ޚަބަރު

ދިރާގު ގުޑިފެސްޓް މިއަދު ހަވީރު އުސްފަސްގަނޑުގައި


"ދިރާގު ގުޑިފެސްޓް" އުސްފަސްގަނޑު ސަރަހައްދުގައި މިއަދު ކުރިއަށްދާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލާއި ގުޅިގެން ދިރާގުން ކުރިއަށްގެންދާ މި ހަރަކާތް އުސްފަސްގަނޑު ސަރަހައްދުގައި ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ.

ގުޑި އެރުވުމަކީ ރަމަޟާންމަހުގެ ހަވީރު ގަޑީގައި ބޮޑެތި މީހުން އަދި ކުޑަކުދިންގެ މެދުގައިވެސް މަޤްބޫލް ހަރަކާތެއްކަމުން، ދިރާގު ގުޑިފެސްޓް މެދުވެރިކޮށް ޒަމާންވީ ސަގާފީ އާދަކާދައާ ދެމެދު ކުދިންގެ ޝައުގުވެރިކަން އާލާކުރުމަކީ މި ހަރަކާތުގެ މަޤްސަދެއްކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ގުޑިފެސްޓްގައި ހުރިހާ އުމުރުފުރައެއްގެ ކުދިންނަށްވެސް ބައިވެރިވެވޭނެކަމަށާއި މި އިވެންޓްގައި އެކި ވައްތަރުގެ ގުޑި ދިރާގުން ބަހާނެކަމަށްވެސް އެ ކުންފުނިން ބުނެއެއެވެ.

ދިރާގުން ދަނީ ކޮންމެ ރަމަޟާންމަހަކުވެސް ހިތްގައިމު ހަރަކާތްތަކާއި އެކިއެކި އޮފާތައް އާންމުންނަށް ގެނެސްދެމުންނެވެ. މިގޮތުން މިއަހަރުވެސް ދިރާގުން ދަނީ މިފަދަ އެތައް ކަންތައްތަކެއް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.