އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ބ.އަތޮޅުގެ އުފެއްދުންތައް ބާޒާރަށް ނެރޭމިންވަރު މިވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. ސަބަބަކީ ދަނޑުވެރިކަން ކުރަމުން އައި އަންހެނުންފުށްޓާއި ބ.ގޮއިދޫގައި އެވިޔަފާރި ކުރުން މަދުވުމުވުމެވެ.
އެހެން އަހަރުތަކުގައި އެތައް ޓަނެއްގެ ކަރާ ބަޒާރަށް ނެރުނު ބ.އަތޮޅު އަންހެނުންފުށީގައި ފުޅާދާއިރާއެއްގައި ކުރި ދަނޑުވެރިކަން މިދިޔަ އަހަރު ވަނީ ހުއްޓާލާފައެވެ. އެރަށުގައި ކުރިން ދަނޑުވެރިކަން ކުރަމުން އައީ އއ ތޮއްޑޫ ގަމީރާ އާދަމް ކިޔާ އަންހެނެކެވެ. އޭނާ އެރަށް ދޫކޮށްލުމަކީ މިއަހަރު ދަނޑުވެރިކަމުން އުފައްދާ ބާވަތްތައް ބާޒާރަށް ނެރުން ބ.އަތޮޅުން ދަށްވާން ދިމާވި އެއްސަބަބެވެ.
މީގެ ކުރިން އެތައް ޓަނެއްގެ ކަރައާއި ކިއުކަމްބާ އާއި ބައްޓާއި މިރުސް ބާޒާރަށް ނެރުނު އަންހެނުންފުށި ގަމީރާ ދޫކޮށްލުމުން އެރަށްވަނީ ދިވެހި އެހެން ކުންފުންޏަކުން ދަނޑުވެރިކަމަށް ނަގާފައެވެ. އެރަށުގައި މިހާރު ދަނޑުވެރިކަމުގެ މަސައްކަތް ފަށާފައިވާއިރު، އެރަށު ދަނޑުތަކުން ހައްދާ ބާވަތްތައް ބާޒާރަށް ނެރެވޭނީ ރޯދައިގެ ފަހުންކަމަށް މައުލޫމާތުލިބެއެވެ. އަދި މިއަހަރު ރޯދައަށް ބާޒާރަށް ބައެއް ބާވަތްތައް ނެރެވޭނެކަމަށް އުންމީދު ކުރިނަމަވެސް އެކަން ނުވީ ބައެއް ދަނޑުތައް ތައްޔާރު ނުކުރެވުމުން ކަމަށް މައުލޫމާތުލިބެއެވެ.
ބ.އަތޮޅުގައި ދަނޑުވެރިކަން ފުޅާދާއިރާއެއްގައި ކުރަމުން އައި އަނެއްރަށަކީ ބިންބޮޑު ގޮއިދޫއެވެ. އެރަށުގެ ދަނޑުތަކުންވެސް މިއަހަރުގެ ރޯދައަށް މަދުން ނަމަވެސް ބާޒާރަށް ކަރާ ވަނީ ނެރެފައެވެ. އެހެން އަހަރުތަކަށްވުރެ މިއަހަރު ދަނޑުތަކުން ބާޒާރަށް ނެރުނު ބާވަތްތައް އެތައްގުނައެއް މަދުކަމަށް އެރަށު ކައުންސިލުންވެސް ބުނެއެވެ.
ގޮއިދޫން މިއަހަރު ބާޒާރަށް ނެރުނު ތަކެތީގެ ތެރޭގައި ކަރައާއި ދޮންކޭލާއި، ކިއުކަމްބާ އާއި މިރުހާއި ފާގައިގެ އިތުރުން ތޮރާ، ބަށި އަދި ބަރަބޯ ހިމެނެއެވެ. އަދި ފަތްޕިލާވެލީގެ ބާވަތްތަކުގެ ތެރެއިން ލެޓިއުސް، ކޮޕީފަތް ރޯދަމަހުގެ މިހާތަނަށް އައިއިރު ގޮއިދޫން ބާޒާރަށް ނެރެފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
މިއަހަރު ގޮއިދޫން ބާޒާރަށް ނެރުނު ތަކެތީގެ އަގުތަކަށް ބަލާއިރު ކަރާ ކިލޯއެއް ރޯދަމަސް ފެށުނު އިރުހުރީ 20ރުފިޔާއަށެވެ. ދޮންކެޔޮ ކިލޯއެއް ވިއްކީ 35-40 ރުފިޔާއަށެވެ. ތަރުކާރީގެ ބާވަތަތްކުގެ ތެރެއިން މިރުހުގެ އަގު އުޅެނީ 190-200ރުފިޔާއާ ދޭތެރޭގެ އަގުތަކެއްގައެވެ. ފާގަ ކިލޯއެއް 18-15 ރުފިޔާއަށް ހުރިއިރު ބަށި ކިލޯއެއް ހުރީ 35 ރުފިޔާއަށެވެ. ބަޓާނާ އާއި ކިޔުކަމްބާ ކިލޯއެއް 18 ރުފިޔާއަށް ވިއްކިއިރު މިބާވަތްތައް ހައްދައިގެން ބާޒާރަށް ނެރުނީ ވަރަށް މަދުންނެވެ. ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާއިރު، ދެރުފިޔާއަށް ކޮޕީފަތެއް ވިއްކާއިރު، ލެޓިއުސް ގަހެއްގެ އަގު އުޅެނީ 20 ރުފިޔާއަށެވެ.
މީގެ އަހަރުތަކެއް ކުރިން ދަނޑުވެރިކަން ފުޅާދާއިރާއެއްގައިކޮށް ނަފާ ނެރެމުން އައި ގޮއިދޫގައި ދަނޑު ހެއްދުން މަދުވާން ދިމާވި އެންމެ ބޮޑު އެއްސަބަބަކީ އެމީހުން އުފައްދާ ބާވަތްތައް މާލެއާއި އެއަތޮޅުގެ ރިސޯޓްތަކަށްވެސް ބޭރުކޮށް ވިއްކޭނެ މަގެއް ފަހިވެފައިނެތުމުންނެވެ.
ބ.އަތޮޅުގައި ދަނޑުވެރިކަމުން އުފައްދާ ބާވަތްތައް މަދުން ހައްދައިގެން ބާޒާރަށް ނެރުނުނަމަވެސް އަތޮޅުގެ ރަށްތަކުން ތަރުކާރީއާއި މޭވާގެ ބާވަތްތަކާ ފަތްޕިލާވެލީގެ ބާވަތްތައް ލިބުމުގައި ދަތިކަމެއް ކުރިމަތިނުވެއެވެ. މާލޭގެ ބާޒާރުގައި ލިބެންހުރި ހުރި ގިނަ ބާވަތްތަކެއް ބ.އަތޮޅުގެ ރަށްތަކުގެ ފިހާރަތަކުން ލިބެން ހުރެއެވެ.