ޚަބަރު

އަންހެނުން ކުރިމަތިލުމަށް ބާރުއަޅަމުން، އެސްޓީއޯގެ ބޯޑަށް ހުޅުވާލައިފި


ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

7 މެމްބަރުން ތިއްބަވާ އެސްޓީއޯގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާ 1 ޑިރެކްޓަރ އަދި ސަރުކާރުގެ ފަރާތުން 6 ޑިރެކްޓަރުން ތިއްބަވައެވެ. އެސްޓީއޯއިން ހުޅުވާލާފައިވަނީ ކުރިއަށް އޮތް އަހަތަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ މަގާމަށެވެ.

އެސްޓީއޯއިން މިކަމާއި ގުޅިގެން ނެރެފައިވާ އިއުލާނުގައި ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ އަދި އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށްވުމަކީ ކުންފުނިން ބާރުއަޅާކަމެއްކަމަށެވެ. އަދި ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާ ފަދައިން، ކުންފުނީގެ ބޯޑަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލެއްވުމަކީ ކުންފުނިން ބާރުއަޅާކަމެއްކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ އެކަމުގެ ސަބަބުން މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުންފުނިން ކުރަމުންގެންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާކަމަށެވެ.

އެސްޓީއޯގެ ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ކުންފުނީގެ ހިއްސާދާރަކަށްވުން އަދި އުމުރުން 30 އަހަރުވެފައިވުން ހިމެނެއެވެ. މީގެއިތުރުން ވިޔަފާރިއާއި ގުޅުންހުރި ދާއިރާއަކުން ބައިނަލްއަގްވާމީ ޔުނިވަސިޓީއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދަކާއެކު 5 އަހަރުގެ އަމަލީ ތަޖުރިބާ ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު މަދުވެގެން 10 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުމަކީވެސް މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކެވެ.

ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު 24 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ޖެހުމާއި ހަމައަށް އޮންނާނެކަމަށެވެ.

އެސްޓީއޯއިން ބުނީ ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވޭލުއޭޓްކޮށް، އެ ފަރާތްތަކާއެކު އިންޓަވިއުކުރުމަށްފަހު، ކޮމިޓީން ތައްޔާރުކުރާ ރިޕޯޓް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެކަމަށެވެ. އެސްޓީއޯއިން ބުނީ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވާނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންކަމަށެވެ.