ޚަބަރު

ސަޢޫދީ ޢަރަބިއްޔާއާއި އީރާނުގެ ޚާރިޖީ ވަޒީރުން ރަމަޟާން މަހު ބައްދަލުކުރައްވަނީ


ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް ސަޢުދު މި ރަމަޟާން މަހުގެ ތެރޭގައި އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން ޢަބްދުﷲހިއަންއާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމުގައި ސަޢޫދީ ޢަރަބިއްޔާއިން ހާމަކޮށްފިއެވެ. ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ އެކު އަލުން ސިޔާސީ ގުޅުން ގާއިމުކުރަން އެއްބަސްވެފައި ވަނީ މި މާރިޗު މަހުގެ 10 ވަނަ ދުވަހުއެވެ.

އެއަށްފަހު، ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ދެ ފަހަރެއްގެ މަތިން ފޯނުން ވާހަކަފުޅު ދައްކަވާފައެވެ. ދެ ބޭފުޅުން ފޯނުން ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ފަހު، ގުޅުންތައް އިތުރަށް ބަދަހިކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމުގައި ސަޢޫދީ ޢަރަބިއްޔާއިން ބުނެއެވެ. އަދި، މި ރަމަޟާން މަހުގެ ތެރޭގައި ދެ ބޭފުޅުން ބައްދަލުކުރައްވަން އެއްބަސްވެވަޑައިގެންނެވި ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ.

ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު އަލުން ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ ޗައިނާއިން މެދުވެރިވެގެން ދެ ޤައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކަށް ފަހުއެވެ. އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށްފަހު، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ދެ ޤައުމުގައި ގާއިމުކޮށްފައިވާ އެމްބަސީތައް އަލުން ހުޅުވައި ޚިދުމަތްތައް ދޭން ފެށުމަށް ވެސް ވަނީ އެއްބަސްވެފައެވެ. އަދި، ދެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އިޙުތިރާމުކޮށް، ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ވެސް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.

ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން އަލުން ގާއިމުކޮށްފައި މި ވަނީ ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. 2019 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދީފައިވާ މިސައިލާއި ޑްރޯން ހަމަލާތަކެއްގެ ފަހަތުގައި ވަނީ އީރާނު ކަމަށް ސަޢޫދީން ވަނީ ތުހުމަތުކޮށްފައެވެ. ގަލްފް ކަނޑުގައި އޮތް ސަޢޫދީގެ ތެޔޮ ޓޭންކަރުތަކަކަށް އީރާނުން ހަމަލާދީފައިވާ ކަމަށް ވެސް އެ ޤައުމުން ތުހުމަތުކުރިއެވެ. ނަމަވެސް، އީރާނުން ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ޖަމާޢަތަކީ ވެސް އީރާނުން ވާގިވެރިވެދޭ ބަޔެކެވެ. އެ ޖަމާޢަތުން ވެސް ވަނީ، ސަޢޫދީ ޢަރަބިއްޔާއަށް މިސައިލް ހަމަލާތަކެއް ދީފައެވެ. އަދި، 2022 ވަނަ އަހަރުގެ ތެރޭގައި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)އަށް ވެސް ހޫޘީން ވަނީ ހަމަލާތަކެއް ދީފައެވެ. ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކުރުމާ އެކު، 2001 ވަނަ އަހަރު އެކުލަވައިލި ސަލާމަތާ ބެހޭ އެއްބަސްވުމަށް އަލުން އަމަލުކުރަން ފެށުމަށާއި، ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާއިން ކުރިން ހަދާފައިވާ އެއްބަސްވުންތަކަށް އިޙުތިރާމު ކުރުމަށް ވެސް ދެ ޤައުމުން ވަނީ އަހުދުވެފައެވެ.

ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަކީ ސުންނީންނާއި ޝިޔަޢީންނާ ދެމެދު އުފެދިފައިވާ ކޯޅުންގަނޑެކެވެ. މި ކޯޅުންގަނޑު މެދުއިރުމަތީގެ ސަރަޙައްދުތަކަށް ފެތުރި، ދެ ޤައުމުން ދަނީ ސޫރިޔާއާއި ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ވާދަވެރި ފަރާތްތަކަށް އެއްބާރުލުން ދީފައެވެ.

ސަޢޫދީ ޢަރަބިއްޔާއިން އީރާނާ އެކު ސިޔާސީ ގުޅުން ކަނޑައިލާފައި ވަނީ 2016 ވަނަ އަހަރު ތެހެރާނުގައި ހުންނަ ސަޢޫދީ ޢެމްބަސީއަށް ބަޔަކު ވަތް ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާ ހިނގާފައި ވަނީ، ސަޢޫދީ ޢަރަބިއްޔާއިން އެ ޤައުމުގައި އުޅޭ ޝިޔަޢީންގެ ދީނީ ޢިލްމުވެރިއަކަށް މަރުގެ އަދަބު ދިނުމާ ގުޅިގެންނެވެ.