ދުނިޔޭގެ ވިޔަފާރި

ތެޔޮ އުފެއްދުން މަދުކުރާނެކަމަށް އިއުލާނުކުރުމުން ތެލުގެ އަގު އުފުލިއްޖެ


ތެޔޮ އުފައްދާ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރާނެކަން އިއުލާނުކުރުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ.

ބްރެންޓް ކްރޫޑް އޮއިލްގެ އަގު %5 އަށްވުރެ މަތިވެފައިވާއިރު، ތެޔޮ ފީފާއެއްގެ އަގު ވަނީ 84 އެމެރިކާ ޑޮލަރަށްވުރެ ބޮޑަށް އުފުލިފައެވެ.

ތެލުގެ އަގު އުފުލުމުން ދިރިއުޅުމުގެ އަގުތައް ދަށްކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމަށް އިގްތިސާދީ މާހިރުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އާރުއޭސީ މޮޓޯރިން ގްރޫޕުން ބުނީ ތެލުގެ އަގު އުފުލުން ގިނަ ދުވަހަށް ދެމިގެން ނޫނީ ޕެޓްރޯލްގެ އަގު ބޮޑުވާނެކަމަށް ލަފާ ނުކުރާ ކަމަށެވެ.

ބްރެންޓް ކްރޫޑްގެ އަގު އުފުލިގެން ދިޔައީ ސައުދީ އަރަބިއްޔާ، އިރާގު އަދި ގަލްފުގެ ބައެއް ގައުމުތަކުން ދުވާލަކު އެއް މިލިއަނަށް ވުރެ ގިނަ ފީފާ ތެޔޮ އުފެއްދުން މަދުކުރާނެކަމަށް އާދީއްތަ ދުވަހު ބުނުމުންނެވެ. މީގެއިތުރުން ރަޝިޔާއިން ބުނެފައިވާ ގޮތުގައި މިއަހަރު ނިމެންދެން ދުވާލަކު ބައި މިލިއަން ފީފާ ތެޔޮ މަދުކުރުން ވަނީ ނިންމާފައެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައަށްފަހު ތެލުގެ އަގު އުފުލިގެން ދިޔަ ނަމަވެސް މިހާރު ވަނީ ހަނގުރާމައިގެ ކުރިން ހުރި ވަރަށް އަނބުރާ އައިސްފައެވެ.
ނަމަވެސް އެމެރިކާއިން އަންނަނީ ހަކަތައިގެ އަގު ދަށްކުރުމުގެ ގޮތުން އުފެއްދުންތެރިން އިތުރު ކުރުމަށް ގޮވާލަމުންނެވެ.

ހަކަތައާއި ތެލުގެ އަގު އުފުލުމުން އިންފްލޭޝަން މައްޗަށް ދިއުމަށް އެހީތެރިވެދީފައިވާއިރު އަގުތައް މައްޗަށް ދާ ރޭޓް އަވަސްވަމުންދާތީ ގިނަ ގޭބިސީތަކުގެ ހަރަދުތަކަށް އަންނަނީ އަސަރުކުރަމުންނެވެ.

އުފެއްދުންތެރިކަން ދަށްކުރުމުގެ މަސައްކަތް ކުރަމުންދަނީ އޮޕެކް+ ތެޔޮ އުފައްދާ ކުންފުނިތަކުގެ މެމްބަރުންނެވެ. މި ގްރޫޕަކީ ދުނިޔޭގެ ޖުމްލަ ސާފުނުކުރާ ތެލުގެ %40 ވަރަކަށް ހިއްސާކުރާ ގްރޫޕެކެވެ.

ސައުދީއަރަބިއާ އިން ބުނި ގޮތުގައި މެއި މަހުން ފެށިގެން މި އަހަރުގެ ނިޔަލަށް ދުވާލަކު 500،000 ފީފާ ތެޔޮ އުފެއްދުން މަދުކުރާނެއެވެ. ރަޝިޔާގެ ބޮޑުވަޒީރުގެ ނާއިބު ވިދާޅުވި ގޮތުގައި ރަޝިއާ އިންވެސް މިއަހަރުގެ ނިޔަލަށް ދުވާލަކު 500،000 ތެޔޮ އުފެއްދުން މަދުކުރާނެއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް،ޔޫއޭއީ، ކުވައިތު، އިރާގު، އޮމާން އަދި އަލްޖީރިއާ އިންވެސް ހަމަ އެ މުއްދަތުގައި އުފެއްދުންތައް މަދުކުރާނެއެވެ.

ޔޫއޭއީން ބުނި ގޮތުގައި ދުވާލަކު 144،000 ފީފާގެ ތެޔޮ މަދުކުރާނެއެވެ. ކުވައިތުން 128،000 ފީފާގެ ތެޔޮ މަދުކުރާނެ ކަމަށް އިއުލާން ކުރިއިރު އިރާގުން ބުނީ 211،000 ތެޔޮ މަދުކުރާނެ ކަމަށެވެ. މީގެއިތުރުން އަލްޖީރިއާ އިން ބުނީ އެގައުމުގެ އުފެއްދުންތެރިކަން ދުވާލަކު 48،000 ފީފާގެ ތެލަށް މަދުކުރާނެ ކަމަށެވެ.

ސައުދީގެ ހަކަތައާއިބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ގައުމުން ތެޔޮ އުފެއްދުން މަދުކުރަން ނިންމީ ތެލުގެ ބާޒާރު ހަމަޔަކަށް އެޅުވުމަށެވެ. އޯޕެކް+އިން ތެޔޮ އުފައްދާ މިންވަރު މަދުކުރަން އެއްބަސްވެފައިވާ އެއްބަސްވުން ދަމަހައްޓާނެ ކަމަށް ބެލެވޭ ކަމަށް އެ ގްރޫޕްގެ ފަސް މެމްބަރަކު މީގެކުރިން ވަނީ ވިދާޅުވެފައެވެ.