ޢުމްރާވެރިންގެ ބަޔަކު ގޮވައިގެން ދަތުރުކުރި ބަހެއް ބްރިޖެއްގައި ޖެހި 20 މީހަކު މަރުވެއްޖެއެވެ. ސައުދީގެ އަގަބަތް ޝަރާރްގައި ހިނގި މި އެކްސިޑެންޓްގައި 29 މީހަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަމަށްވެސް އެ ޤައުމުގެ ނޫސްތަކުން ބުނެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އެ އެކްސިޑެންޓް ހިނގީ ޢުމްރާވެރިން ގޮވައިގެން ދަތުރުކުރި ބަހުގެ ބްރޭކް ފެއިލްވެ ވެގެން ގޮސް ބްރިޖެއްގައި ޖެހިގެންކަމަށް ސައުދީގެ ނޫސްތަކުން ބުނެއެވެ. އަދި ބްރިޖުގައި ޖެހުމާއި އެކި ބަސް ފުށުން ޖެހި އޭގައި އަލިފާން ހިފިކަމަށްވެސް މަންޒަރު ދުށް މީހުންނާއި ހަވަލާދީ ނޫސްތަކުގައި ބުނެއެވެ.
މިއަހަރުގެ ރަމަޟާން ޢުމްރާގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ސަރަހައްދުތަކުން އެތައް ބަޔަކު ދަނީ މައްކާއަށް ދުތުކުރަމުންނެވެ. މައްކާއަށް ދާ މީހުން ގިނަވުމުން ސައުދީން ވަނީ ރަމަޟާންމަހު ޢުމްރާއަށް ދާ މީހުންނަށް ކުރެވޭނީ އެންމެ ޢުމްރާއެއްކަމުގައި ކަނޑައަޅާފައެވެ. އަދި މިގޮތަށް ކަނޑައެޅީ ރަމަޞާންމަހު ޢުމްރާގެ އަޅުކަން އަދާކުރުމުގެ ޝައުގުވެރިކަން ހުރި ގިނަ މީހުން ތިބުމާއެކު ލުއިފަސޭހަކަމާއެކު ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުންކަމަށްވެސް ސައުދީން ބުނެއެވެ.