ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ ކޮންމެ ނިންމުމަކީ މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ނިންމާ ނިންމުންތަކެއްކަމަށް އެ ބޯޑުން ބުނެފިއެވެ.
ޕީސީބީން މިހެން ބުނެފައި މިވަނީ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ސަރުކާރުން ޢައްޔަންކުރާ ފަރާތްތައް ޢައްޔަންކުރުމާއި ވަކިކުރުމާއި ގުޅޭގޮތުން މީޑިއާތަކުގައި ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް ބައެއް ފަރާތްތަކުން ހަބަރުތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
ޕީސީބީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބޯޑުން ކޮންމެ ނިންމުމެއްވެސް ނިންމަނީ، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ އެންމެހާ ޙިއްސާދާރުންނާ ދައުލަތާއި ރައްޔިތުންގެ މަޞްލަޙަތު ހިމާޔަތް ކުރެވޭނެކަން ކަށަވަރުވާނެހެން މިނިވަންކަމާއެކުކަމަށެވެ.
ޕީސީބީން ބުނީ ޤާނޫނުން ބޯޑަށް މަތިކޮށްފައިވާ އެންމެހާ މަސައްކަތްތައް އަބަދުވެސް ކުރަމުންދާނީ ޤާނޫނުތަކާއި ޤަވައިދުތަކާއި އުޞޫލުތަކާއި އެއްގޮތަށްކަމަށެވެ. އަދި ކުރިއަށް އޮތްތާންގަވެސް ބޯޑުން ޢަމަލުކުރަމުން ދާނީ ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށްކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭ ކަމަށްވެސް ބަޔާނުގައިވެއެވ.
ޕީސީބީން ބުނީ ސަރުކާރު ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ގަވައިދާއި އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާކަމަށެވެ.
ޕީސީބީން ވަނީ އާއްމު މަޞްލަޙަތު ހިމެނޭ މިފަދަ ކަންކަމުގައި ހަގީގަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.
ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަންކޮށް ވަކިކުރަނީ ދަޢުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕްރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވަލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުންނެވެ.
މި ޤާނޫނުގައި ބުނާގޮތުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބޯޑުތަަކަށް ސަރުކާރުން ޢައްޔަންކުރާ ފަރާތްތައް އައްޔަންކޮށް ވަކިކުރަނީ އެ ޤާނޫނުގެ ދަށުން އެކުލަވާލާ، ބޯޑުން ފާސްކޮށްފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެ އުސޫލަކީ 2018 ވަނަ އަހަރު، ބޯޑު ފުރަތަމަ އެކުލަވާލިއިރު ޢަމަލުކުރަމުން ދިޔަ މައިގަނޑު އުސޫލުގެ އަސާސްތަަކަށް ބިނާކޮށް، އިތުރަށް ހަރުދަނާކުރުމަށްފަހު ބޯޑުން މިހާރު ޢަމަލުކުރަމުންދާ އުސޫލުކަމަށް ޕީސީބީން ބުނެއެވެ.