ޚަބަރު

ނަތަންޔާހޫއަށް ބައިޑަންގެ ނުރުހުން އަމާޒުވެއްޖެ


ޝަރުޢީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ފާޑުވިދާޅުވެއްޖެއެވެ. ނަތަންޔާހޫގެ ސަރުކާރުން އެ ޤައުމުގެ ޝަރުޢީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ޤާނޫނުތަކަށް ގެންނަން މަސައްކަތް ކުރަމުންދާ ބަދަލުތަކާ ދެކޮޅަށް އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ މުޒާހަރާކުރަމުންނެވެ.

ސަރުކާރުގެ އަމަލުތަކާ ދެކޮޅު މުޒާހަރާތަކަށް އެތަކެއް ހަފުތާއަކަށް ދެމިގެންގޮސްފައިވާއިރު، ނަތަންޔާހޫގެ ސަރުކާރުގައި ދިފާޢީ ވަޒީރުކަމުގެ މަޤާމު ފުރުއްވި ޔައޮވް ގަލަންޓްގެ އިތުރުން ރައީސް އައިސެކް ހަރްޒޮގް ވެސް ވަނީ ޤާނޫނުތައް އިސްލާހުކުރަން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އަޑުއުފުއްލަވާފައެވެ. މި ކަމާ ރުޅިގަދަވެ ނަތަންޔާހޫ ވަނީ ދިފާޢީ ވަޒީރުކަމުގެ މަޤާމުން ގަލަންޓް ވަކިކޮށްފައެވެ.

ނަތަންޔާހޫގެ ސަރުކާރުގެ އަމަލުތަކާ ގުޅޭ ގޮތުން ބައިޑަން ވިދާޅުވީ، ޔަހުދީ ސަރުކާރުން މިހާރު ހިނގަމުންދާ މަގުން ކުރިއަށް ދިޔުމަކީ ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ. "އަހަރެން އިސްރާޢީލަށް ތާޢީދުކުރި ނަމަވެސް އިސްރާޢީލުގެ ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކާ މެދު ކަންބޮޑުވޭ. އެ މަގުން ކުރިއަށް ދެވޭކަށް އިސްރާޢީލަކަށް ނެތް. އެ ވާހަކަ ވަރަށް ސާފުކޮށް ބުނަން ބޭނުން،" ބައިޑަން ވިދާޅުވިއެވެ.

މިހާރު ކުރިމަތިވެފައި އޮތް މައްސަލައަށް ނަތަންޔާހޫ ރަނގަޅު އަދި އެންމެންނަށް އެއްބަސްވެވޭ ފަދަ ހަލެއް ހޯދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ބައިޑަން ވިދާޅުވިއެވެ. ނަމަވެސް، އެ ފަދަ މަންޒަރެއް ނުވަތަ އިޝާރާތެއް އަދި ފެންނަން ނެތް ކަމުގައި އޭނާ ވިދާޅުވިއެވެ. ނަތަންޔާހޫ އިސްވެ ޤާނޫނަށް ބަދަލުތަކެއް ގެންނަން ކުރަމުންދާ މަސައްކަތްތަކަކީ ޑިމޮކުރަސީއާ ޚިލާފު އަމަލުތަކެއް ކަމަށް އޭނާއާ ދެކޮޅު ފަރާތްތަކުން ބުނެއެވެ.

ނަތަންޔާހޫ އަޑީގައި ހުރެގެން އިސްރާޢީލުގެ ޝަރުޢީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ހިންގަމުންދާ މަސައްކަތްތަކަކީ، އެ ޤައުމުގެ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވައިލާ، އޭނާ މަޤާމުން އަޒުލުކުރުމުގެ ފުރުޞަތު ހަނިކުރުމުގެ ބޭނުމުގައި ކުރަމުންދާ މަސައްކަތްތަކެކެވެ. މި ކަމާ ދެކޮޅަށް އިސްރާޢީލުގެ ބޮޑެތި ރަށްތަކުގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންދާ މީހުންގެ ޢަދަދު 500,000 އަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ.