ޚަބަރު

އެމެރިކާގެ އާކެންސޯއަށް ނަގޫރޯޅިއެއް އަރާ ތިން މީހުން މަރުވެއްޖެ


އެމެރިކާގެ މެދު ދެކުނުގައިވާ އާކެންސޯ ސްޓޭޓަށް ބާރުގަދަ ނަގޫރޯޅިއެއް އެރުމުގެ ސަބަބުން ތިން މީހުން މަރުވެފައިވާއިރު، މެދު އިރުމަތީގައިވާ އިލިނޯއީ ސްޓޭޓަށް ބާރުގަދަ ތޫފާނެއް އަރައި އެކަކު މަރުވެއްޖެއެވެ. އިލިނޯއީއަށް އެރި ތޫފާނުގެ ސަބަބުން މިޔުޒިކް ތިއޭޓަރެއްގެ ފުރާޅު ވެއްޓި 28 މީހުން ޒަޚަމުވިއެވެ.

އާކެންސޯއަށް ނަގޫރޯޅި އަރާފައި ވަނީ މެންދުރުގެ ވަގުތުގައި ކަމަށާއި، ނަގޫރޯޅުއާ އެކު އެ ސްޓޭޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ގަވަރުނަރު ސޭރާ ހަކަބީ ސޭންޑަރސް ވިދާޅުވިއެވެ. މި ހާދިސާގައި ދެ މީހުން މަރުވީ އާކެންސޯގެ އިރުމަތީގައި އޮންނަ ރަށެއް ކަމުގައިވާ ވައިންގައެވެ. ތިންވަނަ މީހަކު މަރުވީ އާކެންސީގެ ވެރިރަށް ލިޓްލް ރޮކް ކައިރީގައި އޮންނަ ޕުލާސްކީ ސައުންޓީންނެވެ.

ނަގޫރޯޅީގެ ސަބަބުން 30 މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމުގައި ލިޓްލް ރޮކްގެ މޭޔަރު ފްރެންކް ސްކޮޓް ޖޫނިއަރ ވިދާޅުވިއެވެ. އާކެންސޯއާ އިންވެގެން އޮންނަ ޓެނެސީ، އިލިނޯއީ އަދި އަޔޯވާ ސްޓޭޓްތަކަށް ވެސް ނަގޫރޯޅިތައް އަރާފާނެ ކަމުގެ އިންޒާރު އެމެރިކާގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ދީފައެވެ.

ނަގޫރޯޅީގައި ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އާކެންސޯގެ ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ. ކަރަންޓުގެ ޚިދުމަތް ނުލިބޭ މީހުންގެ ޢަދަދު 78,000 އަށްވުރެ އިތުރުވާނެ ކަމަށް އެ ސްޓޭޓްގެ އޮފިޝަލުން ވިދާޅުވެއެވެ. ނަގޫރޯޅިއާ ގުޅިގެން ޒަޚަމުވި މީހުންނަށް ޞިއްޙީ ފަރުވާދިނުމަށް އެ ސްޓޭޓްގެ ހޮސްޕިޓަލުން ވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ.

ބާރުގަދަ ތޫފާނެއް އެރުމުގެ ސަބަބުން ފުރާޅު ވެއްޓިފައި ވަނީ އިލިނޯއީގެ ބެލްވިޑިޔަރގައި ހުންނަ އެޕޯލޯ ތިއޭޓަރުގެއެވެ. މި ހާދިސާ ހިނގާފައި ވަނީ އެ ތަނުގައި މިޔުޒިކް ޝޯއެއް ކުރިއަށްދިޔަ ވަގުތުގައެވެ. މި ހާދިސާގައި އެކަކު މަރުވި އިރު، އިތުރު 28 މީހަކު ޒަޚަމުވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ޖެހުނު ކަމުގައި ބެލްވިޑިޔަރގެ އޮފިޝަލުން ވިދާޅުވިއެވެ.

ހުސްވި ހަފުތާގައި އެމެރިކާގެ ދެކުނުގައި އޮންނަ މިސިސިޕީ ސްޓޭޓަށް ވެސް ބާރުގަދަ ނަގޫރޯޅިއެއް އަރައި، 25 މީހުން މަރުވިއެވެ. އަދި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ. ނަގޫރޯޅީގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ރަށް ކަމުގައިވާ ރޯލިން ފޯކަށް ރައީސް ޖޯ ބައިޑަން ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި، ލިބިފައިވާ ގެއްލުންތައް ބައްލަވައިލައްވައި، ގެއްލުންވި މީހުންނާއި އަނިޔާވި މީހުންނާ ބައްދަލުކުރައްވާފައެވެ.