ކުޅިވަރު

ފީފާގެ ރައީސް ކަމަށް ޖިއާނީ އިންފަންތީނޯ


ފީފާގެ ރައީސް ކަމަށް ބޭފުޅަކު އައްޔަން ކުރަން ބޭއްވި އިންތިހާބު ސްވިޒަލޭންޑްގެ ޖިއާނީ އިންފަންތީނޯ އިންތިހާބުކުރައްވައިފިއެވެ. ސްވިޒަލޭންޑްގެ އިންފަންތީނޯ ފީފާގެ އިންތިހާބު ކާމިޔާބުކުރެއްވީ އޭއެފްސީގެ ރައީސް ބަހްރެއިންގެ ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާއާ ވާދަކޮށެވެ.

އުމުރުފުޅުން 45 އަހަރުގެ އިންފަންތީނޯއަށް އިންތިހާބުގެ ދެވަނަ ބުރުގައި ލިބިލެއްވީ 115ވޯޓެވެ. ޝެއިހް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާއަށް ލިބިލެއްވީ 88 ވޯޓެވެ. އުރުދުންގެ ޕްރިންސް އަލީއަށް ދެވަނަ ބުރުގައި ލިބިލެއްވީ 4 ވޯޓެވެ. އަދި ފްރާންސްގެ ޖެރޯމް ޝެމްޕޭނަށް ދެވަނަ ބުރުގައި އެންމެ ވޯޓެއްވެސް ލިބިފައެއްނުވެއެވެ. މިއަދު ބޭއްވި އިންތިހާބު ދެވަނަ ބުރަކަށް ދިޔައީ ފުރަތަމަ ބުރުން އެއްވެސް ބޭފުޅަކަށް ތިންބައިކުޅަ ދެބައި ވޯޓް ނުހޯއްދެވުމުންނެވެ.

ފުރަތަމަ ބުރުގެ ވޯޓުން އިންފަންތީނޯއަށް ލިބިލެއްވީ 88ވޯޓެވެ. ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާއަށް ލިބިލެއްވީ 85 ވޯޓެވެ. ޖެރޯމް ޝެމްޕޭންއަށް 7 ވޯޓް ލިބިލެއްވިއިރު، ޖޯޑަންގެ ޕްރިންސް އަލީއަށް ލިބިލެއްވީ 27 ވޯޓެވެ.

ދެވަނަ ބުރުގެ ވޯޓްލުމަކަށް މިއަދު ދިޔައިރު މިއީ 1974ވަނަ އަހަރުގެ ފަހުން ދެވަނަ ބުރެއްގެ ވޯޓްލުން ފީފާ އިންތިހާބުގައި ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ. އަދި މިއީ 1998ވަނަ އަހަރުގެ ފަހުން ފީފާގެ ރައީސްކަމުގެ މަޤާމަށް ސެޕް ބްލެޓަރ ނޫން އެހެން ބޭފުޅަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ. 

ޖިއާނޯ އިންފަންތީނޯ މީގެ ކުރިން ހުންނެވީ ޔޫއެފާގެ ޖެނެރަލް ސެކެޓްރީގެ މަޤާމްގައެވެ.