ޚަބަރު

މެކްސިކޯގެ އިމިގްރޭޝަން މަރުކަޒެއްގައި ރޯވެ 38 މީހުން މަރުވެއްޖެ


މެކްސިކޯގެ އުތުރުގައިވާ ރަށެއް ކަމުގައިވާ ސުއިދާދް ހުވަރޭޒްގައި ހުންނަ އިމިގްރޭޝަން މަރުކަޒެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 38 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައި ވަނީ، ޤަވާޢިދާ ޚިލާފަށް އެމެރިކާއަށް ހިޖުރަކުރަން މަސައްކަތް ކުރުމުގެ ކުށުގައި ހައްޔަރުކޮށް، ޑީޕޯޓްކުރަން ތައްޔާރުކޮށްފައި ތިބި ބަޔެކެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ މެދުތެރޭ އަދި ދެކުނު އެމެރިކާ ބައްރުގެ ޤައުމުތަކުގެ މީހުންނެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވާ ނޭޝަނަލް މައިގްރޭޝަން އިންސްޓިޓިއުޓް (އައި.އެމް.އެން) ހުންނަ ސުއިދާސް ހުވަރޭޒަކީ އެމެރިކާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަށެކެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ތަނުގެ ތެރޭގައި 68 އަށްވުރެ ގިނަ މީހުން ގޮޅިތަކުގައި ބަންދުކޮށްފައި ތިބި ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.

އެ ތަނުގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ ގުއަޓެމާލާ، ހޮންޑޫރަސް، ވެނެޒުއެލާ، އެލް ސަލްވަޑޯ އަދި ކޮލަމްބިޔާއާއި އެކުއެޑޯގެ ރައްޔިތުންނެވެ. މި ހާދިސާގައި އިތުރު 28 މީހަކު ފިހިގެން އަނިޔާވެފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކުން ވަނީ އެ މަރުކަޒު ކައިރިއަށް އެއްވެ މުޒާހަރާ ކޮށްފައެވެ. މަރުވި މީހުންގެ ތެރޭގައި ގުއަޓެމާލާގެ 28 މީހުން ހިމެނެއެވެ.

އައި.އެމް.އެން.ގައި އަލިފާން ރޯވާން މެދުވެރިވީ، ގޮޅިތަކުގައި ބަންދުކޮށްފައި ތިބި މީހުން، ހަޅުތާލުކުރުމުގެ ގޮތުން އެ ތަނުގައި ހުޅުޖެހުމުގެ ސަބަބުން ކަމަށް މެކްސިކޯގެ އޮފިޝަލުން ވިދާޅުވެއެވެ. ގޮޅިތަކުގެ ތެރޭގައި ހުރި ކުނާތަކުގައި އެ މީހުން ހުޅުޖަހާފައި ވަނީ މެކްސިކޯއިން ޑީޕޯޓްކޮށްލަން އުޅޭތީ، އެ ކަމާ ދެކޮޅަށް ހަޅުތާލު ކުރުމުގެ ގޮތުންނެވެ. އަދި، އެ ތަނުގައި މި ފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފާނެ ކަން އެ މީހުންނަށް އެ ވަގުތު އިހުސާސް ކުރެވިފައި ނުވާ ކަމަށް މެކްސިކޯގެ ރައީސް އަންދްރޭސް މެނުއެލް ލޯޕޭޒް އޮބްރާދޯ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އ.ދ.ގެ ރެފިޔުޖީންނާ ބެހޭ ސަފީރު ފިލީޕޯ ގްރޭންޑީ ވަނީ މެކްސިކޯއާއި އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި، ޤަވާޢިދާ ޚިލާފަށް ހިޖުރަ ކުރަން މަސައްކަތް ކުރާ މީހުންނަކީ ވެސް އިންސާނުން ކަމުގައި ދެކެން ގޮވައިލާ، އިންސާނީޙައްޤުތަކަށް އިޙުތިރާމު ކުރުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

އިންސާނީ ޙައްޤުތައް ހިމާޔަތްކުރަން މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ – އެމްނެސްޓީ އިންޓަރނޭޝަނަލްއިން ވެސް ވަނީ އެމެރިކާއާއި މެކްސިކޯއަށް ފާޑުކިޔާފައެވެ. އަދި، ހިޖުރަކުރާ މީހުންނާ ދެކޮޅަށް އެ ދެ ޤައުމުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ކުރިމަތިވި ހިތާމަވެރި ހާދިސާއެއް ކަމުގައި އެމްނެސްޓީން ބުންޏެވެ. އަދި، އަލިފާނުގެ ހާދިސާއަކުން ސަލާމަތް ނުވެވޭ ގޮތަށް ބަޔަކު ގޮޅިތަކެއްގެ ތެރޭގައި ބަންދުކުރުމަކީ ކޮން ފަދަ އިންސާނިއްޔަތު ކަމެއް ނެތް އަމަލެއްތޯ އެމްނެސްޓީން ވަނީ ސުވާލު އުފައްދާފައެވެ.

މި ހާދިސާގެ ފުރިހަމަ ތަހުޤީޤެއް ހިންގުމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ މެކްސިކޯގެ ސަރުކާރުން ގޮވައިލައްވާފައެވެ. އަދި، ހިޖުރަކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަން ވިލަރެސްކުރުމުގައި އ.ދ.އިން މެކްސިކޯއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ސައުދާދް ހުވަރޭޒްއަކީ އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ އެލް ޕާސޯއާ އިންވެގެން އޮންނަ ރަށެކެވެ. ޤަވާޢިދާ ޚިލާފަށް އެމެރިކާއަށް ހިޖުރަކުރަން މަސައްކަތް ކުރާ އެތަކެއް ހާސް ބަޔަކު އެ ރަށުގައި ދިރިއުޅޭ ކަމަށް މެކްސިކޯގެ އޮފިޝަލުން ވިދާޅުވެއެވެ. މާރިޗު މަހުގެ 13 ވަނަ ދުވަހު އޭގެ ތެރެއިން ބަޔަކު ވަނީ ބްރިޖެއް ހުރަސްކޮށް އެމެރިކަށް އެތެރެވާން މަސައްކަތް ކޮށްފައެވެ. ނަމަވެސް، އެމެރިކާގެ ސަލާމަތީ ބާރުތަކުން ވަނީ އެ މީހުން ހުއްޓުވާފައެވެ.