތާލަން އަމާޒުތަކެއް ކަނޑައަޅާފައިވާކަމަށް މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަބާގައި ހެލްތު މިނިސްޓަރ ދެއްވި ޚިތާބުގައި ސިއްހީ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއި، ހާސިލުކުރަން ބޭނުންވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެެވެ.

ހެލްތު މިނިސްޓަރގެ ހިތާބުގައި ވިދާޅުވީ ކަށިވިދުރިއާ، ލެޕްރަސީއާއި، ފައިލޭރިއާއި މެލޭރިއާފަދަ ބަލިތަކަކީ އިންސާނިއްޔަތަށް އޮތް ބޮޑު ބިރެއްކަމަށެވެ. އަދި ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރަން ފެށިތާ 75 އަހަރު ފުރޭއިރު މި ބަލިތަކުން ރާއްޖެ އަރައިގަނެފައިވުމަކީ ހާސިލްކުރެވުނު ބޮޑު ކާމިޔާބީއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސިއްހީ ދާއިރާއިން ދުނިޔެ ހޯދި ކޮންމެ ކާމިޔާބީއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިންވެސް ހޯދާފައިވާކަމަށެވެ. އަދި އެ ކާމިޔާބީތައް ހޯދުމަށް އދ.ގެ ކަމާއިގުޅޭ ހުރިހާ އެޖެންސީތަކާއެކު މަސައްކަތްކުރެވުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މެލޭރިއާއާއި ހިމަބިއްސާއި ޕޯލިއޯ އަދި ރުބެއްލާފަދަ ބަލިތަކަށް ވެކްސިން ކަވަރޭޖް ދީފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ބައެއް ނުރައްކާތެރި ބަލިތައް ރާއްޖޭގައި ފެތުރުން ނިމުމަކަށް ގެނެވިފައިވީނަމަވެސް، ޙައްލު ހޯދަންޖެހޭ ކަންކަން އަދިވެސް އެބަހުރިކަމަށެެވެ. އެގޮތުން ނުރައްކާތެރި ބަލިތަކެއްކަމަށްވާ ޓީބީ، ލެޕްރަސީ އަދި ރުބެއްލާ ރާއްޖެއިން ނައްތާލަން އަމާޒުތަކެއް ކަނޑައަޅާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަމާޒަކީ 2023 ވަނަ އަހަރު، އާދެ! މި އަހަރު، ރުބެއްލާވެސް ރާއްޖެއިން ފޮހެލުން. 2025ގެ ނިޔަލަށް ދިވެހިރާއްޖެއިން ޓީބީ ނައްތާލުން. އަދި، ފިޔަވަހިތަކަކަށް ބަހާލައިގެން ފަހަރަކު ސަރަހައްދަކަށް އަމާޒުކޮށްގެން، ލެޕްރަސީވެސް މުޅިން ފޮހެލުން" ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

މީގެކުރިން ރާއްޖޭގައި އުފަންވާ ކޮންމެ 1000 ކުދިންގެ ތެރެއިން މަރުވާ ކުދިންގެ އަދަދު 100 އަށްވުރެ މަތީގައި ހުރިނަމަވެސް، އެ އަދަދު 10 އަކަށްވުރެ ދަށްކުރެވިފައިވަނީ ޕްރައިމަރީ ހެލްތު ކެއަރ ނިޒާމުގެ ސަބަބުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ދިވެހިންގެ ލައިފް އެކްސްޕެންޓަންސީ ނުވަތަ އެވްރެޖް އުމުރު 40 އަހަރުން، 70 އަހަރަށް ގެންދެވިފައިވަނީވެސް ޞިއްޙީ ޚިދުމަތް ވަކި ގޮތަކަށް ބައްޓަންކުރުމުންކަމަށް މިިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއާމެދު ސަމާލުވާންޖެހޭކަމަށެވެ. އަދި ކިޔުރޭޓިވް ކެއާރ އަށްވުރެ ޕްރެވެންޓިވް ކެއާރއަށް ބަރޯސާ ވާންޖެހޭކަމަށާއި ކައިރި މުސްތަޤަބަލެއްގައި ޕްރައިމަރީ ހެލްތު ކެއާރއަށާއި ޕަބްލިކް ހެލްތަށް އިސްކަންދެވޭ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ފާއިތުވީ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، ކުރިން އަޅުގަޑުމެން ތަސައްވަރު ކުރި ހަރުދަނާ ޕްރައިމަރީ ހެލްތު ކެއާރގެ ނިޒާމް ބަލިކަށިވެފައިވާ ވާހަކަ ވަރަށް ހިތާމަ އާއެކު ދަންނަވާލަން. ފާރަވެރިކަމާއެކު ތިމާގެ ޞިއްޙަތު ވިލަރެސްކުރުމުގެ ބައި ދޫކޮށްލެވިއްޖެ، ފޯކަސް ކުރެވެނީ ބަލިވުމުން، ބަލިން ރައްކާތެރިވާން" ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވިއެވެ.

މި ޚިތާބުގައި މިނިސްޓަރ ވަނީ ކޯވިޑް 19ގެ ބަލިމަޑުކަމުން ރާއްޖެއިން ހޯދި ކާމިޔާބީގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ހެލްތް ފޮރ އޯލް" ނުވަތަ އެންމެނަށް ސިއްޙަތެވެ.

މިއަދުގެ ޝިއާރާގުޅޭ ސިޔާސަތެއް މިވަގުތު އެންމެ ރަނގަޅަށް ތަންފީޒުކުރާ އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. އެގޮތުން ޓަރޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ބިޔަ މަޝްރޫޢެއް ހިންގަމުންނެވެ. މި މަޝްރޫޢާއެކު ރާއްޖޭގެ 5 ސަރަހައްދެއްގައި ޓަރޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ޒަމާނީ ހޮސްޕިޓަލްތައް ޤާއިމްކުރެވިގެންދާނެއެވެ.