ޚަބަރު

ފުލުހުންގެ ޚިދުމަތަށް 90 އަހަރު، ރައްޔިތުންގެ އިތުބާރާއިއެކު ކުރިއަށް ދިއުމުގެ ގަދަ ޢަޒުމުގައި


ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ރަސްމީގޮތުން ފެށިފައިވަނީ 1933 ވަނަ އަހަރުއެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީ އެކުލަވާލައި، އެޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ފަދައިން އޭރު ހުންނެވި ރަދުން އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި 1933 ވަނަ އަހަރު މާރޗް 29 ވަނަ ދުވަހުއެވެ.

ފުލުހުންގެ ޚިދުމަތް ސިފައިންގެ ޚިދުމަތާއެކު އެއް މުއައްސަސާއެއްގެ ދަށުން ދެމުން އައިސް ސިފައިންނާއި ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައި ދޭން ސަރުކާރުން ހަމަޖެއްސީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ފުރަތަމަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތަށް މިއަހަރު 90 އަހަރު ފުރޭއިރު، ފުލުހުންގެ މުޢައްސަސާއަށް މުހިންމު ހެޔޮ ބަދަލުތަކެއް ގެނައުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ޒަމާނާއެއްގޮތަށް ބަދަލު ގެންނަމުންނެވެ.

އެންމެ ބޮޑު އަމަޒާކީ ރައްޔިތުންގެ އިތުބާރު ހޯދުން:

ފުލުނުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށިފަހުން މިހާތަނަށްވެސް ކުރަންޖެހުނު އެންމެ މުހިންމު އެއް މަސައްކަތަކީ ރައްޔިތުން އިތުބާރުކުރާ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމެވެ.

ޤައުމުގެ އަމަން އަމާންކަމާއި، ސުލްހަ މަސްލަހަތު ބެލެހެއްޓުމަށް ކޮންމެ ދުވަހަކު ފުލުހުން ކުރަންޖެހޭ މަސައްކަތަކީ ރައްޔިތުންނާއި ގާތުން ކުރަންޖެހޭ މަސައްކަތްތަކެކެވެ. މަގުމަތީގެ އަމާންކަމާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، މީހުންގެ ގެދޮރާއި މުދާ ހިމާޔަތްކޮށްދީ، އަމާން ވެއްޓެއް ޤާއިމުކުރުމުގައި ފުލުހުންގެ ދައުރު ވަކިން ބޮޑެވެ.

އާންމު އެއްވުންތަކާއި، ހަމަނުޖެހުންތަކާއި، ޤާނޫނުތަކާއި ގަވާއިދާއި ޚިލާފަށް ހިންގާ ކޮންމެ ކަމެއްގެ އެންމެ ފުރަތަމަ ޖަވާބުދާރީ ވާންޖެހޭ ބަޔަކަށް ވެފައިވަނީ ފުލުހުންނެވެ. 2004 އިން ފެށިގެން ފުލުހުން ވަނީ އާންމު ރައްޔިތުންނާއި ގުޅުންހުރި އެތައްކަމެއްގައި، ލޯތްބާއި، ތަޢުރީފު ލިބޭ އެތައް ކަމެއް ހާސިލްކޮށްފައެވެ. ހަމަ މިއާއިއެކު ފުލުހުންނަށް އަމާޒުވާ ފާޑުކިޔުންތަކާއިއެކު، އެކަންކަން އިސްލާޙުކޮށް ރަނގަޅު ކުރުމަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ.

ފުލުނުންގެ ޚިދުމަތަށް ޒަމާނީ ފަހި ޤާނޫނެއް:

ފުލުހުންގެ ޚިދުމަތުން ކުރާ ކޮންމެ ކަމެއްގައިވެސް އަމާޒަކީ ރައްޔިތުންގެ އިތުބާރު ހޯދޭނެ ގޮތަކަށް އެކަމެއް ކުރުމުވެ. މަސްތުވާތަކެތީގެ އޮޕަރޭޝަންތަކާއި، ވައްކަމާއި ފޭރުމާއި، މާރާމާރީއާއި، ގޭންގު ކުށްތައް ހުއްޓުވުމުގައި ފުލުހުންނަށް އޮތް ހުރަސްތަކުގެ ވާހަކައަކީ ފުލުހުން އަބަދުވެސް ދައްކަމުން ދާ ވާހަކަތަކެކެވެ.

ނަމަވެސް މިކަންކަމަށް ހެޔޮ ބަދަލެއް ގެނައުމަށް ބޮޑެތި ބާރުތަކާއި އިޚްތިޔާރު ލިބޭނެ ގޮތަކަށް ފުލުހުންގެ މުޅިން އައު ޤާނޫނެއް ވަނީ ވުޖޫދުކޮށްފައެވެ. މި ޤާނޫނުން ފުލުހުންނަށް ހަތިޔާރު ހޯދުމާއި، ގެންގުޅުމުގެ ބާރު ލިބިދޭއިރު، ފުލުހުންނަށް "ލެސް ލީތަލް" ހަތިޔާރު ބޭނުން ކުރުމުގެ ބާރު ވަނީ ލިބިގެންގޮސްފައެވެ. މިއާއިއެކު ފުލުހުން ވަނީ މިއަހަރުން ފެށިގެން އެކި އޮޕަރޭޝަންތަކުގައިި ޓޭޒާ ގަން ބޭނުން ކުރަން ފަށާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެ މަތީން "ޕޮލިސް ބޯޑު" ވަނީ އެކުލަވާލެވިފައެވެ.

ފުލުސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި، ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ. ފުލުހުންގެ މަސައްކަތް ހަރުދަނާ ކުރުމަށް ޕޮލިސް ބޯޑުން ދަނީ މުހިންމު ނިންމުންތަކެއް ނިންމަމުންނެވެ.

ފުލުހުންގެ އައު ޤާނޫނުގެ ދަށުން ފުލުހުންނަށް ޞިއްޚީ ރައްކާތެރިކަން ލިބިދޭނެ ކަންކަން ވަނީ މަގުފަހިކޮށްފައެވެ. ފުލުހުންނާއިމެދު ހުށަހެޅޭ ޝަކުވާތަކާއި، އެކިއެކި ސީންތަކުގައި ޢަމަލުކުރާ ގޮތާއިމެދު ޖަވާބުދާރީވުމުގެ ޖާގަ ޤާނޫނުން ވަނީ ތަނަވަސްކޮށްފައެވެ.

ޒަމާނާއިއެކު ޚިދުމަތަށް ތައްޔާރު:

2004 ސެޕްޓެންބަރު 1 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވެގެންދިއުމާއެކު ޒަމާނީ ޓެކްނޮލޮޖީއާ ރަހުމަތްތެރި ބަޔަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ވެގެންދިޔައެވެ.

ކުރިއަރަމުން އަންނަ ޤައުމުތަކެކޭ އެއްފަދައިން ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ފުލުހުންގެ ޓެކްނޮލޮޖީ ނެޓްވޯކް ފުޅާކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ދަށުން ހިނގާ ހުރިހާ ޑިޕާޓްމަންޓުތަކެއް ކޮމްޕިއުޓަރ ވިއުގައަކުން ގުޅާލެވުނެވެ.

2008 މާރިޗު 29 ވަނަ ދުވަހު ފުލުހުންގެ ހެޑް އޮފީހާއި، އޭރު ރާއްޖޭގެ އަތޮޅުތަކުގައި ޤާއިމުކުރެވިފައިވާ 39 ޕޮލިސް ސްޓޭޝަން އިންޓްރާނެޓް މެދުވެރިކޮށް ގުޅުވާލިއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވާ ޕޮލިސް ޑެސްކުތަކާއި، ޕޮލިސް ޕޯސްޓުތައް ހިމެނޭ ގޮތަށް ޖުމްލަ 118 ޕޮލިސް ސްޓޭޝަނެއް ވިއުގައަކުން މިވަނީ ގުޅިލާމެހިފައެވެ.

މިއަދު ދިވެހި ފުލުހުން ކާރާއި ސައިކަލުގައި މުޅި ރާއްޖެ ހިމެނޭހެން ހުރިހާ އަތޮޅެއްގެ ރަށްރަށުގެ އަމާންކަން ބަލަހައްޓަމުން ދިޔަ ނަމަވެސް، މިއަދު ފުލުހުންގެ ޓެކްނޮލޮޖީ ފުޅާވެގެން ގޮސްފައިވަނީ މުޅި އޭޝިއާ ސަރަޙައްދުގެ ފުލުހުން ވެސް ބޭނުން ނުކުރާހާ ފުޅާ ދާއިރާއެއްގައެވެ. މިގޮތުން މުޅި ރާއްޖޭގައި 58 އައި.ޕީ ކެމެރާ ބެހެއްޓުމުގެ މަޝްރޫއާއި، އިތުރު 30 ކެމެރާ ވަޔަރލެސްކޮށް ހަރުކުރުން ވެގެންދިޔައީ މި ޚިދުމަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

ފުލުހުންނަށް ތައުލީމާއި ތަމްރީނު ދޭނެ ޚާއްސަ މަރުކަޒެއް:

ފުލުހުންނަކީ ތަޢުލީމައި ތަމްރީނުގެ ގޮތުން ކުރިއަރާފައިވާ ބަޔަކަށް ހެދުމަކީ ސަރުކާރުގެ އެންމެބޮޑު އަމާޒެވެ.

މިކަން ހާސިލް ކުރުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ސިޓީގައި ވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ނަމުގައި ޖާގަ ތަނަވަސް ބޮޑު މަރުކަޒެއް ޤާއިމުކޮށްފައެވެ. މި ކޮލެޖު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ހުޅުވުމަށްފަހު އެކޮލެޖުގައި ކިޔެވުން ފަށައި އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހެކެވެ. މީގެ އިތުރުންވެސް ފުލުހުންނަށް ޚާއްސަ ތަފާތު ތަމްރީނު ކޯސްތައް ކުރިއަށް ގެންދެއެވެ. އެގޮތުން، 220 ބައިވެރިންނާއެކު ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 35 ވަނަ ބުރުވެސް ކުރިއަށް ގެންދަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައެވެ.

ފުލުނުންގެ ޚިދުމަތަށް 90 އަހަރު ފާހަގަ ކުރާއިރު މުޖުތަމަޢުގެ އަމަން އަމާންކަން ބެލެހެއްޓުމުގެ ބޮޑު ޒިންމާ އޮތީ ފުލުހުންގެ މުވައްސަސާގައެވެ. މުޖުތަމަޢުގެ އަމާންކަން ދެމެހެއްޓުމާއި، އިންސާނީ ކަރާމާތަށް ފުރިހަމައަށް ރައްކާތެރިވުމަކީ ފުލުހުންގެ އެންމެ އިސްވާޖިބެވެ. މިކަން ޙާސިލުކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފުލުހުންނަށް އޮތް ގޮންޖެހުން ކުޑައެއް ނޫނެވެ. ޒަމާނާއިއެކު ކުށްކުރާ ފަރާތްތަކުން ކުށްތަކަށް އަރައި ގަތުމަށް ބޭނުންކުރާ އުކުޅުތަކާއިއެކު ފުލުހުންވެސް އެކަންކަމަށް ފުރިހަމައަށް ތައްޔާރުވާންޖެހެއެވެ.