ވިޔަފާރި

ބީއެމްއެލްގެ ބުރާންޗެއް ވ.ފެލިދޫގައި ހުޅުވައިފި


ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ބުރާންޗެއް ވ. ފެލިދޫގައި ހުޅުވައިފިއެވެ.

މިއާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ ބޭންކުގެ ބުރާންޗުތައް މިހާރު މިވަނީ ޤާއިމްކުރެވިފައެވެ.

މުޅި ރާއްޖޭއަށް ބޭންކިންގެ ޙިދުމަތް ފުޅާކުރުމަށް ބީއެމްއެލުން ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓް ޕްރޮގްރާމްގެ ދަށުން ވ.ފެލިދޫގައި މިއަދު ހުޅުވީ އެ ބޭންކުގެ 29 ވަނަ ބްރާންޗެވެ. ވ.ފެލިދޫގައި ހުޅުވާފައިވާ ބީއެމްއެލްގެ ބުރާންޗަކީ އިޔާދަކުރަނިވި ހަކަތައިން ހިންގޭގޮތަށް ރާއްޖެގައި ހުޅުވާފައިވާ ފުރަތަމަ ބޭންކް ބުރާންޗެވެ.

ވ.ފެލިދޫ ބުރާންޗް ހުޅުވުމުގެ ރަސްމިއްޔާތުގައި، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ފެލިދޫގައި ހުޅުވި ބްރާންޗަކީ މިއަހަރު އަތޮޅުތެރޭގައި ހުޅުވަން ނިންމާފައިވާ 7 ބްރާންޗްގެ ތެރެއިން 2 ބުރާންޗް ކަމަށާއި މިއިން ރަމްޒްކޮށްދެނީ އެ ބޭންކުން ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ދޭ އިސްކަމުގެ އިތުރުން މުޖުތަމަޢުއަށް އެހީތެރިވުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ކަމަށެވެ. އަދި މި ބްރާންޗަކީ ރާއްޖޭގައި ޤާއިމްކޮށްފައިވާ ފުރަތަމަ "ފެހި" ބްރާންޗް ކަމަށާއި މިކަމުގެ ސަބަބުން ކާރބަން މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ޙާޞިލުވުމަށް އެހީތެރިވެދޭނެ ކަމަށް އެންޑުރޫ ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ ވ.ފެލިދޫ ބުރާންޗްގައި ބަހައްޓާފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށާއި، އެކައުންޓް ހުޅުވުމާއި، ލޯނަށް އެދި ހުށަހެޅުމާއި ކްރެޑިޓް އަދި ޑެބިޓް ކާރޑަށް އެދި ހުށަހެޅާ ފަރާތްތަކުގެ ފޯމް ބަލައިގަތުމަށާއި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް އެހީތެރިވުމަށް މުވައްޒަފުން ތިބޭނެ ކަމަށެވެ. އަދި ޢުމުރުން ދުވަސްވީ ފަރާތްތަކަށް ބޭންކިންގ ޚިދުމަތް ދިނުމަށް އެހީތެރިވުމާއި ފެންޝަން ފައިސާ ދިނުމަށް ވެސް ބޭންކުގެ މުވައްޒަފުން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.