ޚަބަރު

ރާއްޖެ އިޝްތިހާރުކުރުމަށް އިޓަލީގެ ނޫސްވެރިންގެ ޓީމެއް


ރާއްޖެ އިޝްތިހާރުކުރުމަށް އިޓަލީގެ މަޝްހޫރު ނޫސްވެރިންގެ ޓީމެއް އެމްއެމްޕީއާރުސީގެ ދައުވަތަކަށް ރާއްޖެ އައިސްފިއެވެ. މިޓީމު ރާއްޖޭގައި 26 މާރޗްއިން 2 އޭޕްރީލްގެ ނިޔަލަށް ތިބޭނެއެބެ.

އެމްއެމްޕީއާރުސީން ބުނީ މި ދަތުރުގައި އިޓަލީގެ މިޓީމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަފާތު ތަޖުރިބާތަކާއި މެހެމާންދާރީ ތަޖުރިބާކުރާނެކަމަށެވެ. މިދަތުރަކީ ޓާކިޝް އެއަރލައިންސްއާ ގުޅިގެން ކުރިއަށް ގެންދާ ދަތުރެކެވެ.

މި ޓީމުގައި ހިމެނެނީ 5 ނޫސްވެރިންނާއި އެމްއެމްޕީއާރުސީން އިޓަލީއަށް ކަނޑައަޅާފައިވާ ޕީއާރު އޯގަނައިޒޭޝަން، ޓޫރިޒަމް ހަބް ތަމްސީލްކުރާ ފަރާތެކެވެ.

ދަތުރުގެ 7 ދުވަހުގެތެރޭގައި ސްޕާ އަދި ވެލްނެސް ޓްރީޓްމަންޓްތަކާއި، ދިވެހި ކެއްކުމުގެ ކްލާސްތަކާއި، މޫދުކުޅިވަރާއި، އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވާނެއެވެ. ދަތުރުގެ ތެރެއިންނާއި ދަތުރު ނިންމާލުމަށްފަހު މި ޓީމުން ދިވެހިރާއްޖެއިން ލިބެން ހުރި ތަފާތު ހިދުމަތްތަކާއި އުފެއްދުންތައް އަދި ތަޖުރިބާތައް، އޮންލައިން އާޓިކަލްތަކާއި ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އިޓަލީގެ ބެލުންތެރިންނާއި ހިއްސާކުރާނެއެވެ.

މި މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރަކީ އެމްއެމްޕީއާރުސީން އިޓަލީއަށް ގެންގުޅޭ މާކެޓިންގ ސްޓްރެޓެޖީގެ ދަށުން ހިންގާ ހަރަކާތެކެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ ރާއްޖޭގެ ތަފާތު ތަޖުރިބާތަކާއި ހިދުމަތްތައް މި ސަރަހައްދުގެ ފަތުރުވެރިންގެ މެދުގައި އިތުރަށް މާކެޓްކުރުމަށާއި ބްރޭންޑާ މެދު ހޭލުންތެރިކަން އިތުރުކުރުމަށެވެ. އިޓަލީއަކީ ރާއްޖެއަށް 4 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ.

އެމްއެމްޕީއާރުސީއިން މި އަހަރު އިޓަލީން އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު، އޭގެ ތެރޭގައި މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާ ގުޅިގެން ޖޮއިންޓް މާކެޓިންގ ކެންޕޭންތައް ކުރިއަށްގެންދިޔުމާއި އެހެނިހެން ހަރަކާތްތަކާއި ކެމްޕޭންތައް ހިމެނެއެވެ.