ޚަބަރު

މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމު ނަމާދުކުރާނެ


ރަމަޟާން މަހު ފަހު ދިހައެއްގައި މާލޭ ސަރައްހަދުގައި ސަލްމާން މިސްކިތާއި، އިސްލާމީ މަރުކަޒު ހިމެނޭހެން، ޖުމުލަ 32 މިސްކިތެއްގައި ދަމު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ ރަމަޟާންމަހުގެ ފަހު 10އެއްގައި މާލެ ސަރަހައްދުގައި ޖުމުލަ 32 މިސްކިތެއްގައި ނަމާދު ކުރާއިރު އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 18 މިސްކިތަކާއި، ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 11 މިސްކިތެއްކަމަށެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ދަމުނަމާދު ކުރުމުގެ އިތުރުން ރަމަޟާން މަހުގެ ފަހު ދިހައެއްގައި 14 މިސްކިތެއްގައި އިޢުތިކާފަށް ތިބުމުގެ އިންތިޒާމުވެސް ހަމަޖައްސާފައެވެ. އެއީ މާލޭގެ 7 މިސްކިތަކާއި ވިލިމާލޭގެ މިސްކިތަކާއި ހުޅުމާލޭގެ 6 މިސްކިތެކެވެ.

ކޮންމެ ރަމަޟާން މަހެއްގައި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑު ޖަމާޢަތް ހަދައިގެން ދަމުނަމާދުކޮށް އުޅެއެވެ. އާންމުގޮތެއްގައި މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު ދެގަޑި ސުންމިނެޓުން ފެށިގެންނެވެ.

ދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުޢަތުން، ދެރަކުޢަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ.

މި ނަމާދަކީ ހަމައެކަނި ރަމަޟާންމަހު ނުވަތަ ރަމަޟާން މަހުގެ ފަހުދިހައިގައި ކުރާ ނަމާދެއް ނޫނެވެ. އެހެންނަމަވެސް ރަމަޟާން މަހަކީ މަތިވެރި މައްސަރަކަށްވެފައި، ރަމަޟާން މަހުގެ އަޅުކަމުގެ ސަވާބާއި ދަރުމަ އިތުރުކަމާއެކު ރަމަޟާންމަހު ދަމުނަމާދުކުރުމަށް މުސްލިމުން ދޭ ސަމާލުކަން އިތުރުކުރެއެވެ.