ސަރުކާރުގެ މަޤާމުތަކުން ވަކިކުރަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ދެކޮޅު ހައްދަވާ ފަރާތްތައްކަމަށާއި، ސިޔާސަތުތަކާއި ދެކޮޅު ނުހައްދަވާހާ ހިނދަކު، ސިޔާސީ އެއްވެސް މަޤާމަކުން އެއްވެސް ބޭފުޅަކު ވަކި ނުކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަން ހާމަކުރެއްވީ ބައެއް މަޤާމުތަކަށް ގެންނަ ބަދަލުތަކާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު ވިދާޅުވީ ސަރުކާރުގެ އެއްވެސް ވަޒީފާއެއްގައި ހުރި އެއްވެސް މީހަކަށް ސަރުކާރުން ވަޒީފާގެ ބިރު ނުދައްކާނެކަމަށެވެ. އަދި ކުރީގެ ސަރުކާރުގައި ވަޒީފާގެ ބިރު ދެއްކިނަމަވެސް، މިސަރުކާރުން އެގޮތަށް ޢަމަލު ނުކުރައްވާނެކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރާއި އިޚްތިޔާރުގެ ތެރެއިންކަމަށެވެ. އަދި އެ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުމާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާ މަސައްކަތްތައް ކުރެއްވުމަކީ އެބޭފުޅުންގެ ޒިންމާއެއްކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މަޤާމެއްގައި ހުންނަވާ ބޭފުޅަކު ޒިންމާތަކާއި ވަޒީފާގެ މަސްޢޫލިއްޔަތުތައް އަދާނުކުރައްވާނަމަ، އެ ބޭފުޅަކު ވަކިކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާނެކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
"ހެނދުނު ނިކުމެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން އުޅެފައި، ރޭގަނޑު އެހެން ފިކުރެއްގެ މީހުންނާއެކު ނިކުމެ، ހެނދުނު އެ ތަންފީޒްކުރަން އުޅުނު ސިޔާސަތު ގޯސްކޮށް ވާހަކަ ދައްކާކަމަށްވާނަމަ، އެއްގޮތުން ދަންނަވާނަމަ އެމީހަކު ސިޔާސީ ކަންކަމަށް ލޯ ނުހުޅެވެނިއްޔޭ ނުވަތަ މަޤާމުގަ އެބޭފުޅަކު ހުރުމުގެ ބޭނުން އެ ކެނޑެނިއްޔޭ. ސިޔާސީ މަޤާމުތަކަކީ ޢާންމު ވަޒީފަތަކަށް އުސޫލްތައް ހިނގާ މަޤާމުތަކެއް ނޫން." މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ޢާންމު ވަޒީފާތަކާއި ސިވިލް ސާރވިސް ވަޒީފާގައި ތިބި މުވައްޒަފުންނަށް ވަޒީފާގެ ކަށަވަރުކަން ޤާނޫން ލިބިދީފައި އޮންނަކަމަށެވެ. އަދި ސިޔާސީ ފިކުރު ހުރިގޮތަކުން އެފަރާތްތަކަށް ސަރުކާރުން ފިޔަވަޅު ނާޅާނެކަމުގެ ޔަޤީންކަން މިއުވާން ދެއްވިއެވެ.
މިއުވާން ވިދާޅުވީ، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބަށް ނިކުމެއްޖެނަމަ އެކަމުގައި ޖޭޕީއާއެކު މަޝްވަރާކޮށް، ސަރުކާރުގައި ތިއްބެވި އެޕާޓީގެ ބޭފުޅުންނާމެދު ގޮތެއް ނިންމަވާނެކަމަށެވެ.
މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް މިއުވާން ވަނީ ރިޔާސީީ އިންތިޚާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުން ސަރުކާރުގައި ތިބެގެން ސަރުކާރުން ހިންގަން ދަތިވާނެކަން ފާހަގަކުރައްވާފައެވެ.