ޚަބަރު

ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރު ބެލަރުސްއަށް ފޮނުވައިފިނަމަ ފިޔަވަޅުއަޅާނަން: އީޔޫ


ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރު ބެލަރުސްގައި ފޮނުވައިފި ނަމަ ބެލަރުސްއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމުގެ އިންޒާރު ވިލާތުގެ އިއްތިހާދު (އީ.ޔޫ) އިން ދީފިއެވެ. ބެލަރުސްއަކީ ޔޫކްރެއިނުގެ އުތުރުން އިރުމަތީ ވިލާތުގައި އޮންނަ ޤައުމެކެވެ. އެ ޤައުމަށް ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރު ފޮނުވަން ނިންމާފައިވަނީ، ޔޫކްރެއިނަށް އަރާ، ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި ނޭޓޯއިން ޔޫކްރެއިނަށް އަސްކަރީ ހަތިޔާރު ފޯރުކޮށްދޭތީ ކަމަށް ރަޝިޔާއިން ބުނެއެވެ.

"ބެލަރުސްގައި ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރު ބެހެއްޓުމަކީ ވިލާތުގެ ޤައުމުތަކަށް އޮތް ނުރައްކާ އިތުރުވާނެ އަމަލެއް. އެ ކަން ހުއްޓުވުމުގެ ފުރުޞަތު ބެލަރުސްއަށް އަދިވެސް އެބައޮތް. ނަމަވެސް، އެ ކަން ނުހުއްޓުވައިފި ނަމަ، ބެލަރުސްއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނަން،" އީ.ޔޫ.ގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވިއެވެ.

ބެލަރުސްއަށް ރަޝިޔާގެ "ޓެކްޓިކަލް" ނިއުކްލިޔަރ ހަތިޔާރު ފޮނުވަން ނިންމާފައިވާ ކަން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓީން އިޢުލާނު ކުރައްވާފައި ވަނީ މާރިޗު 25 ވަނަ ދުވަހުއެވެ. އެމެރިކާގެ ނިއުކްލިޔަރ ހަތިޔާރު ވެސް ޖަރުމަނުވިލާތާއި، ބެލްޖިޔަމްއާއި، އިޓަލީވިލާތާއި، ނެދަލެންޑްސްގެ އިތުރުން ތުރުކީވިލާތުގެ އަސްކަރީ މަރުކަޒުތަކުގައި ބަހައްޓާފައިވާ ކަން ފާހަގަކުރައްވައި، ޕުޓިން ވިދާޅުވީ ރަޝިޔާއިން ބެލަރުސްއަށް ވެސް ނިއުކްލިޔަރ ހަތިޔާރު ފޮނުވަނީ އެ ބީދައިން ކަމުގައެވެ.

2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގައި ނިއުކްލިޔަރ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އިތުރުވެފައެވެ. ނަމަވެސް، ރަޝިޔާއިން ޔޫކްރެއިނުގެ ސިފައިންނާ ދެކޮޅަށް ކުޑަ "ޓެކްޓިކަލް" ނިއުކްލިޔަރ ހަތިޔާރެއް ބޭނުންކޮށްފާނެ ކަމަށާއި، ރަށެއް ސުންނާފަތިކޮށްލާ ފަދަ ނުރައްކާތެރި އަދި ބޮޑު ނިއުކްލިޔަރ ބޮމެއް ގޮއްވައިލަން ރަޝިޔާއަށް ނުކެރޭނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

ބެލަރުސްއަށް ނިއުކްލިޔަރ ހަތިޔާރު ފޮނުވަނީ "ނިއުކްލިޔަރ ބްލެކްމެއިލްކޮށް" ޔޫކްރެއިނަށް ބިރުދެއްކުމުގެ ބޭނުމުގައި ކަމަށް ޔޫކްރެއިނުން ބުނެއެވެ. އަދި، އެ ކަން ހުއްޓުވައިދިނުމަށް އެދި ޔޫކްރެއިނުން ވަނީ އ.ދ.ގެ ސަލާމަތީ މަޖިލީހަށް ގޮވައިލާފައެވެ. މިއީ، އިނގިރޭސިވިލާތާއި، ޗައިނާއާއި، އެމެރިކާއާއި، ފަރަންސޭސިވިލާތުން ހުއްޓުވަން ޖެހޭ ފަދަ އަމަލެއްގެ ގޮތުގައި ޔޫކްރެއިނުން ސިފަކުރެއެވެ.

ނަމަވެސް، ޕުޓިން ވިދާޅުވަނީ ބެލަރުސްގައި ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރު ބެހެއްޓުން މިއީ ބައިނަލްއަޤުވާމީ މުޖުތަމަޢުގައި އައު ކަމެއް ނޫން ކަމުގައެވެ. އަދި، ބަޔަކު ހައިރާންވާން ޖެހޭ ފަދަ ކަމެއް ވެސް ނޫން ކަމުގައެވެ. އޭނާ ވިދާޅުވީ، އެމެރިކާގެ ނިއުކްލިޔަރ ހަތިޔާރު އެހެން ގިނަ ޤައުމުތަކެއްގައި ބަހައްޓާފައިވާ ކަމަށާއި، އެގޮތަށް އަމަލުކުރުމުގެ އިޚުތިޔާރު ރަޝިޔާއަށް ވެސް އޮންނަންޖެހޭނެ ކަމުގައެވެ.

ބެލަރުސްގައި ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރު ބަހައްޓަން ބޭނުންކުރާނެ މަރުކަޒުތައް ޢިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގައި ރަޝިޔާއިން ބުނެއެވެ. އަދި، އެ ތަން ބަލަހައްޓާނެ ބެލަރުސްގެ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް އޭޕްރިލް މަހުގެ 3 ވަނަ ދުވަހު ފަށާނެ ކަމަށާއި، އެ މަރުކަޒު ޢިމާރާތްކުރުމުގެ މަސައްކަތް ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ރާވާފައިވާ ކަމުގައިވެސް ރަޝިޔާއިން ބުނެއެވެ.