ޚަބަރު

ދަޢުލަތުން ބަލާ ކުއްޖެއްގެ ޚަރަދަށް މަހަކު 16000 ދައްކަން ބައްޕައަށް އަމުރެއް


ރައްކާތެރިކުރުމުގެ އަމުރެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކުއްޖެއްގެ ޚަރަދުތައް، ދައުލަތަށް ދެއްކުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް ފެމެލީ ކޯޓުން އަމުރުކޮށްފިއެވެ. މިއީ މިފަދަ އަމުރެއް ރާއްޖޭގެ ކޯޓުން ނެރުނު ފުރަތަމަ ފަހަރެވެ. އެގޮތުން މަހަކު 16000 އަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.

މިފަދައިން ކޯޓުން ނިންމާފައިވަނީ، މައިންބަފައިންގެ ފަރާތުން ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީފައި ނުވާތީއާއި، ކުއްޖާގެ ޢާއިލާގެ ތެރޭގައި ކުއްޖާއާ ޙަވާލުވާނެ ފަރާތެއް ނެތުމުންކަމަށް ވަނީ ބުނެފައެވެ. އަދިި ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް، ޤާނޫނުގައި ބުނާގޮތަށް، ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށާއި ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ހުންނައިރު، ކުއްޖާގެ އެންމެހައި ޚަރަދުތައް ކުއްޖާގެ ބައްޕަގެ ފަރާތުން ދައުލަތަށް ލިބިދިނުމަށް އަމުރުކޮށްދިނުމަށް އެދި، ދައުލަތުން ހުށައެޅުމުންކަމަށެވެ.

މި މައްސަލާގައި ހިމެނޭ ކުއްޖާ ބެލެހެއްޓުމަށް ހިނގާނެ ޚަރަދު ކަނޑައެޅުމުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ބަހައްޓާފައިވާ ތަނުގައި ކުއްޖާ ހުންނަ މުއްދަތުގައި، ކެއުމުގެ ޚަރަދާއި، ކުއްޖާ ބަހައްޓާފައިވާ ތަނުގެ ކަރަންޓް އަދި ފެނުގެ ޚަރަދު ހިމެނެއެވެ. އަދި ކުދިން ބެލެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި، އެތަނުގައި މަސައްކަތް ކުރާ ޤުރުއާން މުދައްރިސުންގެ މުސާރައިން އެތަނުގައި މިވަގުތު ދިރިއުޅޭ ކުއްޖަކަށް ޖެހޭނެ މިންވަރަށް ކޯޓުން ރިޢާޔަތް ކޮށްފައިވެއެވެ.

މީގެއިތުރުން ކުއްޖާގެ އަންނައުނާއި އެހެނިހެން ޚަރަދުތަކުގެ ގޮތުގައި މަހެއްގެ މައްޗަށް ހޭދަ ކުރެވޭނެ މިންވަރަށާއި، އަދި ކުއްޖާއަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން، ކުއްޖާ ނަގަންޖެހޭ ތަފާތު ތެރަޕީތަކަށް ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ މިންވަރަށްވެސް ކޯޓުން ރިޢާޔަތްކޮށްފައިވެއެވެ.

އެގޮތުން ކުއްޖާގެ ޚަރަދަށް، ކޮންމެ މަހަކު 16219 ރުފިޔާ ކުއްޖާގެ ބައްޕަގެ ފަރާތުން ދައްކަން ޖެހޭގޮތަށް ވަނީ އަމުރުކޮށްފައެވެ. މި ފައިސާ ދެއްކުމަށް ކަނޑައެޅާފައިވަނީ ބައްޕަގެވެސް ރުހުމާއެކުގައިކަމަށް ފެމިލީ ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.

ކުދިންގެ އަސާސީ ޚަރަދުތައް ބެލެހެއްޓުމީ މައިންބަފައިންގެ އަސާސީ ޒިންމާއެއް ކަމަށް ވުމުން، މައިންބަފައިން ދުނިޔޭގައި ތިބެ، ކުއްޖާ ބަލަހައްޓަމުން ގެންދަނީ ދައުލަތުން ނުވަތަ އެ ޤާނޫނުގެ ދަށުން ކަނޑައެޅޭ އެހެން ފަރާތަކުންނަމަ، ކުއްޖާގެ މައިން ބަފައިން ކުއްޖާގެ ޚަރަދު، ކުއްޖާ ބަލަހައްޓަމުން ގެންދާ ފަރާތަކާ ޙަވާލުކުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ލާޒިމް ކޮށްފައިވެއެވެ. އަދި މައިންބަފައިން، އެމީހުންގެ ދަރިންނަށް ދޭންޖެހޭ ޚަރަދު ދިނުމުގައި އިހުމާލު ވެއްޖެނަމަ، މައިންބަފައިން ޒިންމާދާރު ކުރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައިވެސް މި މާއްދާގައި ބަޔާންކޮށްފައިވެއެވެ.