ޚަބަރު

ޔޫކްރެއިނާއެކު އިނގިރޭސިވިލާތް ދެމިއޮންނާނެ: ޗާލްސް


ޔޫކްރެއިނަށް އަރާފައިވާ ރަޝިޔާގެ އިސްތިއުމާރީ ސިފައިންގެ ކިބައިން ސަލާމަތްވުމަށް އެ ޤައުމުގެ ސިފައިން ކުރަމުންދާ ހަނގުރާމައިގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި އިނގިރޭސިވިލާތުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނަ ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ މިހާރު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ފްރެންކް-ވޯލްޓަރ ސްޓެއިންމެޔަރއާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މިއީ ރަސްގެފާނުގެ ތަޚުތައް އިސްކުރެވުނު ފަހުން ޗާލްސް ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޗާލްސް ވިދާޅުވީ، ހަނގުރާމަ ކާމިޔާބުކުރުމަށް ޔޫކްރެއިނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުން ވެސް ޔޫކްރެއިނާ އެކު ދެމިއޮންނާނެ ކަމުގައެވެ. އަދި، ޑިމޮކުރަސީގެ އަސާސްތަކާއި އުސޫލުތައް ކުރިއަރުވަން ދެ ޤައުމުން އިސްކަންދޭ ކަމުގައި ރަސްގެފާނު ވިދާޅުވިއެވެ.

"ޔޫކްރެއިނަށް އަރާފައިވާ ރަޝިޔާގެ އިސްތިއުމާރީ ސިފައިންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް އެހީތެރިވެދީގެން އެ ކަން އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުން މި ދަނީ ސާބިތުކޮށްދެމުން،" 74 އަހަރުފުޅުގެ ރަސްގެފާނު ޗާލްސް ވިދާޅުވިއެވެ. އޭނާ ޖަރުމަނުވިލާތަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ، ވިލާތުގެ އިއްތިހާދު (އީ.ޔޫ)އިން އިނގިރޭސިވިލާތް ވަކިވި ނަމަވެސް، އީ.ޔޫ.އާއި ދެމެދު އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމެވެ.

ސްޓެއިންމެޔަރ ވެސް ވަނީ އެ ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަދަކީ އީ.ޔޫ.އިން ވަކިވުމަށް އިނގިރޭސިވިލާތުން ބްރެކްސިޓްގެ މަސައްކަތްތައް ފެށިތާ ހަ އަހަރު ފުރޭ ދުވަހެވެ. ނަމަވެސް، މިއަދު އިނގިރޭސި ރަސްގެފާނާ އެކު ބޭއްވި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ އައު ޞަފުޙާއެއް ހުޅުވިގެން ގޮސްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޖަރުމަނުވިލާތަށް ކުރައްވާ ދަތުރުފުޅުގައި ރަސްގެފާނު ޗާލްސް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ، އިނގިރޭސި ރަސްކަލަކު ޖަރުމަނު ޤާނޫނު ހަދާ މަޖިލީހުގައި ތަޤުރީރެއް ދެއްވާ ފުރަތަމަ ފަހަރަށް ވާނެއެވެ. މި ދަތުރުފުޅުގައި ރަސްގެފާނު ޗާލްސް އިނގިރޭސިވިލާތުގެ ޗާންސެލަރ އޮލާފް ޝޮލްޒާ ވެސް ބައްދަލުކުރައްވާނެއެވެ.

ޖަރުމަނުވިލާތުގެ ކުރިން ރަސްގެފާނު ޗާލްސް ފަރަންސޭސިވިލާތަށް ވަޑައިގެންނެވުމަށް ވެސް ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް، ފަރަންސޭސި ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ދަތުރުފުޅު ވަނީ ފަސްކޮށްފައެވެ. އެ ޤައުމުގައި މުޒާހަރާކުރަން ފަށާފައި ވަނީ ޕެންޝަން ނިޒާމު އިސްލާޙު ކުރުމަށް އެ ޤައުމުގެ ސަރުކާރުން މަސައްކަތް ފެށުމުން އެ ކަމާ ދެކޮޅަށެވެ.

ރަސްގެފާނު ޗާލްސްގެ މަންމާފުޅު ރާނީ އެލިޒަބަތު ދެވަނަ އެންމެ ފުރަތަމަ ޖަރުމަނުވިލާތަށް ޒިޔާރަތްކުރައްވާފައި ވަނީ 1965 ވަނަ އަހަރެވެ. އެ ކަމަނާ ބަރްލިންއަށް ވަޑައިގެންނެވި އިރު، ޖަރުމަނުވިލާތް އޮތީ ކެޕިޓަލިސްޓުންނަށް ތާޢީދުކުރާ ހުޅަނގާއި، ކޮމިޔުނިސްޓުންނަށް ވާގިވެރިވާ އިރުމައްޗާ ދެމެދު ދެބައިވެފައެވެ. ނަމަވެސް، ރާނީގެ ދަތުރުފުޅަށް ފަހު، ދެ ފަރާތުގެ މެދުގައި ހަމަޖެހުން ގާއިމުކުރުމަށް މަގުފަހިވެގެންދިޔަ ކަމަށް ބުނެވެއެވެ.

ރަސްގެފާނު ޗާލްސް މީގެ ކުރިން 40 ވަރަކަށް ފަހަރު ޖަރުމަނުވިލާތަށް ވަޑައިގަންނަވާފައިވެއެވެ. އަދި، އެ މަނިކުފާނަކީ ޖަރުމަނު ބަހަށް ފަރިތަ ބޭފުޅެކެވެ. އިނގިރޭސިވިލާތުގެ ޝާހީ ޢާއިލާއަކީ ޖަރުމަނުވިލާތުގެ ދަރިފަސްކޮޅަކަށް ނިސްބަތްވާ ޢާއިލާއެކެވެ.