މާލޭއިން ސިނަމާލޭ ބްރިޖަށް އަރާ ސަރަހައްދުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް އެޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ރޭ ދަންވަރު 02:30 ގައި ވޭނަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާދެމުން އަންނަނީ 26 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށެވެ. އަދި މި ޒުވާނާއަކީ ސައިކަލް ދުއްވަން އިން މީހާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި މި ހާދިސާގައި އަނިޔާވި ޒުވާނާގެ ހާލުގެ ތަފްސީލެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މާލޭއިން ބްރިޖަަށް އަރާ ލައިޓްކައިރިންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.