ޚަބަރު

ރާއްޖޭގައި ކުދިން އުފަންވާ މިންވަރު ކަންބޮޑުވާ މިންވަރަށް ދަށަށް


ރާއްޖޭގައި އުފަންވާ ކުދިންގެ ޢަދަދު މަދުވުމާއި ގުޅިގެން ރާއްޖޭގެ ކުޑަކުދިންގެ އާބާދީ ދަށަށް ދާކަން ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 8 އަހަރު ތެރޭގައި ރާއްޖޭގައި އުފަންވެފައިވަނީ އެވްރެޖްކޮށް އަހަރަކު 5500 ކުދިންނެވެ.

އާބާދީއަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ކޮންމެ 10 އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ ބޯހިމުނުމުގެ ތަފާސްހިސާބުތައް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިންވަނީ ޢާންމުކޮށްފައެވެ. މި ތަފާސްހިސާބުތަކުން ކަންބޮޑުވާ ބައެއް ކަންކަންވެސް ހާމަވެފައިވެއެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ތެރެއިން ތުއްތު ކުދިންގެ އާބާދީ ވަރަށް ބޮޑަށް މަދުވެފައިވާކަމަށް ދައްކައެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަކޮށްފައިވާގޮތުގައި 2014 ވަނަ އަހަރު ރާއްޖޭގެ އާބާދީ ހުރީ 3،38،434 ގައެވެ. އަދި 2022 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އާބާދީ 3،82،751 މީހުންވަނީ އިތުރުވެފައެވެ. އެ 8 އަހަރު ތެރޭގައި އާބާދީއަށް އިތުރުވީ 44،317 މީހުންނެވެ. އެއީ އެވްރެޖްކޮށް އަހަރަކު 5500 ކުދިންނެވެ.

ޤައުމެއްގެ ޙައިސިއްޔަތުން އެޤައުމެއްގެ އާބާދީއަކީ އެޤައުމެއްގެ ތަރައްޤީއަށް މުހިއްމު ހިއްސާއެކެވެ. ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ދަށަށް ދިޔުމުގެ ސަބަބުން އާބާދީ އިތުރުވުން ވަނީ ހިފެހެއްޓިފައެވެ. އޭގެ ސަބަބުން ޤައުމުގެ ޒުވާނުންގެ އާބާދީ މުސްތަޤުބަލުގައި މަދުވެ، މަސައްކަތްތެރިންގެ އާބާދީ ވަރަށް ބޮޑަށް ދަށަށް ދާނެކަމަށް ސްޓެޓްސް ބިއުރޯއިން ފާހަގަކުރައްވައެވެ.

ހަމައެއާއެކު ޤައުމުގެ ދޮށީ ޢުމުރުގެ އާބާދީ އިތުރުވެގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުގައި ރިޓަޔަރ ކުރާ ޢުމުރު ވަކި ހިސާބެއްގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ދޮށީ ޢުމުރުގެ މީހުން ވެގެންދާނީ ދައުލަތަށް އުފުލަންޖެހޭ ބުރައަކަށެވެ. އެފަރާތްތަކަށް އަޅާލާނެ މީހުން މުސްތަޤުބަލުގައި މަދުވެ، ޤައުމުގެ އުފެއްދުންތެރިކަންވެސް ވަރަށް ބޮޑަށް ދަށަށް ދާނެކަމަށް އެބިއުރޯއިން ލަފާކޮށްފައިވެއެވެ. މީގެ ނަތީޖާއަކަށްވެގެންދާނީ ރާއްޖޭގެ އިޤްތިޞާދަށް ނުއުފުލޭ ބުރައަކަށް ދިވެހި އާބާދީ ވެގެންދިޔުމެވެ.


މިއީ ބޮޑު މައްސަލައަކަށް ބަދަލުވުމުގެ ކުރިން، ކުދިން އުފަންވާ ނިސްބަތް ދަށްވެފައިވާ ސަބަބުތައް ދެނެގަނެ މިކަމަށް ޙައްލެއް ގެންނަންޖެހެއެވެ. އެގޮތުން ކައިވެނިކޮށް ދަރިން ހޯދުމަށް ޒުވާނުންނަށް ބާރުއަޅަންޖެހޭކަން ސްޓެޓިސްޓިކްސް ބިއުރޯއިން ފާޙަގަކޮށްފައިވެއެވެ. އަދި ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ޢާއިލާތަކަށް ބޭނުންވާ ފުރުސަތުތައް އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ފަހިކޮށްދޭންޖެހެއެވެ.