ޚަބަރު

ތައިލެންޑުގެ ޖަންގައްޔެއްގައި ރޯވެ ބޮޑު ސަރަޙައްދެއް އަނދައިފި


ތައިލެންޑުގެ ނަކްހޮން ނަޔޮކް ޕުރޮވިންސުގެ ޖަންގަލިތަކެއްގައި އަލިފާން ރޯވެ ބޮޑު ސަރަޙައްދެއް އަނދައިފިއެވެ. އަލިފާން ރޯވެފައި ވަނީ ވެރިރަށް ބެންގްކޮކާ އެންމެ 100 ކިލޯމީޓަރު އިރުއުތުރުން އޮންނަ ސަރަޙައްދެއްގެ ޖަންގަލިތަކުގައެވެ. ނަކްހޮން ނަޔޮކް ޕުރޮވިންސުގެ ޖަންގަލިތަކުގައި ރޯވެފައި މި ވަނީ، ބެންގްކޮކުގެ ވައި ނުސާފުވެ، ނޭވާލާ ނިޒާމުގެ މައްސަލަތައް ކުރިމަތިވެ 1.7 މިލިޔަނަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާ ދަނޑިވަޅެއްގައެވެ.

ނަކްހޮން ނަޔޮކް ޕުރޮވިންސުގައި ރޯވެފައިވާ އަލިފާންގަނޑުތަކާ އެކު މިހާތަނަށް 800,000 އަކަމީޓަރުގެ ސަރަޙައްދެއް އަނދާފައިވާ ކަމުގައި އަލިފާން ނިއްވުމަށް މަސައްކަތް ކުރަމުންދާ ޓީމުތަކުން ބުނެއެވެ. އެ މަސައްކަތުގައި 100 އަށްވުރެ ގިނަ އަލިފާން ނިއްވާ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ތައިލެންޑުގެ ވައި ނުސާފުވެފައި ވަނީ ދަނޑުބިންތައް ސާފުކުރަން ރޯކުރުމުގެ ސަބަބުން ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އަދި، ދަނޑިތަކުގެ ރޯކޮށްފައިވާ އަލިފާންގަނޑުތަކުގެ ދުންގަނޑު އެ ޤައުމުގެ އުތުރުގައިވާ ރަށްތަކަށް ފޯރައި، ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ ޞިއްޙީ މައްސަލަތަކާ ކުރިމަތިވެފައެވެ. ތައިލެންޑުގެ އުތުރުގައިވާ ރަށްތަކަކީ މި ވަގުތު ދުނިޔޭގައިވާ އެންމެ ވައި ނުސާފު ރަށްތަކެވެ.

ވައި ނުސާފުވުމުގެ ސަބަބުން މި އަހަރުގެ ތެރޭގައި ތައިލެންޑުގައި 1.7 މިލިޔަނަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދާފައިވާ ކަމުގައި އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. އަދި، ނަކްހޮން ނަނޔޮކް ޕުރޮވިންސުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޞިއްޙަތަށް އިތުރު މައްސަލަތައް ކުރިމަތިވާނެ ކަމަށް ޞިއްޙީ ދާއިރާގެ މާހިރުން އިންޒާރު ކުރެއެވެ.

މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށް ވިދާޅުވެ، އެ ޤައުމުގެ ބޮޑުވަޒީރު ޕްރަޔުތް ޗަން-އޮ-ޗާ ވަނީ އޭނާގެ ދާޚިލީ ވަޒީރު ނަކްހޮން ނަޔުކް ޕުރޮވިންސަށް ފޮނުއްވާފައެވެ. އަދި، ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވުމަށް ކުރަމުންދާ މަސައްކަތްތައް ބޮޑުވަޒީރު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމުގައި ތައިލެންޑު ސަރުކާރުގެ ތަރުޖަމާނު އަނޫޝާ ބުރަޕަޗައިސްރީ ވިދާޅުވިއެވެ.

ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ އިތުރުން ދަނޑުބިންތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން ފެތުރެމުންދާ ދުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ރަށްތަކުގެ ތެރޭގައި ޗެންގް މާއީއާއި ޗެންގް ރާއީ ހިމެނެއެވެ. އެ ދެ ރަށުގެ ވައިގެ ނުސާފުކަން އިންޑިޔާގެ ވެރިރަށް ނިއު ދިއްލީއާއި ޗައިނާގެ ވެރިރަށް ބެއިޖިންގާ އެއް ފެންވަރަކަށް ގޯސްވެފައިވާ ކަމުގައި ވައިގެ ސާފުކަން މޮނީޓަރުކުރާ އައި.ކިޔު.އެއަރއިން ބުނެއެވެ.