ޚަބަރު

ފިލިޕީންސްގައި ފެރީއެއްގައި ރޯވެ 31 މީހުން މަރުވެއްޖެ


ފިލިޕީންސްގެ ފަސިންޖަރުން އުފުލާ ފެރީއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 31 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ ދެކުނުގައިވާ ބަސިލާކް ޕުރޮވިންސުގައެވެ. "އެމް.ވީ. ލޭޑީ މޭރީ ޖޯއި 3"ގެ ނަންދީފައިވާ ފެރީގައި ރޯވުމާ އެކު އަލިފާން ނިއްވާ ޓީމުތަކާއި ކޯސްޓުގާޑުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

ފެރީގައި އަލިފާން ރޯވި ވަގުތު އޭގައި 240 އަށްވުރެ ގިނަ ފަސިންޖަރުން ތިބި ކަމުގައި ބަސިލާންގެ އޮފިޝަލުން ވިދާޅުވެއެވެ. ފެރީގައި ތިބި 230 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވާ ކަމުގައި ފިލިޕީންސްގެ ކޯސްޓުގާޑުން ބުނެއެވެ. މި ހާދިސާގައި އިތުރު ނުވަ މީހަކަށް އަނިޔާވި ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ.

ފުރިތަމަ އަލިފާން ރޯވެފައި ވަނީ އެއަރ-ކޮންޑިޝަންކޮށްގައި ހުރި ކެބިންއެއްގެ ތެރޭގައި ކަމަށް ބެލެވޭ ކަމުގައި، އެ ޤައުމުގެ ދެކުނުގައިވާ މިންދަނާއޯގެ ކޯސްޓްގާޑުން ބުނެއެވެ. ނަމަވެސް، އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. މި ހާދިސާ ހިނގާފައި ވަނީ މިންދަނާއޯ އައިލެންޑުގެ ޒެމްބޮއަންގާ ސިޓީން ފުރައިގެން ސޫލޫ ޕުރޮވިންސުގެ ރަށެއް ކަމުގައިވާ ޖޯލީ އައިލެންޑްސްއަށް ފެރީ ދަތުރުކުރަމުން ދަނިކޮށެވެ.

ފެރީގެ ތެރޭގައި އަލިފާންގަނޑު ފެތުރެން ފެށުމާ އެކު ގިނަ ޢަދަދެއްގެ ފަސިންޖަރުން ކަނޑަށް ފުންމައިލާފައިވާ ކަމުގައި ކޯސްޓްގާޑުން ބުނެއެވެ. އަދި، ކޯސްޓްގާޑުގެ އުޅަނދުތަކުން ވަނީ އެ މީހުން ސަލާމަތްކޮށްފައެވެ. ނަމަވެސް، ކަނޑަށް ފުންމައިލި ހުރިހާ އެންމެން ސަލާމަތް ކުރެވުނު ކަން އަދި ކަށަވަރު ކުރެވިފައި ނުވާ ކަމުގައި ބަސިލާންގެ ގަވަރުނަރު ޖިމް ސަލިމަން ވިދާޅުވިއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ފިހިގެން މަރުވި މީހުންގެ އިތުރުން ކަނޑަށް ފުންމައިލުމުގެ ސަބަބުން ގެންބިގެން މަރުވި މީހުން ވެސް ހިމެނޭ ކަމުގައި ސަލިމަން ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކުރަމުންދާ ތަހުޤީޤުގައި ކޯސްޓުގާޑުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ފެރީގައި ދަތުރުކުރުމަށް ކުރިން ރަޖިސްޓަރީ ކޮށްފައި ވަނީ 205 މީހުން ކަމަށާއި، ނަމަވެސް އެއަށްވުރެ ގިނަ ޢަދަދެއްގެ ފަސިންޖަރުން އޭގައި ދަތުރުކޮށްފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މި ހާދިސާގައި ފިހުނު ބައެއް މީހުން ޒެމްބޮއަންގާއާއި ބަސިލާންގެ ހޮސްޕިޓަލްތަކުގައި އެޑްމިޓުކޮށްގެން މިހާރުވެސް ދަނީ ފަރުވާދެމުންނެވެ.

ފިލިޕީންސްއަކީ 7,600 އަށްވުރެ ގިނަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެކެވެ. އެ ޤައުމުގެ ކަނޑު ދަތުރުފަތުރު ކުރުމުގެ ސިނާޢަތަކީ އެކްސިޑެންޓުތަކާއި ހިމާތަވެރި ހާދިސާތައް ގިނަ ސިނާޢަތެކެވެ. ޤަވާޢިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ފަސިންޖަރުން އަރުވައިގެން ދަތުރުކުރުމަކީ އެ ޤައުމުގެ ޢާންމުވެފައިވާ ކަމެކެވެ.

އުމުރުން ދުވަސްވެ، ބައުވެފައިވާ ބޯޓުފަހަރު ބޭނުން ކުރުމަކީ ވެސް ފިލިޕީންސްގައި ޢާންމު ކަމެކެވެ. 2022 ވަނަ އަހަރުގެ މޭ މަހު ވެސް ފިލިޕީންސްގައި ފަސިންޖަރުން އުފުލާ ފެރީއެއްގައި ރޯވެ ހަތް މީހުން މަރުވިއެވެ. އެ ހާދިސާ ހިނގި ވަގުތު ފެރީގައި 134 މީހުން ތިބި ކަމަށް ރެކޯޑުކުރެވިފައިވެއެވެ.