ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ބުރައެއްކަމުގައި ނުދެކި އެއީ ޒިންމާއެއްކަމަށް ހަދަންޖެހޭ


ކުޑަ ޤައުމެއްނަމަވެސް، އާބާދީގެ ގޮތުން ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޢަދަދުތައް އަންނަނީ އިތުރުވަމުންނެވެ. އެފަދަ މީހުންނަކީ މުޖުތަމަޢުގައި ބާކީވެ، އެކަހެރިކުރެވިފައި މީގެކުރިން ތިބި ބައެއްނަމަވެސް މިކަން މަޑުމަޑުން ބަދަލުވަމުންދާ މަންޒަރު މިހާރު ފެނެއެވެ.

ކޮންމެ މުޖުތަމަޢަކުންވެސް ތަފާތު މީހުން ފެންނާނެއެވެ. އުފެދުމުގައާއި އެކި ސަބަބުތަކަށްޓަކައި ޢުމުރުގެ އެކި ހިސާބުތަކުގައި ކޮންމެވެސް ސިފައެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އެއިން ކޮންމެ މީހަކީވެސް ޢާއްމުން އެހެން މީހުންނެކޭ އެއްފަދައިން ޙައްގުތަކެއް ލިބިގެންވާ ބައެކެވެ.

އެހެންނަމަވެސް މުޖުތަމަޢުގެ ތެރޭގައި އޮތް ނުރަނގަޅު އާދައަކީ މިފަދަ މީހުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ބަދަލުގައި އެއީ ބުރައެއްކަމަށް ޤަބޫލުކުރެވި އެހީގެ އަތް ދިއްނުކޮށްތިބުމެވެ. ރާއްޖޭގެ އާބާދީގެ ތެރެއިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގައި ދަފްތަރުކުރެވިފައިވާ ނުކުޅެދުންތެރި މީހުންގެ ޢަދަދު 10000 އަށްވުރެ ގިނައެވެ.

ތަރައްޤީގެ މަގުގައި ގިނަ ދާއިރާތަކަކުން ރާއްޖެއިން އަންނަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކާއި ވާދަކުރަމުންނެވެ. އެހެންނަމަވެސް އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމުގައި ތަހުޒީބު ޤައުމުތަކާއި އަދި ވާދަކުރެވޭ ހިސާބަށް ނުދެއެވެ. އެއްބަޔަކަށް ޤަބޫލުކުރެވެނީ އެއީ ސަރުކާރުގެ ޒިންމާއެއްކަމަށެވެ. އަނެއް ބަޔަކަށް ޤަބޫލުކުރެވެނީ އެއީ ޤާނޫނަކުން ކަށަވަރުކޮށްދޭންޖެހޭ ކަމެއްކަމަށެވެ. ޤާނޫނު އަސާސީއިން ކޮންމެ މީހަކަށްވެސް ރައްކަތެރިކަމާއި މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމުގެ ފުރިހަމަ އިޚްތިޔާރު ލިބިދީފައިވެއެވެ. އަދި ޤާނޫނުން ސަރުކާރުގެ މުވައްސަސާތަކުގެ މައްޗަށް އެކަން ކަށަވަރުކުރުމަށް ލާޒިމުކުރާއިރު މުޖުތަމަޢުގެ ބައިވެރިވުންވެސް މިކަމުގައި އޮންނަން ޖެހެއެވެ.

މިހުރިހާ ފަރާތެއް ގުޅިގެން ކުރަންޖެހިފައިވާ މަސައްކަތުގެ ބޮޑުކަން ހާމަވީ މިދިޔަ އަހަރު އެޗް.އާރް.ސީ.އެމްއިން ކުރިއަށްގެންދިޔަ ސަރވޭއިންނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭއިން ފުރޮޅުލީ ގޮނޑީގައި ތިބޭ މީހުންނަށް ވެރިރަށް މާލޭގައި ހިންގާ ސްކޫލްތަކަށާއި، މިސްކިތްތަކަށާއި، އެހެނިހެން ޢާއްމު ޚިދުމަތްދޭ ތަންތަނުގެ ތެރެއިން ނިސްބަތުން ގިނަ ތަންތަނަށް ވަދެނުކުމެވޭނެހެން ރޭމްޕް ޤާއިމުކޮށްފައިނުވާކަން މިސަރވޭއިންވަނީ ހާމަވެފައެވެ.

ތަރައްޤީގެ މަޝްރުޢުތައް ޕްލޭންކުރުމުގައާއި، ޢިމާރާތްކުރުމާއި، ކުންފުނިތަކުގެ އާއްމު އިޖްތިމާޢީ ޒިންމާގެ ތެރެއިން ކުރެވޭ އެކި ކަންކަމާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރާ މަސައްކަތުގައާއި ސްކޫލް، ޔުނިވަރސިޓީތަކުން އިންތިޒާމުކުރާ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ހުރިހާ އެންމެން ޝަމިލުކުރެވޭނެ ފަދަ ގޮތްތަކެއް ވިސްނަންވީއެވެ.

ޖިސްމާނީ އަދި ސިކުނޑީގެ ނުކުޅެދުންތެރިކަން އެކި ވަރަށް ތަޙައްމަލުކުރާ ފަރާތްތަކާއި، ހިނގާބިގާނވެ އުޅުމުގެ ނުކުޅެދުންތެރިކަމާއި ލޮލަށް ފެނުމާއި އަޑުއިވުމުން މަޙްރޫމްވެފައިވުމާއި، އޯޓިޒަމް އާއި އުނގެނުމުގެ ނުކުޅެދުންތެރިކަމާއި ނަފްސާނީ ނުކުޅެދުންތެރިކަމުގެ އިތުރުން އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ އެތައް ބަޔަކު މި ޤައުމުގައި އެބަ ދިރިއުޅެއެވެ.

މިއިން ކޮންމެ މީހަކަށް ބޭނުންވަނީ އަޅާލުމެވެ. އޯގާތެރިކަމެވެ. ބައިވެރިކުރުވުމެވެ. ސަރުކާރުން ކުރާ މަސައްކަތަށް މުޖުތަމަޢުގެ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ލިބޭން ފަށާ ދުވަހަކުން ނުކުޅެދުންތެރިކަން ތަޙައްމަލު ކުރަމުންދާ މީހުންނަށްވެސް ހިތްހަމަޖެހިގެން މިމުޖުތަމަޢުގައި ދިރިއުޅެވޭނެއެވެ. އަދި އެއީ ތަކުލީފުތައް ކުރިމަތިވީނަމަވެސް އުފާވެރި ދިރިއުޅުމަކަށް ހަދައިދެވިދާނެއެވެ. އެންމެން އެއް ވިސްނުމެއްގައި މަސައްކަތްކޮށްފިނަމަ މިއީ ނުވާނެ ކަމެއް ނޫނެވެ.