ޚަބަރު

މެކްސިކޯގެ އިމިގްރޭޝަން މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާގައި ޒިންމާވާ މީހުންނަށް ފިޔަވަޅުއަޅަނީ


މެކްސިކޯގެ އުތުރުގައިވާ ރަށެއް ކަމުގައިވާ ސުއިދާދް ހުވަރޭޒްގައި ހުންނަ އިމިގްރޭޝަން މަރުކަޒެއްގައި އަލިފާން ރޯވެ 38 މީހުން މަރުވި ހާދިސާގައި ޒިންމާވާ މީހުން ދެނެގަނެ، އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގައި އެ ޤައުމުގެ ރައީސް އަންދްރޭސް މެނުއެލް ލޮޕޭޒް އޮބްރާދޯ ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ނޭޝަނަލް މައިގްރޭޝަން އިންސްޓިޓިއުޓް (އައި.އެމް.އެން)ގައެވެ.

ސުއިދާދް ހުވަރޭޒަކީ އެމެރިކާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަށެކެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ އައި.އެމް.އެން. މަރުކަޒުގެ ތެރޭގައި 68 އަށްވުރެ ގިނަ މީހުން ގޮޅިތަކެއްގައި ބަންދުކޮށްފައި ތިބި ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. މި ހާދިސާގައި މަރުވެފައި ވަނީ، ޤަވާޢިދާ ޚިލާފަށް އެމެރިކާއަށް ހިޖުރަކުރަން މަސައްކަތް ކުރުމުގެ ކުށުގައި ހައްޔަރުކޮށް، ޑީޕޯޓްކުރަން ތައްޔާރުކޮށްފައި ތިބި ބަޔެކެވެ.

އައި.އެމް.އެން.ގެ ތެރޭގައި އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެ ތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ގާޑުން އަމަލުކޮށްފައިވާ ގޮތް ފެންނަ ސީ.ސީ.ޓީ.ވީ. ވީޑިޔޯ، މި ހާދިސާ ތަހުޤީޤީ އިދާރާތަކުން ވަނީ ހޯދާފައެވެ. މަރުކަޒުގައި އަލިފާން ރޯވި ވަގުތު، އެ ތަނުގެ ގޮޅިތައް ހުޅުވައި ބަންދުކޮށްފައި ތިބި މީހުން ސަލާމަތްކުރުމުގެ ބަދަލުގައި، އެ ތަން ބަލަހައްޓާ ގާޑުން އެ ތަން ދޫކޮށްދާ މަންޒަރު ވީޑިޔޯއިން ފެންނަ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

މެކްސިކޯގެ ސަރުކާރުން ވަނީ ވީޑިޔޯގެ ޞައްޙަކަން ކަށަވަރުކޮށްފައެވެ. މަރުކަޒުގައި އަލިފާން ރޯވުމުން، އެ ތަނުގެ ތިން ގާޑުން ނުކުމެގެންދާ މަންޒަރު ވީޑިޔޯއިން ފެންނަ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ތަނުގެ ތެރޭގައި 68 އަށްވުރެ ގިނަ މީހުން ގޮޅިތަކުގައި ބަންދުކޮށްފައި ތިއްބެވެ.

"މި ހާދިސާގެ ތަހުޤީޤުގައި އެއްވެސް ކަމެއް ސިއްރުކުރާކަށް ނެތިން. ހުރިހާ ކަމެއް ހާމަކުރާނަން. އަދި، މި ކަމުގައި ޒިންމާވާ އެންމެން ދެނެގަނެ، އެ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެންނާން. އެއްވެސް މީހަކަށް ޙައްޤު އަދަބުން ސަލާމަތްވުމުގެ ފުރުޞަތެއް ނޯންނާނެ،" އޮބްރާދޯ ވިދާޅުވިއެވެ.

މި ހާދިސާ ހިނގި ސައުދާދް ހުވަރޭޒްއަކީ އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ އެލް ޕާސޯއާ އިންވެގެން އޮންނަ ރަށެކެވެ. ޤަވާޢިދާ ޚިލާފަށް އެމެރިކާއަށް ހިޖުރަކުރަން މަސައްކަތް ކުރާ އެތަކެއް ހާސް ބަޔަކު އެ ރަށުގައި ދިރިއުޅޭ ކަމަށް މެކްސިކޯގެ އޮފިޝަލުން ވިދާޅުވެއެވެ.

އައި.އެން.އެން.ގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ ގުއަޓެމާލާ، ހޮންޑޫރަސް، ވެނެޒުއެލާ، އެލް ސަލްވަޑޯ އަދި ކޮލަމްބިޔާއާއި އެކުއެޑޯގެ ރައްޔިތުންނެވެ. މި ހާދިސާގައި އިތުރު 28 މީހަކު ފިހިގެން އަނިޔާވެފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކުން ވަނީ އެ މަރުކަޒު ކައިރިއަށް އެއްވެ މުޒާހަރާ ކޮށްފައެވެ. މަރުވި މީހުންގެ ތެރޭގައި ގުއަޓެމާލާގެ 28 މީހުން ހިމެނެއެވެ.

އައި.އެމް.އެން.ގައި އަލިފާން ރޯވާން މެދުވެރިވީ، ގޮޅިތަކުގައި ބަންދުކޮށްފައި ތިބި މީހުން، ހަޅުތާލުކުރުމުގެ ގޮތުން އެ ތަނުގައި ހުޅުޖެހުމުގެ ސަބަބުން ކަމަށް މެކްސިކޯގެ އޮފިޝަލުން ވިދާޅުވެއެވެ. ގޮޅިތަކުގެ ތެރޭގައި ހުރި ކުނާތަކުގައި އެ މީހުން ހުޅުޖަހާފައި ވަނީ މެކްސިކޯއިން ޑީޕޯޓްކޮށްލަން އުޅޭތީ، އެ ކަމާ ދެކޮޅަށް ހަޅުތާލު ކުރުމުގެ ގޮތުންނެވެ.

މި ހާދިސާ ތަހުޤީޤު ކުރާ ޕްރޮސިކިޔުޓަރުންގެ ޓީމުން ބުނީ، ގޮޅިތަކުގައި ބަންދުކޮށްފައިވާ މީހުން ސަލާމަތް ކުރަން އެ މަރުކަޒުގެ ގާޑުންނާއި މުވައްޒަފުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމުގައެވެ. މި ކަމުގައި ޒިންމާވާ އަށް މީހަކު ދެނެގަނެވިފައިވާ ކަމަށާއި، އެ މީހުންނާ ދެކޮޅަށް ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގައި މެކްސިކޯގެ އިންސާނީ ހައްޤުތަކުގެ ދާއިރާގެ ޕްރޮސިކިޔުޓަރެއް ކަމުގައިވާ ސޭރާ އައިރީން ހެރޭރިޔާސް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ނުރުހުމާއި ފާޑުކިޔުންތައް މެކްސިކޯއާއި އެމެރިކާއަށް ވަނީ ކުރިމަތިވެފައެވެ. މި ކަމާ ކަންބޮޑުވުން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝާއި، އ.ދ.ގެ ރެފިޔުޖީންނާ ބެހޭ ސަފީރު ފިލީޕޯ ގްރޭންޑީ ހިމެނެއެވެ. އިންސާނީ ޙައްޤުތައް ހިމާޔަތްކުރަން މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ – އެމްނެސްޓީ އިންޓަރނޭޝަނަލްއިން ވެސް ވަނީ އެމެރިކާއާއި މެކްސިކޯއަށް ފާޑުކިޔާފައެވެ.