ޚަބަރު

ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިޕާޕަސް ހޯލެއް އަޅަނީ


ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މަލްޓިޕަރޕަސް ހޯލް ޢިމާރާތްކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރައްވައިފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ޢަލީއެވެ. ވޭވް ލެންތު ޕްރައިވެޓު ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޔޫނުސް އިބްރާހީމެވެ.

މި އިމާރާތާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާޢީލް ޢަލީ ވިދާޅުވީ، ހއ. ތައުލީމީ މަރުކަޒަކީ މަލްޓިޕާޕަސް ހޯލެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ސްކޫލެއް ކަމަށާއި މި މަސައްކަތަކީ ވޯލްޑު ބޭންކު ޕްރޮޖެކްޓުގެ ދަށުން އިމާރާތް ކުރެވޭ ހޯލެއް ކަމަށެވެ. 8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ ހޯލުގެ މަސައްކަތް 290 ދުވަހުގެ ތެރޭގައި ނިންމާ އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލުކުރަންޖެހޭ ކަމަށްވެސް އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒަކީ އެލްކޭޖީއިން ފެށިގެން ގްރޭޑު 11 އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. މި ސުކޫލްގައި ޖުމްލަ 748 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.