މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދު މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށްވުރެ %18 އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ހާމަކޮށްފިއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މިއަދަދަކީ މިދިޔަ 2022ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އެތެރެކުރި 3.6 ބިލިއަން ރުފިޔާގެ މުދަލާއި އަޅާބަލާއިރު %18 އިތުރު އަދަދެއްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އެތެރެކުރި މުދާ އިތުރުވެފައިވީ ނަމަވެސް، ރާއްޖެއިން ބޭރުކުރި މުދަލުގެ އަދަދު ވަނީ ދަށަށްގޮސްފައެވެ. އެގޮތުން، މިދިޔަ ފެބްރުއަރީ މަހު ރާއްޖެއިން 231 މިލިއަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފައެވެ. ނަމަވެސް، މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު %0.9 ދަށް އަދަދެކެވެ.
2022ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން ބޭރުކުރީ 233 މިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މަހު ރާއްޖެއިން ބޭރުކުރި މުދާ ދަށަށްގޮސްފައިވުމުން، ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރަށްވުރެ ދަށްވެފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ފެބްރުއަރީ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް 301 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް މިއަދަދަކީ 2022ވަނަ އަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް ލިބުނު 326 މިލިއަން ރުފިޔާއާއި އަޅާބަލާއިރު %8 ދަށް އަދަދެކެވެ.
ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓުކުރަނީ ކަނޑުމަހުގެ ބާވަތްތަކެވެ. އޭގެތެރެއިންވެސް ބޮޑުބައެއް ހިސާކުރަނީ ކަޅުބިލަމަހާއި ކަންނެލި މަހުގެ ބާވަތްތަކެެވެ. އެހެންކަމުން މިދެ ބާވަތުގެ މަސްވެރިކަމަށް ކުރާ އަސަރުތައް ރާއްޖޭގެ އެކްސްޕޯޓަށްވެސް ކުރާ ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑަށެވެ. އަދި އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކޮށްފައިވަނީ އިންޑިއާ އާއި އޮމާންއިންނެވެ. އެގޮތުން އިންޑިއާއިން 675 ރުފިޔާގެ މުދާ އަދި އޮމާންއިން 642 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.