ޚަބަރު

ރަމަޟާންމަހު ޢުމްރާގެ އަޅުކަން އަދާކުރެވޭނީ އެއްފަހަރު: ސަޢުދީ


ރަމަޟާންމަހު އުމްރާވެރިންނަށް އުމްރާ ތަކުރާރުކުރުމުގެ ހުއްދައެއް ނުދޭ ކަމަށާއި، އެކަން ކުރުމުގެ ހައްގު ލިބެނީ އެންމެ ފަހަރަކުކަމަށް ސަޢުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ރަމަޟާންމަހު ޢުމްރާވެރިންނަށް އުމްރާ ތަކުރާރު ކުރުމުގެ ހުއްދަ ނުދިނުމަށް ސަޢުދީ ސަރުކާރުން ނިންމެވީ ބަރަކާތްތެރި ރަމަޞާންމަހު ޢުމްރާގެ އަޅުކަން އަދާކުރުމުގެ ޝައުގުވެރިކަން ހުރި ގިނަ މީހުން ތިބުމާއެކު ލުއިފަސޭހަކަމާއެކު ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުންކަމަށެވެ.

ސަޢުދީ ސަރުކާރުން ވަނީ ޢުމްރާގެ އަޅުކަން އަދާކުރުމަށް ނޫސުކް އެޕް މެދުވެރިކޮށް ހުއްދައަށް އެދުމަށް އަންގާފައެވެ. އަދި އުމްރާއަށް ދާން ބޭނުންވާ ތާރީހަށް އިސްލާހު ނުގެނެވުނުނަމަވެސް ޢުމްރާވެރިންނަށް ނޫސުކް އެޕް މެދުވެރިކޮށް އެޕޮއިންޓްމަންޓް ޑިލީޓް ކުރެވެއެވެ.

މީގެ އިތުރަށް އެ ޤައުމުން ވަނީ ހައްޖުވުމަށާއި އުމްރާވުމަށް ސައޫދީ އަރަބިއްޔާއަށް ގޮސް އުޅޭއިރު، އެގައުމުގެ މުގައްދަސް ބިނާތަކަށް ހައްގުގޮތުގައި އިހްތިރާމް އަދާކުރުމަށާއި، އަބަދު ފޮޓޯ ނެގުމައިގެން މަޝްޣޫލްވެ ނޫޅުމަށް، އަންގާފައެވެ. އަދި ފޮޓޯ ނެގުމަށްޓަކައި، ތަވާފް ކުރުމާއި އެހެންވެސް ރުކުންތައް އަދާކުރަމުންދާއިރު ކުއްލިއަކަށް ހުއްޓުންފަދަ ކަންތައް ކުރާނަމަ، ބައިބޯވެ، މީހުން ފިތުންފަދަ ހަދިސާތައް ދިމާވާކަން ހަނދާން ކޮށްދީފައިވެއެވެ.

ކޮންމެ އަހަރަކުވެސް ރަޟާން މަހާ ދިމާކޮށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށް ދެއެވެ. ޚާއްސަގޮތެއްގައި ރަމަޟާންމަހުގެ ފަހު ދިހައެއްގައި އުމްރާގެ އަޅުކަން އަދާކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ދާއިރު އެފަހަރު ގޮސްތިބި މީހުންވެސް ދެއެވެ.