ޚަބަރު

ރޯދަމަހު ލޭހަދިޔާ ކުރެވިދާނެ - އެހެންނަމަވެސް ވިސްނާލަންޖެހޭ ކަންތައްތަކެއް


ޞަދަޤާތް ކުރުމަކީ އެކަމުގެ މާތްކަން ބަޔާންކުރައްވާ ކީރިތި ޤުރްޢާނުންނާއި އެކިއެކި ހަދީޘުން ބާރުއަޅުއްވާފައިވާ ކަމެކެވެ. ޙާއްސަކޮށް ރަމަޟާންމަސް ކަހަލަ ބަރަކާތްތެރި މަހެއްގައި ޞަދަގާތް ކުރުމަކީ ދަރުމަޔާ ސަވާބު އިތުރުވެ މީހާގެ ފާފަ ފޮހެވިގެންދާނެ ޢަމަލެކެވެ.

އެކި ގޮތްގޮތުން ޞަދަޤާތް ކުރެވޭ އިރު ލޭ ހަދިޔާ ކުރުމަކީވެސް ޞަދަޤާތެކެވެ. ލޭހަދިޔާ ކުރުމަކީ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ތިމާއަށް ވެވޭ ވަރަށް ބޮޑު އެހީއެކެވެ. އެހެނީ މީހެއްގެ ފުރާނަ ސަލާމަތް ކުރުން އެއީ އެންމެންގެ ފުރާނަ ސަލާމަތްކުރުން ފަދަ ކަމެއް ކަމުގައި ކީރިތި ޤުރްޢާނުގައި ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ ވަޙީކުރައްވާފައެވެ.

ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގެ ވެއެވެ. "نفس އެއް މަރައިގެން، ނުވަތަ ބިމުގައި فساد އެއް އުފައްދައިގެން ނޫންގޮތަކަށް، نفس އެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ."

އެހެންނަމަވެސް ރަމަޟާން މަހު ލޭ ހަދިޔާ ކުރުން އެހެން މަސްމަހާއި ޙިލާފަށް ތަފާތުވާނެއެވެ. އެގޮތުން ރަމަޟާން މަހު ލޭ ހަދިޔާ ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް މޯލްޑިވްސް ބްލަޑް ބޭންކްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕެޑިއަޓްރިކްސް ޑރ. އަހުމަދު އުމަރު ވަނީ ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވާފައެވެ.

ލޭހަދިޔާ ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަން:

ރޯދައަށް ހުރެ ލޭ ހަދިޔާ ކުރުމަކީ ރޯދަ ގެއްލޭ ކަމެކެވެ. އެހެންކަމުން ރޯދަ މަހުގެ ދުވާލުގައި ލޭ ހަދިޔާ ނުކުރެވޭނެއެވެ. ނަމަވެސް ރޯދަވީއްލުމަށް ފަހު ލޭ ހަދިޔާ ކުރަން އަންނަ ފަރާތްތައް ރަނގަޅަށް ރޯދަ ވީއްލައިގެން އައުމަށް ޑރ. އަޙްމަދު އުމަރު ވަނީ ޢިލްތިމާސްކޮށްފައެވެ.

ޑރ. އުމަރު ވިދާޅުވީ، ލޭ ހަދިޔާ ކުރުމަށް އަންނައިރު ރޯދަ ވީއްލުމުގެ އިތުރަށް އެއްޗެއް ކައިގެން އައުމަށެވެ. ސަބަބަކީ ދުވާލު ނުކައި ހުރެފައި ހަމައެކަނި ރޯދަވީއްލާ އެއްޗަކުން ހަށިގަނޑަށް އެކަށޭނެ ހަކަތަ ނުލިބޭނެތީއާއި، އޭގެ ސަބަބުން ލޭ ހަދިޔާ ކުރުމުން ފުރާނައަށް ނުރައްކާ ވެދާނެތީއެވެ.

ހަމަމިއާއެކު ރޯދަވީއްލުމުގެ ކުރިންނާއި ރޯދަވީއްލުމަށްފަހުވެސް ގިނައިން ދިޔާ އެއްޗެހި ބޭނުން ކުރުމަށް ޑރ. އުމަރު ވަނީ ނަސޭހަތްތެރިވެފައެވެ. ޑރ. އުމަރު ވިދާޅުވީ، ބަރުދަނުގައި 45 ކިލޯ ހުރި 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ލޭ ހަދިޔާ ކުރަން އާދެވޭނެކަމެށެވެ. އަދި ލޭ ހަދިޔާ ކުރަން އަންނަ މީހެއްގައިގައި 12.5 ކަށް ވުރެ މަތިން ހިމަގްލޮބިން ހުންނަން ޖެހޭނެ ކަމަށްވެސް ޑރ. އަހުމަދު އުމަރު ފާހަގަކުރެއްވިއެވެ.

"ރޯދަ މަހަކީ ލޭ ލިބުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް އުޅޭ މަހެއް. އެކަމަކު ވަކި ލޭ ހަދިޔާ ކުރާ މީހުން ދަށެކޭ ނުއެއް ދެންނެވޭނެ. އެހެންނަމަވެސް ލޭ ހޯދުމުގައި އިތުރު މަސައްކަތްތަކެއް ކޮށްލަންޖެހޭ" ޑރ. އަޙްމަދު އުމަރު ވިދާޅުވިއެވެ.

ޑރ. އަހުމަދު އުމަރު ވަނީ ލޭ ހަދިޔާ ކުރެވޭ ފަރާތްތައް ވޮލެންޓިއަރކޮށް، ދަރުމައަށް އެދި ލޭ ހަދިޔާ ކުރާނަމަ ލެއަށް ބޭނުންވެގެން އަންނަ ފަރާތްތަކަށް އިތުރު މަސައްކަތަކާ ނުލައި ލޭ ދެވޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެހެންކަމުން ޤަވާޢިދުން ތިން މަހުން ތިން މަހުން ލޭ ހަދިޔާ ކުރާ ފަރާތްތައް ލޭ ހަދިޔާ ކުރެއްވުމަށް ޑރ. ވަނީ ޢިރުޝާދު ދެއްވާފައެވެ.

މޯލްޑިވްސް ބްލަޑް ސާރވިސް ހުޅުވިފައި ހުންނާނީ ރޭގަނޑު 08:00 - މެންދަމު 01:00 ދެމެދުގައެވެ. މި ރަމަޟާން މަހުވެސް ލޭ ހަދިޔާ ކުރުމުގައި ސަމާލުކަން ދޭންވީ ކަންތައް ހަނދާނުގައި ބަހައްޓައިގެން ލޭ ހަދިޔާ ކުރުމުގެ މާތް ޞަދަޤާތް އެންމެންވެސް ކުރެވޭތޯ ބަލާށެވެ.