ތަޢުލީމު

ތައުލީމީ ނިޒާމުގެ ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކޮށްފި


ތައުލީމީ ނިޒާމް ރަނގަޅުކޮށް، ސިޔާސަތުތައް ތަންފީޒުކުރުމުގައި އެވުޒާރާގެ މިނިސްޓަރުގެ ޙިޔާލުފުޅާއި، މަޝްވަރާތައް އދ.އަތޮޅުގެ ސްކޫލްތަކުގެ ބޭފުޅުންނާއި ޙިއްޞާކުރައްވައި، އެބޭފުޅުންގެން ޙިޔާލާއި މަޝްވަރާތައްވެސް ހޯއްދަވައި ކަންބޮޑުވުންތަކުގެ އަޑު އައްސަވައިފި. މިނިސްޓަރ އެބޭފުޅުންގެ މަޝްވަރާއާއި، ޚިޔާލުފުޅުތައް ހޯއްދެވީ މިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އެއަތޮޅުގެ ރަށްރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

ތައުލީމާއިބެހޭ ވުޒާރާގެ މިނިސްޓަރ ޑރ.އައިޝަތު ޝިހާމް މީހުން ދިރިއުޅޭ ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކަށް ޒިޔާރަތްކުރެއްވުމަށް ފައްޓަވާފައިވާ ޚާއްޞަ ޕްރޮގްރާމްގެ ދަށުން އެންމެ ފަހުން ވަޑައިގެންނެވީ އަރިއަތޮޅު ދެކުނުބުރި ނުވަތަ އދ.އަތޮޅުގެ ހުރިހާ ސްކޫލްތަކަށެވެ. އެސްކޫލްތަކަށް ވަޑައިގެން ސްކޫލްތައް ހިންގެވުމުގައްޔާއި، ކިޔަވައިދެއްވުމުގައި ހުރި ދަތިތައް އޮޅުންފިލުއްވިއެވެ. އަދި މިނިސްޓްރީގެ ސިޔާސަތުތަކާއި، އުޞޫލުތައް ހާމަކޮށްދެއްވައި، އެ ސިޔާސަތުތައް ތަންފީޒުކުރެއްވުމަށް ބާރު އެޅުއްވިއެވެ. އަދި ތައުލީމީ ދާއިރާގައި ދަރިވަރުންނަށް ހުރި ފުރުޞަތުތަކާއި، ޓީޗަރުންނަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވިއެވެ. ހަމައެހެންމެ ސްކޫލްތަކުގައި ހުރި ދަތިތަކާއި، ހިންގެވުމުގައި ހުރި ހުރަސްތައް އޮޅުންފިލުއްވައިދެއްވައި ކަންކަން ރަނގަޅުކުރުމުގައި ސްކޫލްތައް ހިންގަވާ ބޭފުޅުންނާއި، ބެލެނިވެރިންނާއި، ޓީޗަރުންގެ ޙިޔާލު ހޯއްދެވިއެވެ. ހަމައެހެންމެ ސްކޫލްތަކުގެ ބެލެނިވެރިންނާއި، ޓީޗަރުން އަދި ހިންގަވަން ތިއްބެވި ބޭފުޅުން ފާހަގަކުރެއްވި ދަތިތައް ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި ވާހަކަދެއްކެވިއެވެ.

ސްކޫލްތަކުން މައިގަނޑުގޮތެއްގައި ފާހަގަކުރެއްވި ކަންތައްތަކަކީ ޖާގައިގެ ދަތިކަމާއި، މަތީ ގްރޭޑްތައް އުފައްދައި ފެންވަރު ރަނގަޅު ކުރުމަށް އެދޭކަމެވެ. ހަމައެހެންމެ ޓީޗަރުންނަށް އިތުރު ތަމްރީން ބޭނުންވާކަމާއި، އެފަދަ ފުރުޞަތުތައް މިހާރަށްވުރެ އިތުރަށް ހޯއްދަވައިދެއްވުމަށް ޓީޗަރުންގެ ފަރާތުން ހުށައެޅުއްވިއެވެ. މިހުރިހާ ކަންކަމަށްވެސް މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވަނީ އެކަމަނާގެ ޓީމާއިއެކު ޖަވާބުދެއްވައި، ހައްލުކުރެވޭނެ ގޮތްތަކާއެކު، މަޝްވަރާ ކުރައްވައިގެން ކުރިއަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ. 

މިދަތުރުންވެސް އެންމެ ބޮޑަށް ފެނިވަޑައިގަތީ ރައްޔިތުން ތައުލީމަށް ދެއްވާ އަހައްމިޔަތާއި، އެއްބާރުލެއްވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތައުލީމީ ސިޔާސަތުގެ އެންމެ މުޙިންމު ޝިޢާރުކަމަށްވާ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ މުޙިންމު މައުލޫމާތުތައް ޙިއްޞާކުރެއްވި މިބައްދަލުވުންތަކަށްފަހު، ސިޔާސަތު ތަންފީޒުކުރުމުގައި ބޭނުންވާ މުޙިންމު މައުލޫމާތުތަކެއްވެސް ލިބިވަޑައިގެންނެވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ސިޔާސަތު ކުރިއަށް ގެންދެވުމަށް ސްކޫލްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސީދާ މިނިސްޓަރ ސްކޫލްތަކަށް ވަޑައިގެން މަޝްވަރާއާއި ޚިޔާލުތައް ދެއްވައި، އަދި މަޝްވަރާއާއި ޙިޔާލު ހޯއްދެވިކަމީ ލިބިގެންދިޔަ ވަރަށްބޮޑު އުފަލެއްކަމަށް ސްކޫލްތަކުގެ ވެރިން ވިދާޅުވިއެވެ. އަދި ސްކޫލްތަކުގައި ހުރި ކަންބޮޑުވުންތައް ސީދާ މިނިސްޓަރާއި ޙިއްޞާކުރެއްވުމުގެ ފުރުޞަތު ލިބުމުން ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން ހިނގައްޖެކަމަށްވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ. މިބައްދަލުވުންތައް ކުރިއަށްގެންދެވީ އެކުވެރި، މާހައުލެއްގައެވެ. މިނިސްޓަރާއި، މިނިސްޓްރީގެ އިސްބޭފުޅުން ހިމެނިވަޑައިގެންނެވި މިދަތުރުފުޅުގައި މަހިބަދޫ، ހަންޔާމީދޫ، އޮމަދޫ، ކުނބުރުދޫ، މަންދޫ، ދިގުރަށް، ދަނގެތި، ދިއްދޫ، މާމިގިލި އަދި ފެންފުއްޓަށް ވަޑައިގެން ސްކޫލްތަކުގެ ބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ.