ޚަބަރު

ކާބުލްގައި ބޮމެއް ގޮއްވާލާ ހަ މީހުން މަރާލައިފި


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބޮމެއް ގޮއްވައިލާ ހަ މީހުން މަރައިލައިފިއެވެ. ބޮން ގޮއްވައިލާފައި ވަނީ ކާބުލްގައި ހުންނަ އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ އޮފީސް ޢިމާރާތް ކުރިމަތީގައެވެ. އެއީ، ބޭރު ޤައުމުތަކުގެ އެމްބަސީތައް ވެސް ހުންނަ ސަރަޙައްދެވެ. މިއީ މީހަކު އަމިއްލަ ފުރާނަ ނަގައިލައިގެން ދީފައިވާ ބޮމުގެ ހަމަލާއެއް ކަމުގައި ކާބުލްގެ ފުލުހުން ބުނެއެވެ.

މި ހަމަލާގެ ފަހަތުގައިވާ މީހާ ބޮން ގޮއްވައިލާފައި ވަނީ ފުލުހުންގެ ޗެކްޕޮއިންޓަކުން އޭނާ ހުއްޓުވަން މަސައްކަތް ކުރުމުންނެވެ. މި ހާދިސާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައި ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޢަބްދުލް ނާފީ ތާކޫރު ވިދާޅުވިއެވެ. ނަމަވެސް، ޒަޚަމުވި މީހުންގެ ޢަދަދު އަދި ސާފެއް ނޫނެވެ.

ކާބުލް ފުލުހުންގެ ތަރުޖަމާނު ޚާލިދު ޒަދްރާން ވިދާޅުވީ، ހަމަލާ ދިން މީހާ ބޮން ގޮއްވައިލާފައި ވަނީ، ޗެކްޕޮއިންޓުގައި ތިބި ފުލުހުން އޭނާ ހުއްޓުވަން މަސައްކަތްކޮށް، އޭނާ ފިލަން މަސައްކަތް ކުރުމުން، ފުލުހުން އޭނާއަށް ބަޑީގެ ހަމަލާތަކެއް ދިން ފަހުން ކަމުގައެވެ. މި ހަމަލާގައި ޒަޚަމުވި މީހުންގެ ތެރޭގައި ތާލިބާނުންގެ ސަލާމަތީ ފައުޖުގެ ތިން ސިފައިން ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި ހަމަލާގައި ޒަޚަމުވި ގިނަ މީހުންނަށް ފަރުވާދީފައި ވަނީ އިޓަލީވިލާތުގެ މަދަނީ ޖަމުޢިއްޔާއަކުން ކާބުލްގައި ހިންގާ ހޮސްޕިޓަލެއްގައެވެ. އެ ހޮސްޕިޓަލުން ބުނީ، މި ހާދިސާގައި ޒަޚަމުވި މީހުންގެ ތެރޭގައި ކުޑަކުއްޖެއް ވެސް ހިމެނޭ ކަމުގައެވެ. އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެއްވެސް ހަނގުރާމަވެރި ޖަމާޢަތަކުން މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

ކާބުލްއާއި އަފްޣާނިސްތާނުގެ އެހެން ބޮޑެތި ރަށްތަކުގައި ދޭ މި ފަދަ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މީގެ ތެރެއިން ގިނަ ހަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ އެ ޤައުމުގައި ހަރަކާތްތެރިވާ އައި.އެސް. ޖަމާޢަތުންނެވެ. މާރިޗު މަހުގެ ކުރީކޮޅު ދިން މި ފަދަ ބޮމުގެ ހަމަލާއެއްގައި ބަލްޚު ޕުރޮވިންސުގެ ގަވަރުވަނަރު ވަނީ މަރައިލާފައެވެ. ބޮން ގޮއްވައިލާފައި ވަނީ އޭނާގެ އޮފީހުގައެވެ.

ޚާރިޖީ ވުޒާރާގެ އޮފީހަށް އަމާޒުކޮށް ޖަނަވަރީ މަހު ވެސް ވަނީ ބޮމުގެ ހަމަލާއެއް ދީފައެވެ. އެ ހަމަލާގައި ފަސް މީހުން މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ. ބޮން ގޮއްވައިލާފައި ވަނީ، އޮފީސް ގަޑި ނިމުނު ވަގުތު، ގިނަ ޢަދަދެއްގެ މުވައްޒަފުންތަކެއް ގެޔަށް ދިޔުމަށް ނިކުތް ވަގުތާ ދިމާކޮށެވެ.

ކާބުލްގައި ހުންނަ އަސްކަރީ ވައިގެ ބަނދަރަކަށް ވެސް އައި.އެސް. ޖަމާޢަތުން ދާދިފަހުން ވަނީ ހަމަލާދީފައެވެ. އެ ހަމަލާގައި ވެސް ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، އިތުރު ބަޔަކު ޒަޚަމުވިއެވެ. އަދި، 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު ވެސް އައި.އެސް. ޖަމާޢަތުން ވަނީ ކާބުލްގައި ހުންނަ ހޮޓަލަކަށް ހަމަލާދީފައެވެ.