ދުނިޔޭގެ ވިޔަފާރި

ދައުވާތައް ހައްލުކުރުމަށް ޖޯންސަން އެންޑް ޖޯންސަންއިން 9 ބިލިއަން ޑޮލަރު


ކުޑަކުދިން ބޭނުންކުރާ ބޭބީޕައުޑަރ އުފައްދާ ކުންފުނި ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާ ޓަލްކް ހިމެނޭ އުފެއްދުންތަކުން ކެންސަރުޖެހޭކަމަށް ބުނެ އެތައް ހާސް ބަޔަކު އެ ކުންފުންޏާއި ދެކޮޅަށް ކޮށްފައިވާ ދައުވާތައް ހައްލު ކުރުމަށް 9 ބިލިއަން އެމެރިކާ ޑޮލަރު ޖޯންސަން އެންޑް ޖޯންސަންއިން ހުށަހަޅައިފިއެވެ.

ދައުވާތައް ހައްލުކުރުމަށް މީގެކުރިން ކުންފުނިން ހުށަހަޅާފައި ވަނީ 2 ބިލިއަން އެމެރިކާ ޑޮލަރެވެ.

ޓަލްކަމް ހިމެނޭ ބޭބީ ޕައުޑަރުގެ ސަބަބުން ކެންސަރު ޖެހުނުކަމަށް ބުނެ 40،000 އަށް ވުރެ ގިނަ ކަސްޓަމަރުން ވަނީ ޖޯންސަން އާ ދެކޮޅަށް ދައުވާ އުފުލާފައެވެ. މީގެ ތެރޭގައި ބޭބީ ޕައުޑަރުގައި ކެންސަރު ޖެހުމަށް މަގުފަހިކޮށްދޭ އެސްބެސްޓޯސްގެ އަސަރު ހުރިކަމަށް ތުހުމަތުކޮށްފައިވާ ކަސްޓަމަރުންވެސް ހިމެނެއެވެ.

ދޮގު މައުލޫމާތުތަކަކާއި ގުޅިގެން ކަމަށް ބުނެ ޓަކް ބޭނުންކޮށްގެން އުފައްދާ ބެބީ ޕައުޑަރ ވިއްކުން ޖޯންސަން އެންޑް ޖޯންސަންއިން ވަނީ 2020 ވަނަ އަހަރު އެމެރިކާގައި ހުއްޓާލާފައެވެ. އަދި މިދިޔަ އަހަރު ވަނީ ދުނިޔޭގެ ފެންވަރުގައި އެ އުފެއްދުންތައް ވިއްކުން ނިންމާލުމަށް ރާވާފައިވާކަންވެސް އިއުލާންކޮށްފައެވެ.

މިގޮތަށް ނިންމުމުގެ ކުރިން އެ ކުންފުނިން ބެބީ ޕައުޑަރު ވިއްކާތާ ގާތްގަނޑަކަށް 130 އަހަރު ވެއްޖެއެވެ. އެގޮތުން ކޮރންސްޓާޗް ހިމެނޭ އުފެއްދުމުގެ ވަރޝަނެއް މިހާރުވެސް ވިއްކައެވެ. 2021 ވަނަ އަހަރު ދައުވާތަކާއި ހަވާލުވެ ސަބްސިޑަރީއެއް އުފެއްދި ފަހުން އެ ކޯޕަރޭޝަނުން އަންނަނީ ކޯޓުގައި ދައުވާ ނިންމުމަށް މަސައްކަތް ކުރަމުންނެވެ.

ޓަލްކްއާ ގުޅޭގޮތުން ކޯޓުގައި މިހާތަނަށް ކުރިއަށް ގެންދިޔަ ގިނަ މައްސަލަތަކެއް ކުންފުންޏާ އެއްކޮޅަށް ނިމިފައިވާ ކަމަށް ޖޯންސަން އިން ބުނެ އެވެ. ނަމަވެސް މަދު މައްސަލައެއް ކުންފުންޏާއި ދެކޮޅަށްވެސް ވަނީ ނިމިފައެވެ. މީގެތެރޭގައި 22 އަންހެނަކަށް 2 ބިލިއަން ޑޮލަރު ދެއްކުމަށް ކޯޓުން އަމުރުކުރި އެއް މައްސަލަ ހިމެނެއެވެ.

ކޯޓުގައިވާ ޓަލްކްއާބެހޭ ދައުވާތައް ނިމުމަކަށް ގެނައުމަށް ޖޯންސަންއިން ހުށައަޅާފައިވާ ފައިސާގެ އަދަދަށް ދައުވާ ހުށައެޅި 60،000 ފަރާތުން އެއްބަސްވާކަމަށް ޖޯންސަންއިން ވަނީ ބުނެފައެވެ.

ޖޯންސަން އެންޑް ޖޯންސަންއިން އަދިވެސް ގަބޫލުކުރާ ގޮތުގައި ކުންފުންނާއި ދެކޮޅަށްކޮށްފައިވާ ދައުވާތަކަކީ އެއްވެސް އަސްލެއް ނެތް ދައުވާތަކެކެވެ. އަދި މިހާރު ހުށަހަޅާފައިވާ ހުށަހެޅުމުގެ ސަބަބުން އެ ކުންފުނީގެ ގާނޫނީ ހަނގުރާމަ ނިންމުމަށް އެހީތެރިވެދޭނެކަމަށް އުންމީދުކުރާ ކަމަށްވެސް ޖޯންސަން އެންޑް ޖޯންސަންއިން ބުނެއެވެ.