ޚަބަރު

ސޫރިޔާގައި ހުރި އައި.އެސް.ގެ އިސްވެރިޔަކު މަރާލައިފި


އެމެރިކާގެ އަސްކަރިއްޔާއިން ސޫރިޔާގައި ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އައި.އެސް. ޖަމާޢަތުގެ އިސްވެރިޔަކު މަރައިލައިފިއެވެ. އެމެރިކާއިން މަރައިލާފައިވާ އައި.އެސް.ގެ އިސްވެރިޔަކީ ޚާލިދު ޢާއިދު އަޙްމަދު އަލް-ޖަބޫރީއެވެ. އޭނާއަކީ ވިލާތުގެ ޤައުމުގައި އައި.އެސް.އިން ހިންގާ ޓެރެރިޒަމްގެ އަމަލުތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމުގައި އެމެރިކާއިން ބުނެއެވެ.

1999 ވަނަ އަހަރު އުފެއްދި އައި.އެސް. ޖަމާޢަތުން 2014 ވަނަ އަހަރާ ދެމެދު އިރާޤާއި ސޫރިޔާގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަކޮށް، ވެރިކަން ކުރަމުންދިޔައެވެ. ނަމަވެސް، 2014 ވަނަ އަހަރުގެ ތެރޭގައި ގުޅިފައިވާ ފައުޖުތަކުން ވަނީ އައި.އެސް. ޖަމާޢަތުގެ ހަނގުރާމަވެރިން ބަލިކޮށް ފައްސައިލާފައެވެ. އަދި އެ މީހުން އަތްގަދަކޮށްފައިވާ ބިންތައް މިނިވަންކޮށްފައެވެ.

އެ ޖަމާޢަތުގައި މިހާރު ތިބި މެންބަރުންގެ ޢަދަދު 5,000 އާއި 7,000 އާ ދެމެދުގެ ޢަދަދަކަށް އަރާނެ ކަމުގައި އ.ދ.އިން އަންދާޒާ ކުރެއެވެ. އެ މީހުން ސޫރިޔާއާއި އިރާޤުގެ ބައެއް ސަރަޙައްދުތަކުގައި އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ އަދިވެސް ހަތިޔާރު އަޅައިގެން ހަނގުރާމަ ކުރަމުންދާ ބަޔެއް ކަމުގައި ވެސް އ.ދ.ގެ ރިޕޯޓެއްގައި ހާމަކޮށްފައިވެއެވެ.

އަލް-ޖަބޫރީ މަރައިލުމަށް ދިން ހަމަލާގައި ޢާންމުންގެ އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމަށާއި، އެއްވެސް މީހަކު ޒަޚަމުވެފައު ނުވާ ކަމުގައި، ސޫރިޔާގައި ހަރަކާތްތެރިވާ އެމެރިކާގެ ފައުޖުތަކުގެ މައި މަރުކަޒު – ޔޫ.އެސް. ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)އިން ބުނެއެވެ. އޭނާ މަރައިލުމާ އެކު، ވިލާތުގެ ޤައުމުތަކުގައި އައި.އެސް. ޖަމާޢަތުން ހިންގާ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް، އައި.އެސް. ޖަމާޢަތަކީ ނުރައްކަލެއްގެ ގޮތުގައި ދެމި އޮތް ކަމުގައި ސެންޓްކޮމްއިން ބުންޏެވެ.

އައި.އެސް.ގެ ހަރަކާތްތަކާ ގުޅޭ ގޮތުން އ.ދ.އިން ނެރިފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ، 2022 ވަނަ އަހަރުގެ ފަހުކޮޅު އެ ޖަމާޢަތާއި، އެ ޖަމާޢަތާ ގުޅިފައިވާ އެހެން ޓެރެރިސްޓު ޖަމާޢަތްތަކުގެ އަމަލުތަކާއި ހަރަކާތްތައް އިތުރުކޮށް، ދުނިޔޭގެ ސުލްޙަމަސަލަސް ކަމަށް އޮތް ނުރައްކާ އިތުރުވެފައިވާ ކަމުގައެވެ. އައި.އެސް. ޖަމާޢަތުގެ މިހާރުގެ އިސްވެރިޔަކީ އަބޫ އަލް-ޙުސައިން އަލް-ޙުސައިނީ އަލް-ޤުރައިޝީއެވެ.