ޚަބަރު

ޗިލީގެ ރައްޔިތަކަށް ދޫނިރޯގާ ޖެހިގެން ފަރުވާދެނީ


ދެކުނު އެމެރިކާގެ ޤައުމެއް ކަމުގައިވާ ޗިލީއިން ދޫނިރޯގާ ޖެހިފައިވާ މީހަކު ފެނިފައިވާ ކަމުގައި އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ނުރައްކާތެރި ބައްޔެއް ކަމުގައިވާ ދޯނިރޯގާ ޖެހިފައި ވަނީ އުމުރުން 53 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް އެ ބަލި ޖެހިފައިވާ ކަން ކަށަވަރު ކުރެވުނީ، ހުސްއައިސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކައި ޓެސްޓު ހެދުމުންނެވެ.

ޗިލީގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ އެ މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގައެވެ. އަދި، އޭނާއަށް މި ބަލި ޖެހުނު ގޮތެއް ހޯދުމަށް ތަހުޤީޤު ކުރަމުންދާ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ. އަދި، އޭނާއާ އެއްތަންވެފައިވާ މީހުން ހޯދައި، އެ މީހުން ކަރަންޓީނު ކުރުމަށް ވެސް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޗިލީގައި ދޫނިރޯގާގެ ވޭރިއެންޓެއް ކަމުގައިވާ އެޗް.5.އެން.1. ހަލުވިކަމާ އެކު ފެތުރެމުން ފަށާފައި ވަނީ ހުސްވި 2022 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެ ޤައުމުގައި ދޫނިރޯގާ ޖެހިފައިވާ ޖަނަވާރުތަކުގެ ތެރޭގައި މަސް އެކްސްޕޯޓުކުރުމަށް ގެންގުޅޭ ކުކުޅާއި އެހެނިގެން ދޫނި ވެސް ހިމެނެއެވެ. އެއާއެކު، އެ ފަދަ ޖަނަވާރުގެ މަސް އެކްސްޕޯޓުކުރުން ޗިލީގެ ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ޗިލީގެ އިތުރުން އާޖެންޓީނާއިން ވެސް ދޫނިރޯގާ ޖެހިފައިވާ ދޫންޏާއި ކުކުޅު ވަނީ ފެނިފައެވެ. ނަމަވެސް، ކުކުޅު މަސް އެންމެ ގިނައިން އެކްސްޕޯޓު ކުރާ ޤައުމު ކަމުގައިވާ ބްރެޒިލްއިން އަދި މިހާތަނަށް މި ބަލި ފެނިފައި ނުވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. މި ބައްޔަކީ ދޫނީގެ ފުށުން މެމަލްއަށް، އަދި އެއަށްފަހު އިންސާނުންގެ ހަށިގަނޑަށް ވާސިލުވެވޭ ނުރައްކާތެރި ބައްޔެކެވެ. ނަމަވެސް، އެއް އިންސާނެއްގެ ފުށުން އެހެން އިންސާނެއްގެ ހަށިގަނޑަށް މި ބަލި އަރާފައިވާ ކަން އަދި ރެކޯޑު ކުރެވިފައެއް ނުވެއެވެ.

މި އަހަރުގެ ކުރީކޮޅު އެކުއެޑޯގައި ވެސް ކުއްޖެއްގެ ހަށިގަނޑަށް މި ރޯގާ އަރާފައިވެއެވެ. އެ ޤައުމުގައި ބަލި ޖެހުނީ އުމުރުން ނުވަ އަހަރުގެ އަންހެއް ކުއްޖަކަށެވެ. ޞިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި، އިންސާނުންގެ ފުށުން އެހެން އިންސާނުންގެ ހަށިގަނޑަށް މިބަލި ފެތުރުމަކީ ނާދިރު ކަމެކެވެ. ނަމަވެސް، އެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައި ތައްޔާރުވުމުގެ ގޮތުން އެ ކަމަށް ޚާއްޞަކޮށްގެން ވެކްސިނެއް އުފެއްދުމަށް ކުންފުނިތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.