ޚަބަރު

މޮސްކޯގެ ދެކުނަށް ޔޫކްރެއިނުގެ ޑުރޯނެއް ވައްޓާލައިފި


ރަޝިޔާއަށް ހަމަލާދިނުމަށް ޔޫކްރެއިނުން ފޮނުވި ޑްރޯނެއް ވައްޓައިލާފައިވާ ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ. ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމުން ޑްރޯންއަށް ހަމަލާދިނުމުން ޑްރޯން ވެއްޓިފައި ވަނީ ޢާންމުން ދިރިއުޅޭ ޢިމާރާތަކަށެވެ. މި ހާދިސާގައި ތިން މީހަކު ޒަޚަމުވެފައިވާ ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.

ވައްޓައިލާފައިވާ ޑްރޯންއަކީ ޔޫކްރެއިނުން ފޮނުވި އެއްޗެއް ކަމުގައި ރަޝިޔާއިން ބުނި ނަމަވެސް، ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާއަށް ދޭ މި ފަދަ ހަމަލާތަކުގެ މަޢުލޫމާތު ޢާންމު ކުރުމަށް ޔޫކްރެއިނުން ދެކޮޅު ހަދައެވެ. ރަޝިޔާއިން ބުނީ ޑްރޯން ވެއްޓިފައި ވަނީ ޓޫލާ ސަރަޙައްދުގެ ރަށެއް ކަމުގައިވާ ކިރެޔެވްސްކަށް ކަމުގައެވެ. އެއީ، ވެރިރަށް މޮސްކޯގެ ދެކުނުން އޮންނަ ސަރަޙައްދެކެވެ.

ރަޝިޔާއިން ބުނީ ވައްޓައިލާފައި ވަނީ ޔޫކްރެއިނުގެ "ޓޫ-141 ސްޓްރިޜް" މަރުކާގެ ޑްރޯނެއް ކަމުގައެވެ. އަދި، އެ ޑްރޯން ވައްޓައިލާފައި ވަނީ ރަޝިޔާގެ އަސްކަރިއްޔާގެ އިލެކްޓްރޯނިކް ޔުނިޓުން ދިން ހަމަލާއެއްގައި ކަމަށް ވެސް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.

ޑްރޯން ވެއްޓުނު ހާދިސާގައި ތިން މީހަކު ޒަޚަމުވި ނަމަވެސް، އެއްވެސް މީހަކަށް ސީރިޔަސް އަނިޔާތަކެއް ލިބިފައިނުވާ ކަމުގައި އެ ސަރަޙައްދުގެ އޮފިޝަލުން ވިދާޅުވެއެވެ. ނަމަވެސް، މި ހާދިސާގައި ޢާންމުން ދިރިއުޅޭ ފަސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ޔޫކްރެއިނަށް ރަޝިޔާގެ ރަށްތަކަށް ޑްރޯން ހަމަލާތައް ދީފައިވާ ކަމުގައި މީގެ ކުރިންވެސް ރަޝިޔާއިން ރިޕޯޓުކޮށްފައިވެއެވެ. ބައެއް ހަމަލާތައް އަމާޒުކޮށްފައި ވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް އެތަކެއް ސަތޭކަ ކިލޯމީޓަރެއް ދުރުގައި އޮންނަ ރަށްތަކަށެވެ. 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ޔޫކްރެއިނުން ދިން ކަމަށް ބުނާ މި ފަދަ ޑްރޯން ހަމަލާއެއްގައި ރަޝިޔާގެ ވައިގެ ސިފައިންގެ ތިން މީހުން މަރުވި ކަމުގައި ރަޝިޔާއިން ބުނެއެވެ.