މިއަހަރު 25 ރަށެއްގެ އިންޖީނުގެ އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްކުރުމަށް ބަޖެޓްކޮށްފައިވާކަމަށް ފެނަކައިން ބުނެފިއެވެ. އަދި އެކުންފުނިން ޙަވާލުވެފައިވާ އިންޖީނުގެތަކުގެ ވަށާފާރު ނެތް ތަންތަނުގައި ވަށާފާރު ރޭނުމުގެ މަސައްކަތް މިއަހަރު އިތުރު 17 ރަށެއްގައި ކުރިޔަށް ދާނެކަމަށް އެކުންފުނިން ބުނެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ފެނަކައިން ހިންގާ އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫޢު ފެނަކައިން ދަނީ ހިންގަމުންނެވެ. އެގޮތުން މިއަހަރު ވަށާފާރު ރޭނުމާއި އިންޖީނުގެތައް މީހުން ނޫޅޭ އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެކުންފުނިން ބުނީ މިއަހަރު 25 ރަށެއްގެ އިންޖީނުގެ އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ބަޖެޓްކޮށްފައިވާ ކަމަށާއި އެ ކުންފުނިން ޙަވާލުވެފައިވާ އިންޖީނުގެތަކުގެ ވަށާފާރު ނެތް ތަންތަނުގައި ވަށާފާރު ރޭނުމުގެ މަސައްކަތް މިއަހަރު އިތުރު 17 ރަށެއްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން އެ ކުންފުނިން ވަނީ މިދިޔަ އަހަރު 8 ރަށެއްގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ. މި 8 ރަށުގެ ތެރެއިން ގާދިއްފުށީގެ މަސައްކަތް މިއަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ނިންމާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. އަދި ނުނިމި ބާކީ އޮތް 7 ރަށުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ނިމި ހިދުމަތް ދެވޭނެކަމަށް އެކުންފުނިން ބުނެއެވެ.
އިންޖީނުގެ އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އިތުރުން އެ ކުންފުނިން ދަނީ ވަށާފާރު ނެތް އިންޖީނުގެތަކުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރުގެ ފަހުކޮޅުގައި ކުރަން ފެށި މި މަސައްކަތުގެ ދަށުން 10 ރަށެއްގެ މަސައްކަތް ފެށިފައިވެއެވެ. މީގެތެރެއިން ޅ. ނައިފަރުގެ އިންޖީނުގެ ވަށާފާރު ރޭނުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. މި 10 ރަށުގެ ތެރެއިން ބާކީ ހުރި ރަށް ރަށުގެ މަސައްކަތް ޖޫން މަހުގެ ހިސާބުގައި މަސައްކަތްތައް ނިމޭނެކަމަށް އުއްމީދު ކުރައްވާކަމަށް އެކުންފުނިން ބުނެއެވެ.