ޚަބަރު

ޖަރުމަނުވިލާތުގެ އެންމެ ޒަމާނީ އަސްކަރީ ޓޭންކުތައް ޔޫކްރެއިނަށް


ޖަރުމަނުވިލާތުން އުފައްދާ "ލެޕަޑް 2" މަރުކާގެ އަސްކަރީ ޓޭންކުތައް ޔޫކްރެއިނަށް ފޮނުވާފައިވާ ކަމުގައި ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލާފް ޝޮލްޒް ހާމަކުރައްވައިފިއެވެ. މި ޓޭންކުތަކަކީ، ރަޝިޔާގެ އިސްތިއުމާރީ ސިފައިންނާ ދެކޮޅަށް ޔޫކްރެއިނުގެ ސިފައިން ކުރަމުންދާ ހަނގުރާމައިގައި ބޭނުންކުރުމަށް ޖަރުމަނުވިލާތުން ފޯރުކޮށްދީފައިވާ ޓޭންކުތަކެކެވެ.

ޖަރުމަނުވިލާތުން ޔޫކްރެއިނަށް އެންމެ ފަހުގެ ޒަމާނީ އަސްކަރީ ޓޭންކު ފޯރުކޮށްދީފައި މި ވަނީ، އެ ފަދަ ބަރުހަތިޔާރު ބޭނުންވާ ކަމުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވިތާ އެތަކެއް މަސް ފަހުންނެވެ. ޖަރުމަނުވިލާތުން ޓޭންކުތައް ޔޫކްރެއިނަށް ފޮނުވާފައި މި ވަނީ، އެ ކަމަށް އެއްބަސްވިތާ ދެ މަސްދުވަސް ފަހުންނެވެ.

"ޔޫކްރެއިނަށް ލެޕަޑް މަރުކާގެ ޓޭންކުތައް ފޮނުވާފައިވާ ކަމަށް މީޑިޔާގައި ލިޔެފައިވާ ރިޕޯޓުތަކަކީ ރަނގަޅު ރިޕޯޓުތަކެއް. ޔޫކްރެއިނަށް ފޮނުވާފައި އެ ވަނީ އެންމެ ފަހުގެ ޒަމާނީ ޓޭންކުތައް،" ޝޮލްޒް ވިދާޅުވިއެވެ. ޖަރުމަނުވިލާތުން ޔޫކްރެއިނަށް 18 ޓޭންކާއި، ޓޭންކު އުފުލަން ބޭނުންކުރާ ދެ އުޅަނދާއި، 40 އަސްކަރީ އުޅަނދު ފޮނުވާފައިވާ ކަމުގައި ޖަރުމަނުވިލާތުގެ ދިފާޢީ ވުޒާރާއިން ހާމަކުރެއެވެ.

"ޖަރުމަނުވިލާތުން ފޮނުވި ލެޕަޑް ޓޭންކުފަހަރު ބޭނުންކޮށްގެން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ މިސްރާބު ބަދަލުކޮށްލެވޭނެ. އަދި، ޔޫކްރެއިން ސިފައިންނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދޭނެ،" ޖަރުމަނުވިލާތުގެ ދިފާޢީ ވަޒީރު ބޮރިސް ޕިސްޓޯރިޔަސް ވިދާޅުވިއެވެ. ޔޫކްރެއިން ސިފައިންނަށް ލެޕަޑް މަރުކާގެ ޓޭންކުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ވެސް ޖަރުމަނުވިލާތުން ވަނީ ދީފައެވެ.

ލެޕަޑް 2 މަރުކާގެ ޓޭންކަކީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ އަސްކަރީ ޓޭންކެވެ. މިއީ، ވިލާތުގެ ގިނަ ޤައުމުތަކެއްގައި މިހާރު ބޭނުންކުރާ ޓޭންކެކެވެ. މި ފަދަ ޓޭންކު ޔޫކްރެއިނަށް ފޮނުވަން ޖަރުމަނުވިލާތުން އެންމެ ފުރަތަމަ ވަނީ ދެކޮޅު ހަދާފައެވެ. އަދި، ލެޕަޑް ޓޭންކު ބޭނުންކުރާ އެހެން ޤައުމުތަކަށް ވެސް ހުރަސް އަޅާފައެވެ.

ނަމަވެސް، ފަހުން އެ ކަމަށް އެއްބަސްވެ، ޖުމުލަ 60 ޓޭންކު ޔޫކްރެއިނަށް ފޮނުވަން ޖަރުމަނުވިލާތުން ވަނީ ނިންމާފައެވެ. މީގެ އިތުރުން އެމެރިކާއިން ވެސް ވަނީ އެ ޤައުމުގައި އުފައްދާ "އެބްރާމްސް" މަރުކާގެ އަސްކަރީ ޓޭންކު ޔޫކްރެއިނަށް ފޮނުވާނެ ކަން އިޢުލާނުކޮށްފައެވެ. އަދި، އިނގިރޭސިވިލާތުން ވަނީ އެ ޤައުމުގައި އުފައްދާ "ޗެލެންޖަރ 2" މަރުކާގެ އަސްކަރީ ޓޭންކު ޔޫކްރެއިނަށް ފޮނުވަން ނިންމާފައެވެ.

ޖަރުމަނުވިލާތުގެ އަސްކަރީ ޓޭންކުތައް ޔޫކްރެއިނަށް ފޮނުވާފައި މި ވަނީ، އެ ޤައުމަށް އަރާފައިވާ ރަޝިޔާގެ އިސްތިއުމާރީ ސިފައިން ފަހަތަށް ޖައްސައި އެ ޤައުމުން ބޭލުމަށް ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް ފެށުމަށް ޔޫކްރެއިނުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ނޭޓޯއިން ފޯރުކޮށްދެމުންދާ ބަރުހަތިޔާރަކީ އެ ކެމްޕޭނުގެ ކާމިޔާބީއަށް މުހިންމު ވަސީލަތަކަށް ވާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.