ޚަބަރު

ފިންލެންޑު ނޭޓޯއާ ގުޅުމަށް ތުރުކީވިލާތުން ރުހުންދީފި


އެމެރިކާއިން އިސްވެ އެކުލަވައިލާފައިވާ ދިފާޢީ ގުޅުން ކަމުގައިވާ ނޯތް އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ)އާ ގުޅުމަށް ވިލާތުގެ ޤައުމެއް ކަމުގައިވާ ފިންލެންޑުން ކުރަމުންދާ މަސައްކަތްތަކަށް ތުރުކީވިލާތުން ރުހުންދީފިއެވެ. ފިންލެންޑުން ނޭޓޯގެ މެންބަރުކަން ހޯދަން މަސައްކަތް ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ހަނގުރާމަ ފެށުމާ ގުޅިގެންނެވެ.

ފިންލެންޑުން ނޭޓޯގެ މެންބަރަކަށްވުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަށް ނޭޓޯގެ މެންބަރުންގެ ތެރެއިން އެންމެ ފަހުން ރުހުން ދީފައި މި ވަނީ ތުރުކީވިލާތުންނެވެ. އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން މި ކަމަށް އާނބަސް ބުނެފައި މި ވަނީ، ފިންލެންޑުގެ މެންބަރު ކަމަށް ތާޢީދުކުރައްވާ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ތާޢީދުކުރައްވާ ކަން ހާމަކުރެއްވިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ފިންލެންޑަކީ ނޭޓޯގެ މެންބަރަކަށް ވުމަށް ތުރުކީވިލާތުން ތާޢީދުކުރުމާ ގުޅިގެން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގް ވަނީ އެ ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. "ފިންލެންޑަކީ ނޭޓޯގެ މެންބަރަކަށް ވުމަށް ތުރުކީވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ރުހުން ދިނުމުން މަރުޙަބާ ކިޔަން. އެ ނިންމުމާ އެކު ނޭޓޯގެ ބާރު އިތުރަށް ވަރުގަދަވެގެން ދާނެ. އަދި، ނޭޓޯގެ މެންބަރު ޤައުމުތަކަށް އިތުރަށް ރައްކާތެރިކަން ލިބިގެންދާނެ،" ސްޓޮލްޓެންބަރގް ވިދާޅުވިއެވެ.

ފިންލެންޑަކީ ރަޝިޔާއާ އެކު ސަރަޙައްދީ އިމެއް ހިއްސާކުރާ ޤައުމެކެވެ. ދެ ޤައުމުގެ ދެމެދުގައިވާ ސަރަޙައްދީ ރޮނގުގެ ދިގުމިން 1,300 ކިލޯމީޓަރަށް އަރައެވެ. ނޭޓޯގެ 31 ވަނަ މެންބަރަށް ރަސްމީކޮށް ވުމުގެ ކުރިން ފިންލެންޑުން އިތުރު ޓެކްނިކަލް ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، ކުރިއަށް އޮތް ހަފުތާގައި ފިންލެންޑަށް ރަސްމީކޮށް ނޭޓޯގެ މެންބަރުކަން ދީ، އެ ކަން އިޢުލާނު ކުރާނެ ކަމަށް ބެލެވެއެވެ.

ފިންލެންޑުން ނޭޓޯއާ ގުޅެން ނިންމާފައި ވަނީ 2022 ވަނަ އަހަރުގެ މޭ މަހުއެވެ. އެ ޤައުމާ އެކު، އަވަށްޓެރި ސްވިޑެންއިން ވެސް ނޭޓޯގެ މެންބަރުކަން ހޯދުމަށް އެދި ހުށަހަޅާފައިވެއެވެ. އެ ދެ ޤައުމުގެ ހުށަހެޅުން ވެސް ނޭޓޯއިން ވަނީ ބަލައިގަނެފައެވެ. ނޭޓޯގެ މެންބަރުންގެ ޢަދަދު އިތުރުވުމަކީ ރަޝިޔާއަށް އޮތް ނުރައްކަލެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ތުރުކީވިލާތުގެ ކުރިން ހަންގެރީއިން ވެސް ވަނީ ފިންލެންޑުގެ ހުށަހެޅުމަށް ރުހުންދީފައެވެ. ނަމަވެސް، ސްވިޑެންގެ ހުށަހެޅުމަށް ހަންގެރީއާއި ތުރުކީވިލާތުން އަދިވެސް ދަނީ ހުރަސްއަޅަމުންނެވެ. ހަންގެރީއާއި ސްވިޑެންއާ ދެމެދު މައްސަލަ ޖެހިފައި ވަނީ، ހަންގެރީގެ ސަރުކާރަށް ސްވިޑެނުން ފާޑުކިޔުމާ ގުޅިގެންނެވެ. ހަންގެރީގެ ބޮޑުވަޒީރު ވިކްޓަރ އޮރްބަންއަކީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ.

ތުރުކީވިލާތުން ސްވިޑެންއަށް ހުރަސް އަޅަމުން ދަނީ، ޓެރެރިސްޓުންގެ ގޮތުގައި ތުރުކީވިލާތުން ބަލާ ބަޔަކަށް ސްވިޑެނުން ހިމާޔަތްދޭ ކަމުގެ ތުހުމަތުގައެވެ. ތުރުކީވުލާތުގައި 2016 ވަނަ އަހަރު ހިންގަން މަސައްކަތްކުރި ބަޣާވާތުގެ ފަހަތުގައިވާ ކުރުދީ ދަރިކޮޅަށް ނިސްބަތްވާ ބައެއް މީހުން ސްވިޑެންގައި ހިމާޔަތް ހޯދަމުންދާ ކަމަށް ތުރުކީވިލާތުން ބުނެއެވެ.

ނޭޓޯ އުފައްދާފައި ވަނީ ސޯވިއެޓް ޔޫނިއަންގެ ޒަމާނުގައި ފިނި ހަނގުރާމައިގެ ދުވަސްވަރެވެ. ބޭނުމަކީ، ސޯވިއެޓް ޔޫނިއަންގެ ނުރައްކަލުން ދިފާޢުވުމަށް އެކުގައި މަސައްކަތް ކުރާނެ ގުޅުމެއް އެކުލަވައިލުމެވެ. ނޭޓޯ އުފައްދާފައި ވަނީ ނާޒީ ޖަރުމަނުވިލާތް ބަލިކުރުމަށް ފަހު، ދެވަނަ ބޮޑު ހަނގުރާމަ ނިމުމާ އެކުގައެވެ. ރަޝިޔާ ކައިރީގައިވާ ޤައުމުތަކުން ނޭޓޯއާ ގުޅުމަކީ ރަޝިޔާއިން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ. އަދި، އެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ހުރަހެއް ކަމުގައި ރަޝިޔާއިން ގަބޫލުކުރެއެވެ.