ޚަބަރު

ރައީސްގެ ތަސައްވަރާއެކު ރާއްޖޭގެ ތަރައްޤީގައި ހުރިހާ ޤައުމެއްގެ ބައިވެރިވުން އެބައޮތް: ޝާހިދު


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ޚާރިޖީ ދާއިރާގެ ތަސައްވަރާއެކު މިއަދު ރާއްޖެއަކީ ބައިނަލްއަގުވާމީ ހުރިހާ ޤައުމެއްގެ އެހީތެރިކަމާއިއެކު ތަރައްޤީގައި ކުރިއަށްދާ ޤައުމެއް ކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ޗައިނާއާއެކު، ރާއްޖޭގެ ތަރައްޤީގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފޮރިން މިނިސްޓަރީގައި އޮތް މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދުރުވިސްނުންތަކާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ބައިވެރިވުން ބޮޑުކަމަށެވެ. ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި މިއަދު އެހީތެރިކަން ފޯރުކޮށް ދެއްވަނީ، ވަކި އެންމެ ޤައުމަކުން ނޫންކަމަށާއި، ދުނިޔޭގެ ހުރިހާ ޤައުމެއްގެ އެހީތެރިކަންވެސް މިއަދު އޮތްކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ދުނިޔެއާއި ލާމެހިފައިވާ ޤައުމަށް މިއަދު ރާއްޖެވެފައިވާއިރު އެކަމުގެ ފައިދާ ރާއްޖެއަށް ހުރިހާ ގޮތަކުންވެސް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގައި އަބަދުވެސް މުހިންމު ހިއްސާއެއް އަދާކުރާ ޤައުމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ޗައިނާއާއި ރާއްޖެއާއިއެކު ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި 2026 އިން 2027 އަށް ދެގައުމުގެ ދެމެދުގައި ތަރައްޤީގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތްކުރާނެ ގޮތުގެ މައްޗަށް ވެވުނު އެއްބަސްވުމަކާއި، ޗައިނާގެ އެހީގައި ބިނާކޮށްފައިވާ ދާރުލް އާސާރާއި، ލައިބްރަރީ މަރާމާތުކުރުމުގެ އެއްބަސްވުމުގެ އިތުރުން ޗައިނާ މޯލްޑިވްސް ފްރެންޝިޕް ބްރިޖު މަރާމާތު ކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ އުތުރުގެ ދެރަށެއްގައާއި ރާއްޖޭގެ ދެކުނުގެ ދެރަށެއްގައި ރީޖަނަލް ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ރީޖަނަލް ފެންވަރަށް ތަރައްޤީ ކުރާ ހޮސްޕިޓަލްތައް ޤާއިމް ކުރުމަށް ހަމަޖެހިފައިވަނީ ހއ.ދިއްދޫ، ރ.އަލިފުށި، ދ.ކުޑަހުވަދޫ އަދި ގއ.ވިލިނގިލީގައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ސިއްޚީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޗައިނާއާއިއެކު އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލުތަކުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ. އަދި މިމަސައްކަތްތަކާއިއެކު ކުރިއަށް އޮތްތަނުގައިވެސް ޗައިނާއާ ރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީން ކުރައްވާކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.