ޗައިނާ މޯލްޑީވްސް ފްރެންޑްޝިޕް ބްރިޖް އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ލޮނުޒިޔާރަތްކޮޅަށް ބާލައިފިއެވެ. ހުޅުލެއާއި މާލެއާދެމެދު އަޅާ މި ބްރިޖުގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ސާމާނު މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ގެނައި ނަމަވެސް، ބޮޑެތި ބާޖުތަކާއި، ކެރޭނު ފަދަ ތަކެތި ބޭލީ މިތަކެތި ބާލަން އޮންނަ އުޞޫލާ އެއްގޮތަށް މިތަކެތި ގެނައި އުޅަނދު ކަނޑަށްވަކިވަރަކަށް ފައްތާލައިގެންނެވެ.
ގިނަ ދުވަސްތަކެއް ވަންދެން ދިވެހިން ކުރި އުންމީދުތަކެއްގެ ފެށުން ކުޑަތަންވަމުން އަންނައިރު، ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމުގައިވާ ހުޅުލެއާ މަލެއާ ދެމެދު ބުރިޖް އެޅުމުގެ ހުވަފެން ހަޤީގަތަކަށް ވުމުގެ ކުލަވަރު ފެންނަން ފެށީ، 2013 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ. ބްރިޖްގެ މައިގަނޑު މަސައްކަތް ފަށަން އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނައިރު ، މިމަސައްކަތުގައި ހިމެނޭ ކޮންމެ ކަމެއް ވެގެންދާނީ އާ ތަޖުރިބާ ތަކަކަށެވެ. ބްރިޖްގެ މަސައްކަތަށް ގެނައި ބޮޑެތި ބިޔަ މެޝިނަރީތައް ބޭލި މަންޒަރަކީ ވެސް މިކަމުގައި މިސާލެއްނެތްފަދަ މަންޒަރަކަށްވެގެންދިޔައެވެ.
ބާޖާއި ކެރޭން ފަދަ ތަކެތި ބޭލުމުގެ މަސައްކަތް ކުރިއަށް ދިޔައީ، މިތަކެތި ރާއްޖެ ގެނައި އުޅަނދު ކަނޑުގެ 12 މީޓަރާއި 18 މީޓަރާދެމެދުގެ ފުންމިނަށް އަޑިޔަށް ފައްތައިގެން ކަން ފާހަގަ ކޮށްލެވެއެވެ. ޗައިނާއިން ރާއްޖެ އައި މި ބޯޓުގައި ރާއްޖެގެނައީ 100 މީޓަރުގެ ދެބާޖާއި ޓަގަކާއި ދެފްލޯޓިން ވެސެލްކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ ބްރިޖް އާޅާ ސަރަޙައްދު ކަމުގައިވާ މާލޭ ލުނުޒިޔާރަތްކޮޅު ސަރަޙައްދުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެކަމަށެވެ. އަދި މަސައްކަތްތައް ރޭވިފައިވާ ގޮތަށް ކުރިއަށް ދާނަމަ ދެން އެންމެ އަވަހަށް ފެށޭނީ ބްރިޖްގެ ތަނބުތަކުގެ ފައުންޑޭޝަންގެ މަސައްކަތެވެ. މި މަސައްކަތް އަންނަ މާރޗް މަހު ފަށާނެއެވެ. އެއަށްފަހު ޖޫން މަހުގެ އެއްވަނަ ދުވަހު ފައުންޑޭޝަން މަތިން ބްރިޖްގެ ތަނބުތަކުގެ އަޑީބައި ހަދަން ފަށާނެއެވެ.
ޗައިނާގެ ސީސީސީސީ ސެކްނަޑް ހަރަބަރ ކުންފުންޏާ ޙަވަލު ކޮށްގެން ކުރިއަށްދާ މިމަޝްރޫއަށް 210 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވިފައިިވެއެވެ. މީގެ ތެރެއިން 124 މިލިއަން ޑޮލަރު ހޭދަ ކުރަން ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. އަދި 12.6 މިލިއަން ޑޮލަރު ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރެއްވުމަށް ނިންމަވަފައިވާއިރު، ޗައިނާ ސަރުކާރުން ލުއި ލޯނުގެ ގޮތުގައިވެސް މި މަޝްރޫޢަށް އެހީތެރިކަން ފޯރު ކޮށްދެއްވުމަށް ނިންމަވާފައިވާކަން ކުރިން ވަނީ ހާމަ ކުރައްވަފައެވެ. އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީގޮތުންނާއި އަދި އެނޫން ގޮތްގޮތުންވެސް، ރަގަޅު ފާލަމަކަށް މިފާލަން ވެގެން ދާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވާއިރު، 1.39 ކިލޯމީޓަރު ގެ މިފާލަން ފަރުމާ ކޮށްފައިވަނީ ފާލަމުން ދަތުރުފަތުރު ކުރަން ބޭނުން ކުރާފަރާތްތަކަށް ޚާއްޞާ އިންތިޒާމެއްގެ ދަށުން ދަތުރު ކުރެވޭ ގޮތަކަށް ކަން ފާހަގަ ކޮށްލެވެއެވެ. ޗައިނާގެ ސީސީސީސީ ސެކްނަޑް ހަރަބަރ ކުންފުންޏާ ޙަވަލު ކޮށްގެން ކުރިއަށްދާ މިމަޝްރޫއަށް މި ބްރިޖްގެ މަސައްކަތް ނިންމައި 2018 ވަނަ އަހަރު ބޭނުން ކުރަން ފަށާގޮތަށްވަނީ ހަމަޖެހިފައެވެ.